28 ޖެނުއަރީ 2021 - 12:33
ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރަދާ ކަޕޫރް ވެސް މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝްރަދާ، 33، މީގެ ކުރިން ދެ އެކްޓަރަކާ ލޯބީގެ ގޮތުން ގުޅުންތަކެއް ބޭއްވި އެވެ. އެއީ ދެ ދަރިން ލިބިފައި ވަނިކޮށް ކައިވެނި ރޫޅުނު އެކްޓަރު/ޑައިރެކްޓަރު ފަރުހާން އަޚްތަރު، 47، އާއި ޒުވާން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް، 35، އާ އެވެ.
ޝްރަދާ އާއި އަދިތިޔާ އަކީ "އާޝިގީ 2" އާއި "އޯކޭ ޖާނޫ" ގެ ދެ ތަރިންނެވެ. ޝްރަދާ އާއި ފަރުހާންގެ މެދުގައި ގުޅުމެއް އުފެދުނީ ފަރުހާނާއި ހެއާ ސްޓައިލިސްޓް އަދުދާ ބަބާނީގެ ކައިވެނި 2017 ގައި ރޫޅުނު ތަނާ އެވެ، އޭރު ޝްރަދާ އާއި ފަރުހާން ދިޔައީ އެކީގައި "ރޮކް އޯން 2" ގެ މަސައްކަތް ވެސް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޝްރަދާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޕްރޮފެޝަނަލް ފޮޓޯގްރާޕަރެއްގެ ގޮތުގައި މަސައްކަތްކުރާ ރޯހަން ޝްރެސްތާ، 35، ކިޔާ މީހަކާ އެވެ. މި ދެ މީހުންގެ މެދުގައި ގުޅުމެއް އޮންނަ ކަމުގެ އަޑުތަކެއް ކުރިން ވެސް އަރާފައިވެ އެވެ.
މި ފަހަކަށް އައިސް ޝްރަދާ ކައިވެނީގެ ވާހަކަތައް ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވެމުން ދަނިކޮށް ޝްރަދާގެ ބައްޕަ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރް އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވަނީ އާއިލާ އިން ރޯހަންއާ ވަރަށް ރުހޭކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
"އެއީ ވަރަށް ރަނގަޅު ކުއްޖެއް. އަނެއްކާ ވަރަށް ކުޑައިރުއްސުރެން ފެށިގެން އަހަރެމެންގެ އަށް ގެއަށް އައިސް އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުއްޖެއް ރޯހަން އަކީ،" ޝަކްތީ ބުންޏެވެ. "އެއީ އަބަދުވެސް ވަރަށް ގާތް ދެ ރައްޓެހިން. އެ ދެ މީހުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމެއް އަހަންނަކަށް އެނގިފައެއް ނެތް. ރޯހަންގެ ބައްޕަ ފޮޓޯގްރާފަރު ރާކޭޝް ޝްރެސްތާ އަކީ ވެސް އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް."
އޭނާ ބުނީ ޝްރަދާ ކައިވެނީގެ ވާހަކަ މީޑިއާތަކުގައި ދެކެވުނަސް އެފަދަ ވާހަކައެއް ދަރިފުޅުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައި ނެތް ކަމަށެވެ.
"އެކަމަކު ޝްރަދާގެ ކޮންމެ ނިންމުމަކަށް އަހަރެން އަބަދު ވެސް މަރުހަބާ ކިޔައި އޭނާއާ އެކީގައި ހުންނާނަން. އަހަންނަށް ޔަގީން ޝްރަދާ ކައިވެނީގެ ގޮތުން މީހަކާ ގުޅޭނީ ވަރަށް ވިސްނާފައި. އެހެންވީމަ އޭނަގެ ހޮވުން ގޯހެއް ވެސް ނުވާނެކަން ޔަގީން،" ޝަކްތީ ބުންޏެވެ. "ޝްރަދާ ކައިވެނިކުރަން ބޭނުންވާ މީހަކަށް އާއިލާގެ ރުހުން އަބަދު ވެސް އޮންނާނެ."
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝްރަދާގެ ކައިވެނީގެ ވާހަކަތަކެއް ދެކެވުނަސް އޭނާ އަކީ އަބަދު ވެސް ޒާތީ ކަންކަން ވަރަށް ބޮޑަށް ސިއްރުކުރާ ބަތަލާއެކެވެ. އެކަމަކު މީޑިއާތަކުން ބުނަނީ ޝްރަދާގެ ކައިވެނި ކައިރި މުސްތަގުބަލެއްގައި ފެނިދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުބޭބްސް
28 January 2021
ހިތްފަޅައގެން ގޮއްސި މިޙަބަރު ކިޔާފަ. ދޫނީ ކީއްވެ ތިހެން ތިހެދީ