ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ނިންމާފައިވާ ބިރުވެރި ފިލްމު "ބަޅިނދު" ގެ ލޯގޯ ޓީޒާއެއް ދައްކާލައިފި އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ މިދިޔަ އަހަރު "ގޮށްރާޅު" ގެނެސްދިން އަހުމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި "ބަޅިނދު" އަކީ އޭނާ ހަދާ ދެވަނަ ބިރުވެރި ފިލްމެވެ. ޝިނާން 2016 ގައި ޑައިރެކްޝަނަށް ނުކުތީ ފާތުމަތު ނަހުލާއާ އެކު ގެނެސްދިން ބިރުވެރި ފިލްމު "4426" އިންނެވެ.
"ބަޅިނދު" އަކީ ސްކްރީން ރައިޓިން އަށް އަލަށް ނުކުމެގެން އުޅޭ ޒުވާން ލިޔުންތެރިޔާ ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
މީގެ ކާސްޓުންގެ ތެރޭގައި ޑާކް ރެއިންގެ މޫނުމަތި ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު މުހައްމަދު ޔުނާން، އިސްމާއީލް (ޖުމާ) ޖުމައިހް، އައިމިނަތު ރަޝްފާ (އާޝާ)، ޝަރާ އަދި ހުނޭޝާ އާދަމް ހިމެނެ އެވެ.
"ބަޅިނދު" ލޯގޯ ޓީޒާ ދައްކައިލި ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ފިލްމުގެ އިތުރުން ހޫދަކީ ޑާރް ރެއިނުން އިއުލާންކޮށްފައިވާ "ކައިވެނީގެ އަމާޒު" ވެސް ސްކްރީން ރައިޓަރެވެ.
މި އަހަރު ޑާކް ރެއިނުން ގެނެސްދޭން ތާރީހު އިއުލާންކޮށްފައިވާ ހަމައެކަނި ފިލްމަކީ ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. އަލީ ޝިފާއު އާއި އައިޝަތު ފުއާދު ތައުފީގް ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ސިނަމާ އަށް އަންނާނީ މި އަހަރުގެ ޖުލައި 6 ގަ އެވެ.