ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު: އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން.
31 ޑިސެމްބަރ 2025 - 08:45
ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ކުއްލި ވަކިވުމާ އެކު، ލިބުނު ސިހުމުގައި އޭނާގެ ގާތް އެކުވެރިންނާއި އެކުގައި މަސައްކަތްކުރި އެތައް ބަޔަކު ވަނީ ކުރީގެ އެތައް ހަނދާނެއް އާކޮށްފަ އެވެ.
އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާ އަށް ހއ. ދިއްދު އަށް ގެންދިޔައީ ރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
މީގެ އަހަރުތަކެއް ކުރިން ކެލައަށް ބަދަލުވެ، އޭނާ އައީ ރެސްޓޯރަންޓުގެ ވިޔަފާރި ކުރަމުންނެވެ.
ފައްތާހުގެ އެންމެ ކާމިޔާބު އެއް ޑްރާމާ ސިލްސިލާ ކަމަށްވާ "ހިނިތުންވެލާށޭ ކަލާ" އާއި "ތީއޭ މިހިތުގެ ވިންދަކީ"ގައި މުހިންމު ރޯލުތައް ކުޅުނު ފިލްމީ ތަރި މުހައްމަދު މަނިކް ފޭސްބުގައި ކުރި ޕޯސްޓެއްގައި ބުނީ ފައްތާހަކީ އޭނާގެ ފިލްމީ ހަޔާތާ ވަރަށް ބޮޑު ގުޅުމެއް އޮތް މީހެއް ކަމަށެވެ.
ސްކޫލް ދުވަސްވަރު އޭނާ ކުޅުނު ޑްރާމާތަކާއި ސިފައިންގޭގައި، އޭރުގެ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް)ގައި މަސައްކަތްކުރި ދުވަސްވަރު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް އޭނާ ކުޅުނު ޑްރާމާތަކުގައި ފައްތާހުގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށް މަނިކު ބުންޏެވެ.
"...ރާއްޖޭގައި ފުރަތަމަ އުފެއްދި ދިވެހި ދިގު ސީރީޒް 'ތީއޭ މިހިތުގެ ވިންދަކީ'، 'ހިނިތުންވެލާށޭ ކަލާ' މިފަދަ މަސައްކަތްތަކާ އަދި އަހަރެންގެ ފުރަތަމަ ފިލްމު 'އޭނާ'އާ މިހެން ގޮސް އެތައް މަސައްކަތެއް،" މަނިކު ބުންޏެވެ.
"ދާއިރާއާ ދުރުގައި ހުރި ނަމަވެސް ގާތް ކަމަށް ބަދަލެއް ނައިސް އަބަދުވެސް އެކީގައިވާ އެކުވެރިއެއް."
ފައްތާހުއާ ދެބެގެންދެދަރި އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ކަޒިން ކޮއްކޮ ކުއްލި ގޮތަކަށް ނިޔާވި ޚަބަރުން ލިބުނީ ފުން މޮޅިވެރިކަމެއް ކަމަށެވެ.
"އަބްދުލް ފައްތާހު ވަކިވެދިޔަކަމުގައި ވިޔަސް، ފައްތާހުގެ އެވޯޑް ވިނިން ގައުމީ ހިދުމަތާއި އެންމެންނާ ބާއްވަމުންދިޔަ ގާތްގުޅުމާއި ހިތްހެޔޮކަމާއި ހިނިތުންވުމުގެ ހަދާންތައް މާތްﷲގެ މިންވަރުފުޅުން ދެމިހުންނާނެ،" މައުސޫމް ވިދާޅުވި އެވެ.
"އުމުރުގެ ގިނަ ދުވަސްތަކެއް ތަފާތު ގައުމީ ހިދުމަތްތަކުގައި، ވަކިން ހާއްސަކޮށް ފިލްމު އިންޑަސްޓްރީގައި ހޭދަކުރި، އަދި މުޅި ރާއްޖެއަށް މަޝްހޫރުވި 'ހިނިތުންވެލާށެ ކަލާ' ސީރީޒްގެ ޑައިރެކްޓަރު އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ފުން ހިތާމައެއް ގެނުވައިފައި."
ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ބުނީ ފައްތާހަކީ މިފަހުން ދިވެހި ސިނަމާ ދުށް އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމަށެވެ. ފައްތާހަކީ ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތްކުރި އަދި ދިވެހި ސިނަމާގެ ގޮތްގަނޑު ބަދަލުކޮށްލި ޑައިރެކްޓަރެއް ކަމަށް މުއާ ބުންޏެވެ.
ފައްތާހުގެ ކުއްލި ވަކިވުމަކީ މުޅި ގައުމަށް ވެސް ލިބުނު ކުއްލި ސިހުމެއް ކަމަށާއި އޭނާގެ މަސައްކަތްތަކާއި ލެގަސީ ދާއިމަށް ދެމިހުންނާނެ ކަމަށް މުއާ ބުންޏެވެ.
ރައީސްގެ އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަދި ކުރީގެ ބައެއް ދިވެހި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވި މުހައްމަދު ހިލްމީ ވިދާޅުވީ ފައްތާހު ނިސްބަތްވަނީ ދިވެހި ސިނަމާއަކީ މަޑުމަޑުން ކުރިއަށް ގެންދެވޭނެ ދާއިރާއެއް ކަމަށް ގަބޫލުކުރި ޖީލަށް ކަމަށެވެ.
"އޭނާ ނިސްބަތްވީ، ސިނަމާއަކީ މަޑުމަޑުން ބިނާކުރެވޭ ދާއިރާއެއް ކަމަށް ގަބޫލުކުރި ޖީލަކަށް. ފްރޭމަކުން ފްރޭމަކުން، އަގަކުން އަގަކުން -- އޭރު ގެނެސްދިން ވާހަކަތަކުގައި ބުރަދަނެއް ހުރި އަދި ލިބޭ މެސެޖުތައް މާނަ ފުން،" އިނގިރޭސި ބަހުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ ފައްތާހަކީ ހަމައެކަނި ފިލްމު ޑައިރެކްޓަރެއް ނޫން ކަމަށާއި އޭނާއަކީ މި ދާއިރާއިން އެތައް ފަންނާނުންނެއް ބިނާކޮށް، އުފެއްދުންތެރި މަސައްކަތްތަކަށް ވިސްނުން ބަދަލުކޮށްލަން މަގުކޮށައިދިން މީހެއް ކަމަށެވެ. އަދި ދިވެހި ސިނަމާ އިން ދުވަހަކު ވެސް ނަން ފޮހެވިގެން ނުދާނެ ކުޅަދާނަ ޝަހުސިއްޔަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ https://t.co/Ei2vY7i6Tv
— Mihaaru (@Mihaarunews) December 30, 2025
ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.
ފައްތާހު ވަނީ ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފަ އެވެ. އަދި ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އޭނާ އުފެއްދި އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަދަރ ފިގަރ
31 December 2025
ގަބޫލުނުކެރުވުނަސް މިއީ ޙަޤީޤަތެވެ. ފައްތާހަށް ހެޔޮއެދޭ ނަމަ އޭނާ ހެދި ފިލްމުތަކާއި ލަވަތަކާއި ޑްރާމާތައް ބެލުން ދޫކޮށްލާށެވެ. މިއަދު އޭނާވެސް ބޭނުންވާނީ އެގޮތެވެ. މާތްﷲ ފައްތާހަށް ރަހުމަތް ލައްވައި އޭނާގެ ފާފަފުއްސަވާނދޭވެ
ޢެޑްމުންޑޯ
31 December 2025
ފައްތާހަށް ހެޔޮރަހްމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި ، ކުރާނެ ކަމެއްނެތް ، ކޮންމެ މީހަކުވެސް އެމީހަކަށް ކަނޑައެޅިފައިވާ ދުވަސް ހަމަވުމުން ޖެހޭނީ އެބުރި ދާން
މަރިޔަމް ނިޝާ
31 December 2025
ރާއްޖޭގެ އެންމެ މޮޅު ޑައިރެކްޓަރ. ރާއްޖޭގައި ފުރަތަމަ އުފެއްދި ދިގު ސީރީޒް އަކީ ރޭޝަމް. އެވެސް ފައްތާހުގެ މަސައްކަތައެއް. ފައްތާހު މި ދާއިރާއިން ދުރަށް ދިޔައީ ނަހުލާގެ އުނދަގޫ ބޮޑު ވެގެން. ފައްތާހުގެ މޮޅުކަމާއި ކުރިއެރުން ނަހުލާއަށް ހަޖަމުނުވީ. މި ހިތާމަވެރި ދަނޑިވަޅުގައި ނަހުލާއަށް ނުކެރުން ތައުޒިޔާގެ ޕޯސްޓެއް ޖަހާލަންވެސް
ފުލި
31 December 2025
މިހާރުވެސް ނަހުލާގެ ފިލްމުތަކަށް ގޮން ޖަހާލާ ފިލްމެއް އެއީ ފައްތާހުގެ ފިލްމް ހުރީމޭ އިންތިޒާރުގާ... އަޅުގަނޑު ހަޔާތުގަވެސް ބެލި އެންމެ ރީތި ފިލްމް
ރަދީފްއޮފިޝަލް /
31 December 2025
ވަރަށް ރަނގަޅު ޙުލްގެއްގެ ވެރިއެއް.ހެޔޮ ރަހްމަތް ލައްވާށި.އާމީން.ފައްތާހުގެ ބޭބެ އަބްދުލް މަންނާނު ވެސް އެއީ ވަރަށް ހިތްހެޔޮ އެކުވެރިއެއް.އާއިލާއަށް ލިބުނު ފުން ހިތާމައިގަ ބައިވެރިވަން.