ނިމާލުގެ އާ ޑައިރެކްޝަނަކީ "ހެހެސް"

ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ތަޖުރިބާކާރު ޑައިރެކްޓަރު އަހުމަދު ނިމާލް އަހަރުތަކެއް ފަހުން، އާ ފިލްމެއް ގެނެސްދޭން ނިންމައި އެ ފިލްމު ލޯންޗްކޮށްފި އެވެ.


އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާއެއްގައި ލޯންޗްކުރި މި ފިލްމަކީ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ "ހެހެސް" އެވެ. ފިލްމުގެ ޕޯސްޓަރުގައިވާ ގޮތުން މީގެ ޓެގް ލައިނަކީ "އިން ފަހަނައެޅި އިޝްގް" އެވެ.

"ހެހެސް" ގެ ބަތަލުންނަކީ މީގެ ސްކްރީންޕްލޭ ލިޔުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. މި ފިލްމުގެ ހާއްސަ އެއް ކަމަކީ ފިލްމީ ދާއިރާ އަށް މި ފަހުން ތައާރަފުވެގެން އުޅޭ އާ މޫނުތަކެއް މައިގަނޑު ބަތަލާއިންގެ ކާސްޓުގައި ހިމެނުމެވެ.

އޭގެ ތެރޭގައި "ދެވަންސޫރަ" އިން ތައާރަފުވި މަރިޔަމް ޝިފާ އާއި "+40" އިން ތައާރަފުވި ދެ ބަތަލާއިން ކަމަށްވާ އިރުފާނާ އިބްރާހީމާއި އައިޝަތު ލަހުފާ އާއި ބައިސްކޯފް އެޕްގެ "ތިން ބިބީ" އިން ވިދައިލި ވަޝިއްޔާ މުހައްމަދު (ޝިޔާ) ގެ އިތުރުން ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) 2017 ގައި ގެނެސްދިން ކާމިޔާބު ވީޑިއޯ ލަވަ "ލޯބިކަން" އިން ތައާރަފުވި ބަތަލާ ޝިޔާޒާ މުހައްމަދު ހިމެނެ އެވެ.

"ހެހެސް" ވެގެން ދާނީ ޝިޔާޒާގެ އަލަތު ފިލްމަށެވެ.

ޔޫއްޕެގެ ފިލްމު ކުންފުނި ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ޝައި ޕްރޮޑަކްޝަނުން ހަދާ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު މީގެ މަންޒަރުތައް މާލެ އާއި ބ. ގޮއިދޫގައި ނަގާނެ އެވެ. ނަމަވެސް "ހެހެސް" ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ސިޓީ" އާއި "އަނިޔާ" އަދި "ޒަލްޒަލާ އެނބުރި" އައުން ފަދަ ފިލްމުތައް ގެނެސްދިން ނިމާލް ޑައިރެކްޓްކޮށް، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "އެ ރެއަށް ފަހު" އެވެ.