ދިވެހިންގެ ތެރޭގައި ހިންދީ ފިލްމުތަކާއި ލަވަތަކުގެ ނުފޫޒު އަބަދުު ވެސް ވަރަށް ބޮޑެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދިވެހިންގެ މުނިފޫހިފިލުވުމުގެ ބޮޑުބައި ފަޅުފިލުވައި ދެނީ ހިންދީ ފިލްމާއި ޑްރާމާތަކާއި ލަވަތަކުންނެވެ. މިއަށް ދިވެހިން ބަރޯސާވާލެއް ބޮޑުކަމުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިންދީ ސިނަމާގެ ރަހަ ގަދަ އެވެ.

މިހާތަނަށް ދިވެހި ސިނަމާ އަށް އައިސްފައި ހުރި ގިނަ ފިލްމުތަކަށް ބަލާ އިރު، ކޮންމެވެސް ހިންދީ ފިލްމެއްގެ ވާހަކަ ކުދިކޮށް ކޮށައި މަށައިގެން ނުވަތަ ސީދާ އެ ފިލްމެއް ފިލިންފިއްޔަށް ކޮޕީކޮށްގެން ހަދާފައި ހުރި ފިލްމުތަކެއް އެބަހުއްޓެވެ. އަދި މިފަދަ ފިލްމުތައް ފިލްމު ބަލާ އޯޑިއަންސް ބަލައިގެންފައިވާ އިރު، ބައެއް ފިލްމުތަކަކީ ބެލުންތެރިންނަށް އެހާކަމުދިޔަ ފިލްމުތަކެއް ވެސް ނޫނެވެ.

އެހާ ބޮޑަށް ކޮޕީކޮށްފައި ހުންނަ ފިލްމުތަކަށް ގިނަ ފަހަރަށް ބެލުންތެރިންނަށް ޖޯކަކަށް ވެސް ވެ އެވެ. ދިވެހި ސިނަމާގައި މިގޮތަށް ހަދާފައި ހުރި ބައެއް ފިލްމުތަކަށް ބަލާ އިރު، އޭގެ ތެރޭގައި ގިނައިން ހުރީ ދިވެހިންގެ ތެރޭގައި އޭގެ ހިންދީ ފިލްމު ވަރަށް ބޮޑަށް މަގޫބޫލުވެ، މަޝްހޫރުވި ފިލްމުތަކެވެ.

އޭގެ ތެރެއިން މި ފަހަރު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ވާހަކަ ދައްކައިލަމާ ހިނގާށެވެ.

ބިރު

"ފަތިސްހަނދުވަރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަސްލަަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އިން ގެނެސްދިން "ބިރު" އަކީ 1993 ގައި ޔާޝް ޗޯޕްޅާ ގެނެސްދިން ސައިކޮލޮޖިކަލް ރޮމޭންޓިކް ތުރިލާ "ޑަރް" ގެ ކޮޕީއެކެވެ.

އެ ފިލްމަކީ ލޯބީގައި ދީވާނާވެފައިވާ ފިރިހެނަކާ ހެދި އަންހެނަކު ނަފުސާނީ ކަންތައްގަނޑެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ގޮތް ދައްކުވައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ. ޖޫހީ އާއި ޝާހްރުކްގެ އިތުރުން "ޑަރް" ގެ ވަރަށް މުހިއްމު ރޯލެއް ސަނީ ޑިއޯލް ވެސް ކުޅެފައިވެ އެވެ.

"ޑަރް" ގެ ނަން ވެސް ކޮޕީކޮށްގެން ގެނެސްދިން ފިލްމުގައި ޖޫހީ ޗާވްލާ ކުޅުނު ރޯލް ކުޅުނީ މަރިޔަމް ނިޝާ އެވެ. ޝާހްރުކްގެ ރޯލް ކުޅުނީ ރީކޯ މޫސާ މަނިކެވެ.

ހީލަތް

ސްލޭމް ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށް، އީސާ ޝަރީފް ޑައިރެކްޓްކުރި "ހީލަތް" އަކީ ޝާހްރުކް 1993 ގައި ކުޅުނު ކާމިޔާބު ފިލްމު "ބާޒީގަރް" ގެ ކޮޕީއެކެވެ.

"ހީލަތް" ބެލުންތެރިންނަށް ގެނެސްދިނީ ހަމަ ހިންދީ ފިލްމު ވެސް އޮތް ގޮތަށެވެ. ތަފާތަކީ އައްބާސް-މަސްތާން ޑައިރެކްޓްކުރި ފިލްމުގައި ކާޖޮލް އާއި ޝިލްޕާ ޝެޓީ ކުޅުނު ރޯލްތައް ޑަބަލް ރޯލެއްގެ ގޮތުގައި އައިޝަތު ޝިރާނީ ކުޅުމެވެ. "ހީލަތް" ގެ ބަތަލަކީ ވެސް ރީކޯ މޫސަ އެވެ.

ދުޝްމަން

މަހުހާ ހުސައިން ރަޝީދު ފަރިވާ ފިލްމްސް އިން ގެނެސްދިން "ދުޝްމަން" އަކީ 1966 ގައި ހިންދީ ސިނަމާ އަށް އައި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ދޯ ބަދަން" ގެ ކޮޕީއެކެވެ.

އެ ފިލްމުގެ ތަރިންނަކީ އާވާ ޕަރޭކާއި މަނޯހް ކުމާރާއި ޕްރާނެވެ. "ދޯ ބަދަން" އަކީ އަންހެން ކުއްޖެއްގެ ލޯބި ހާސިލުކުރުމުގެ ދަހިވެތިކަމުގައި އޭނާގެ ލޯބިވެރިޔާ އެކްސިޑެންޓެއްކޮށް، ލޯ އަނދިރިކޮށްލުމުން ދިމާވާ ކަންތައްކެއް ދައްކުވައިދިން ވަރަށް އަސަރުގަދަ ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓްކުރީ ރާޖް ކޯސްލާ އެވެ.

ހާމިދު އަލީ ޑައިރެކްޓްކުރި "ދުޝްމަން" ގެ ރޯލްތައް ކުޅުނީ ހާމިދާއި ނިޝާ އާއި ހުސައިން ސޮބާހެވެ.

ދީވާނާ

އަސްލަމް ރަޝީދު ޑައިރެކްޓްކޮށް 2001 ގައި ގެނެސްދިން "ދީވާނާ" އަކީ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ހަމަ އެ އަހަރު ގެނެސްދިން "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ގެ ކޮޕީއެކެވެ.

މިއީ "ޑަރް" އާ ވަރަށް އެއްގޮތް ފިލްމެކެވެ. އޭގައި ލޯބީގައި ދީވާނާވަނީ ފިރިހެނެއް ނަމަވެސް ވަރުމާގެ ފިލްމުގައި ދީވާނާވަނީ އަންހެނެކެވެ. އެ ރޯލް "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ގައި ކުޅެފައި ވަނީ އުރްމިލާ މަޓޯންޑްކަރެވެ. ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ ފަރުދީން ޚާނާއި ސޮނާލީ ކުލްކަރްނީ އެވެ.

"ދީވާނާ" ގައި އުރްމިލާގެ ރޯލް ނިއުމާ މުހައްމަދު ކުޅުނު އިރު، ފަރުދީންގެ ރޯލް ކުޅުނީ މުހައްމަދު ޝާވިނެވެ. އަދި ސޮނާލީ އަކީ ވަލީދާ ވަލީދެވެ.

ހިތް ހަލާކު

"ހިތް ހަލާކު" އަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ކަރަން ޖޯހަރްގެ ފިލްމު "ކުޗް ކުޗް ކުޗް ހޯތާ ހޭ" ގެ ކޮޕީއެކެވެ.

"ސިއްރު" ގެނެސްދިން ޑައިރެކްޓަރު ހުސައިން އާދިލް ޑައިރެކްޓްކުރި "ހިތް ހަލާކު" އަކީ މަންޒަރުން މަންޒަރަށް ކޮޕީކޮށްގެން ގެނެސްދިން ފިލްމެކެވެ. ހިންދީ ފިލްމުގައި ޝާހްރުކް ކުޅުނު ކެރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ) ކުޅުނު އިރު، ކާޖޮލްގެ ރޯލް ކުޅުނީ ނިއުމާ އެވެ. އަދި ރާނީ މުކަރްޖީ ކުޅުނު ރޯލުން ފެނިގެން ދިޔައީ ޝީލާ ނަޖީބެވެ.

ހިތް އެދެނީ

"ހިތް އެދެނީ" އަކީ 2000 ވަނަ އަހަރު ނުކުތް މަގުބޫލު ފިލްމު "ދަޅުކަން" ގެ ދިވެހި ފިލްމެވެ.

ދަރުމޭޝް ދަރުޝަން ޑައިރެކްޓްކުރި ފިލްމުގެ މަންޒަރުތައް އީސާ ޝަރީފް ވަނީ ހަމަ އެގޮތަށް ގެނެސްދޭން މަސައްކަތްކޮށްފަ އެވެ. "ދަޅުކަން" ގެ މުހިއްމު ތަރިންނަކީ ސުނިލް ޝެޓީ އާއި ޝިލްޕާ އާއި އަކްޝޭ ކުމާރެވެ.

ވަރަށް އަސަރު ގަދަ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމުގެ ދިވެހި ކޮޕީގެ ތަރިންނަކީ އައްސަދު ޝަރީފާއި ޝީލާ އާއި އަލީ ސީޒަނެވެ.

އަމާނާތް

މި ފިލްމަކީ 1983 ގައި ޑައިރެކްޓަރު ޝޭކަރް ކަޕޫރް "މާސޫމް" ގެ ނަމުގައި ގެނެސްދިން ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އަސަރުގަދަ އާއިލީ ލޯބީގެ ވާހަކައެއް ކިޔައިދިން ހިންދީ ފިލްމުގެ މުހިއްމު ތަރިންނަކީ ނަސީރުއްދީން ޝާހާއި ޝަބާމާ އަޒްމީގެ އިތުރުން ސުޕްރިޔާ ޕަތެކެވެ. އަދި "މާސޫމް" ގެ ރޯލްތަކުން ތިން ކުޑަކުއްޖަކު ވެސް ފެނިފައިވެ އެވެ.

މަހުދީ އަހުމަދު ޑައިރެކްޓްކުރި "އަމާނާތް" ގައި ނަސީރުއްދީންގެ ރޯލް ކުޅުނީ އަލީ ޚާލިދެވެ. ޝަބާނާގެ ރޯލް ފާތިމަތު ރަމީޒާ ކުޅުނު އިރު، ސުޕްރިޔާގެ ރޯލުން ފެނިގެން ދިޔައީ ޖަމްޝީދާ އަހުމަދެވެ.

ގިނިހިލަ

އީސާ ޝަރީފް ޑައިރެކްޓްކުރި "ގިނިހިލަ" އަކީ 2002 ގައި ނިކުތް ކާމިޔާބު ބިރުވެރި ފިލްމު "ރާޒް" ގެ ކޮޕީއެކެވެ.

ވިކްރަމް ބަޓް ޑައިރެކްޓްކުރި ފިލްމުގެ މައިގަނޑު ތަރިންނަކީ ޑީނޯ މޯރިއާއި ބިޕާޝާ ބާސޫ އާއި އަޝުތޯޝް ރާނާގެ އިތުރުން މާލިނީ ޝަރުމާ އެވެ. ޑީނޯ ކުޅުނު ރޯލް ދިވެހި ފިލްމުގައި ކުޅުނީ ސީޒަނެވެ. ބިޕާޝާ ނިޝާ އެވެ. އަދި އަޝުތޯޝްގެ ރޯލް ރީކޯ މޫސަ ކުޅެފައިވާ އިރު، ނިއުމާގެ ރޯލަކީ މާލިނީގެ ކެރެކްޓާ އެވެ.

މި ފާހަގަކޮށްލި ފިލްމުތަކުގެ އިތުރުން ވެސް ދިވެހި ސިނަމާ އިން ކޮޕީ އެތައް ފިލްމެއް ގެނެސްދީފައިވެ އެވެ.

މި ލިސްޓްގައި ފާހަގަކުރި ބައެއް ފިލްމުތައް ބައިސްކޯފުން ވެސް މިހާރު ބަލައިލެވެން އެބަހުއްޓެވެ. އެހެންވެ ލޮކްޑައުންގެ ތެރޭގައި ހަނދާން އާކޮށްލުން ހަމަ ރަނގަޅު ކަމަކަށް ވާނެ އެވެ.