ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ވެބް ސީރީޒެއް އަންނަ މަހު އެމެޒޯން ޕްރައިން ވީޑިއޯ ގެނެސްދޭން ނިންމައިފި އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާގެ އަމިއްލަ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން އަންނަ މަހުގެ 15 ގައި ގެނެސްދޭ ސީރީޒްގެ ނަމަކީ "ޕާޓަލް ލޯކް" އެވެ. ކާސްޓުންގެ ތެރޭގައި ހިމެނެނީ ނީރަޖް ކާބީ، ޖައިދީޕް އަހުލުވާތު، ގުލް ޕަނާންގް، ސްވާސްޓިކާ މުކަރްޖީ އަދި އަބީޝެކް ބެނަޖީ އެވެ.

"ޕާޓަލް ލޯކް" ގެ ޓީޒާއެއް ވެސް ވަނީ ދައްކާލައިފަ އެވެ. ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. މިއީ ކްރައިމް ތުރިލާއެކެވެ.

އެމެޒޯންއާ ގުޅިގެން އަނުޝްކާ ސީރީޒްތަކެއް ހަދަން ފަށާފައިވާ އިރު ނެޓްފްލިކްސްއާ ގުޅިގެން ވެސް އުފެއްދުންތަކެއް ގެނެސްދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން "ބުލްބުލް" ކިޔާ ވެބް ސީރީޒެއް އިއުލާންކޮށްފައިވެ އެވެ.

އަނުޝްކާ ފިލްމު ކުންފުނިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2015 ގެ "އެންއެޗް10" އާއި 2017 ގެ "ފިލޯރީ" އާއި 2018 ގެ "ޕަރީ" ހިމެނެ އެވެ. އެ ތިން ފިލްމުގައި ވެސް ބަތަލާގެ ރޯލް ކުޅުނީ އަނުޝްކާ އެވެ.

ކްލީން ސްލޭޓް ފިލްމްސް އަކީ އަނުޝްކާ އާއި އާއި ކޮއްކޮ ކަރްނޭޝް ޝަރުމާ ހިއްސާވާ ކުންފުންޏެކެވެ.

ދެހާސް އަށާރައިގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު، ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ކުޅޭނެ ފިލްމެއް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.