16 އަހަރުގައި ސަލްމާނާ އެކު ފިލްމެއް ކުޅެން ލިބުނު: ޝްރަދާ ކަޕޫރް

އުމުރުން އެންމެ 16 އަހަރުގައި ސަލްމާން ޚާނާ އެކު ފިލްމެއް ކުޅެން ލިބުނު ކަމަށާއި އެކަމަކު އެ ފުރުސަތު ދޫކޮށްލީ ކިޔަވަން ބޭނުންވާތީ ކަމަށް ބަތަލާ ޝްރަދާ ކަޕޫރް ބުނެފި އެވެ.


ބޮލީވުޑްގައި މި ވަގުތު އެންމެ ވިދާ ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ 33 އަހަރުގެ ޝްރަދާ ބުނީ އެހާ ޅަ އުމުރުގައި ސުޕަސްޓާޓަރާ އެކީ ފިލްމެއް ކުޅެން ލިބުމަކީ ކާމިޔާބީއެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އޭގެ ބަދަލުގައި ފުރާވަރުގެ އުމުރަކީ ކިޔަވަން ޖެހޭ އުމުރު ކަމަށާއި ބޭނުންވީ ކޮލެޖް ފުރިހަމަކުރަން ކަމަށް ޝްރަދާ ބުންޏެވެ.

"އޭރު ވެސް އަހަންނަކީ ފިލްމީ ތަރިއަކަށްވުމުގެ ހުވަފެން ދެކުނު މީހެއް. އެކަމަކު އެހާ ޅަ އުމުރުގައި ކިޔެވުން ދޫކޮށްލާފައި ފިލްމީ ކެރިއަރެއްގެ ފެށުމަކީ ޒަމީރު ގަބޫލުކުރި ކަމެއް ނޫން." ސަލްމާނާ އެކު އެތައް ފިލްމެއްގައި މަސައްކަތްކުރި އެކްޓަރު ޝަކްތީ ކަޕޫރްގެ އަންހެން ދަރިފުޅު ބުންޏެވެ. "އަހަރެން އަބަދު ވެސް ބޭނުންކީ ކިޔެވުން ނިންމާލާފައި ފިލްމީ ދާއިރާ އަށް ނުކުންނަން."

ޝްރަދާ ބުނިގޮތުގައި އޭނާ އަށް ސަލްމާނާ އެކު ކުޅެން ލިބުނީ އޭނާގެ ވަރަށް ކާމިޔާބު ފިލްމެކެވެ. އެކަމަކު އޭގެ ނަމެއް ނުބުނެ އެވެ.

ޝްރަދާ ބޮލީވުޑަށް ނުކުތީ 2010 ގައި ފިލްމު "ތީން ޕައްތީ" އިންނެވެ. އޭރު އުމުރުން 23 އަހަރެވެ. އެކަމަކު އޭނާ މަޝްހޫރު ބަތަލާއަކަށް ބަދަލުކޮށްލީ އޭގެ ތިން އަހަރު ފަހުން 2013 ގެ "އާޝިގީ 2" އިންނެވެ.

ޝްރަދާ އަކީ އިންޑިއާގެ ޖަމްނަބާއީ ނަސްރީ ސްކޫލާއި އެމެރިކަން ސްކޫލް އޮފް ބޮމްބޭ އިން ކިޔެވުމަށް ފަހު، ސައިކޮލޮޖީ ހެދުމަށް ބޮސްޓަން ޔުނިވަސިޓީގައި ވެސް ދުވަސްކޮޅެއް ވަންދެން ކިޔެވި ބަތަލާއެކެވެ. އެކަމަކު ފުރަތަމަ އަހަރު އޭނާ ވަނީ ޔުނިވަސިޓީ ދޫކޮށްލައިފަ އެވެ. އެއީ "ތީން ޕައްތީ" އިން ފުރުސަތު ލިބުމާ ގުޅިގެންނެވެ.

ބޮލީވުޑަށް ނުކުމެ ޝްރަދާ ވަނީ އޭނާގެ އެކްޓިން ހުނަރުން އެތައް ބައެއްގެ ލޯބި ހޯދައިފަ އެވެ. އޭނާ މިހާތަނަށް ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2" އާއި "އޭކް ވިލަން" އާއި "ހައިދަރު" އާއި "ހާފް ގާލްފްރެންޑް" އާއި "އިސްތިރީ" ހިމެނެ އެވެ.

މޮޅު ނެށުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޝްރަދާ އަކީ ވަރަށް ރީތިކޮށް ލަވަ ވެސް ކިޔާ ބަތަލާއެކެވެ. އެގޮތު އޭނާގެ "ބާގީ" އާއި "އޭކް ވިލަން" އަށް އަމިއްލަ އަޑުން ލަވަ ވެސް ކިޔާފައިވެ އެވެ.

ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި "ބާގީ 3" އެވެ.