ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ


"ކާކު ވާހަކައެއް ތި ދައްކަނީ؟" އަނިލް ސުވާލުކުރިއެވެ.

"އަހަރެންގެ މަންމަ!" ކުރިން ވާހަކަދެއްކި ހިތާމަވެރި ރާގުގައި ހަނާ ބުންޏެވެ. "މަންމަ ގެއްލިގެން ހޯދަމުންހޯދަމުން އައިސް މި ތަނަށް އާދެވުނީ. މިރޭ ފެނުނީ."

އަނިލް ވިސްނައިލިއެވެ. ހަނާ އާ ވާހަކައެއް ހަދައިލީ ހެއްޔެވެ؟ އޭގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ހެއްޔެވެ؟ އަނިލް ކިޔަވަން ފެށިޔަ ނުދީ އެކި ވާހަކަދައްކައިގެން ލަސްކުރަން "ހަނާ" ބޭނުންވަނީ ހެއްޔެވެ؟ ނުވަތަ ވާހަކަދައްކާނެ އާ މައުލޫއެއް ހަނާ ހޯދީ ހެއްޔެވެ؟ އެހެން ހިތަށްއެރިޔަސް އެ ވާހަކަ ނުދައްކައެއް އަނިލް އަކަށް ނުހުރެވުނެވެ.

"މިހާރު ކޮބާ މަންމަ؟" އަނިލް ސުވާލުކުރިއެވެ.

"ހިނގައްޖެ!" ހަނާ ޖަވާބުދިނެވެ.

"އަހަނ! މިއޮއް ހުރިހާ ދުވަހު މަންމަ ހޯދީ. މިރޭ ފެނުނީ. މިހާރު ފޮނުވާލީ؟" އަނިލް އެހިއެވެ. "މަންމަ މި ތަނަށް ގެނެއްސާނެހެން ހީވާތީ އަހަންނަށް އޮޅުވާލަނީ ދޯ! ކިހާ ބަޔަކު މިތާ މިހާރު އެބަ ތިބި؟"

"ހަނާގެ" ބޮލުގައި އެޅުވި ތުހުމަތުން ސަލާމަތްވާކަށް އޭނަ މަސައްކަތެއް ނުކުރެއެވެ. ޖަވާބުދިނީ އަނިލް ފަހުން ކުރި ސުވާލަށެވެ.

"އަހަރެން އެކަނި!" ވަރަށް މާސޫމުކަމާ އެކުގައި ހަނާ ބުންޏެވެ.

"ތި އެއްކަލަ ދޮގުހަދަނީއޭ!" އަނިލް ބުންޏެވެ. "ހަދާހާ ދޮގެއް އަހަރެން ފަޅާނާރުވާތީ ކަލޭ ތި ހީކުރަނީ އަހަންނަށް އޮޅުވާލެވެނީއޭ. އެހެން ނަހަދާ! ކިހާ ބަޔަކު އެބަ ތިބި؟ ރީތިކޮށް ބުނޭ!"

ހަނާ ބިއްދޮށަށް އެނބުރުނެވެ. އަނިލްއަށް ހަގީގަތް އެނގެނީ ހަނާގެ މޫނު ފެންނާތީހެން "ހަނާއަށް" ހީވީބާއޭ އަނިލް ހިތަށްއެރިއެވެ.

"ކަލޭ ތި ހީކުރަނީ ދެން އަހަންނަށް އެކައްޗެއް ވެސް ނޭނގޭނެ ކަމަށް؟" އަނިލް އެހިއެވެ.

"ކަލޭ ހާދަހާ ޝައްކުބަލި ބޮޑޭ ދޯ؟" ހަނާ ބުނި އަޑު އިވުނެވެ. "ކަލެއަށް ކޮންމެ އެއްޗެއް އެނގުނަސް އަހަންނަށް ވާނެ ގެއްލުމެއް ނޯންނާނެ. ކަލެއަށް ފެންނާނީ ކަލޭގެ މީހުން. ކަލެއަށް އިވޭނީ މަ ބުނި އެއްޗެއް. އަހަންނަށް ވަރިހަމަ ކަލޭ ގަބޫލުކުރިޔަސް ނުކުރިޔަސް. އަހަރެން މި ބުނަނީ އަހަރެން އެކަންޏޭ މިހިރީ."

ހަނާ ވާހަކަދެއްކި އިރު އަނިލްގެ ކަޅި ހުރީ ހަނާގެ ފައިތިލައަށެވެ. ހުއްޓުމެއް ނެތި ދެ ފައި މަޑުމަޑުން ތެޅޭތީއެވެ. ރުޤްޔާކުރާއިރު ބަލިމީހާގެ ހަށިގަނޑުން ފެންނަ އަލާމާތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ލޮލުގެ ހަރަކާތްތަކާއި، ތުންފަތް ތަޅުވާ ގޮތާއި، މުޅި މޫނަށް ޖައްސާ ވައްތަރުތައް ހިމެނެއެވެ. ފައިގެ އިނގިލި ތަކަށް ގެންނަ ހަރަކާތާއި، ގޮދަޑީގައި ފުންނާބު ހަކާލާ ގޮތާއި، ފައި ހިއްލާ ގޮތާއި، ހިއްލާ ހިސާބުން ވެސް ލަފާކުރެވޭ ކަންތައްތަކެއް ހުރެއެވެ. އެ ހުރިހާ ހަރަކާތެއް ވެސް ހިނގާނީ ވަރަށް ކުޑަ އިރުކޮޅަކަށެވެ. ވަރަށް ވިސްނައިގެން ހުންނަ މީހަކަށް މެނުވީ އަޅައިނުގަންނަ ވަރަށެވެ. އެއީ އިންސާނުން ރުޅިއައީމައި ނުވަތަ އުފާވީމައި ނުވަތަ ދެރަވީމައި މޫނަށް އަންނަ ހަރަކާތްތައް ކަހަލަ ހަރަކާތެކެވެ. ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ގުދުރަތީ ގޮތުން ވާ ކަމެކެވެ.

"ދެން އެހެންވިއްޔާ ފައިކޮޅުގަ މި އުޅެނީ ކޮން ބައެއް؟" އަނިލް ސުވާލުކުރިއެވެ.

"ކިހާ ދެރަ ކަމެއް؟" ހިތްހަމަނުޖެހިފައި ހަނާ ބުންޏެވެ. "މަ އެކަންޏޭ މިހިރީ!"

"އެހެންތަ؟" ވަރަށް ހަމަޖެހިލައިފައި އެހެން ބުނަމުން އަނިލް ގެންގުޅޭ އިލޮށި ނެގިއެވެ. "ދެން އެހެން ވިއްޔާ އަހަރެން މަޑުމަޑުން މިހެން ފައިގައި އިލޮށިން ޖަހާލުމަކީ މައްސަލައެއް ނޫންތާ!"

އަނިލް އިލޮށިން ހަނާގެ ފައިގައި ޖައްސައިލުމާ އެކު ހަނާ ދިޔައީ ސިއްސައިގެންނެވެ.

"އަހަނ! ތީ އޭ އެއްކަލަ މަ ބުނާ ވާހަކަ!" ޝަކުވާގެ ރާގަކަށް ހަނާ ބުންޏެވެ. "މަ ކިހާ ރީތިކޮށް ކަލެޔާ މި ވާހަކަދައްކަނީ. ކަލޭ ނުޖެހޭ ކޮންމެހެން ފައިގަ ތަޅާކަށް. އަނިޔާކުރަން ކަލޭ ހާދަހާ ވަރެކޭ ދޯ ތި ހުންނަނީ؟"

"ބަލަ! ކަލޭގެ އެއްވެސް މައްސަލައެއް އޮވެގެން ނުވާނެއްނު!" އަނިލް ޖަވާބުގައި ބުންޏެވެ.

އަނެއްކާ ވެސް ކިޔަވަމުން ހަނާގެ ފައިގައި އަނިލް އިލޮށިން މަޑުމަޑުން ދެތިން ފަހަރަކު ޖަހައިލިއެވެ. ޖަހާ ކޮންމެ ފަހަރަކު ހަނާ ދަނީ ސިއްސައިގެންނެވެ.

"އަހަރެން ގައިގަ ޖެހިދާނެއްނު!" ހަނާ ރުޅިއައިސްފައި ބުންޏެވެ. "ހުޅުރޯވެފަ ހުރި ބޮޑު ކަނޑިއެއް ވިއްޔަ ތި ހޫރަނީ. ކަލެއަކަށް ނޭނގޭތަ ތީ ކިހާ ނުރައްކާތެރި އެއްޗެއް ކަމެއް؟"

ހަނާ އެ ފަހަރު ބުނީ ތެދެއްކަން އަނިލްއަށް ކަށަވަރެވެ. ޖިންނިސައިތާނުންނަށް އެ ފެންނަނީ އަނިލް ގެންގުޅޭ އެއްޗެއް ނޫނެވެ. އެއީ އަނިލް ކިޔަވާ އެއްޗެއްގެ ބާރެވެ. ހަނާ ބުނާ އެއްޗަކަށް ބެލުމެއް ނެތި ހަނާގެ ފައިގައި ނިކަން އަވަސް އަވަހަށް އިލޮށި ޖައްސައިލުމާ އެކު ހަނާ ފައި ދަމައިގަތެވެ.

"އެ ޖެހީ!" ހަނާ ބުންޏެވެ. "ތި ޖެހީ އަހަރެންގެ ގައިގައޭ! އަހަންނަށް ތަދުވެޔޭ! ކަލެއަށް އެނގޭތަ ތީގެން ޖެހީމަ ވާ އަނިޔާ؟"

"ނުވާނެ އެހެނެއް. ކަލޭ ތިހިރީ ފަޔަކު ނޫން،" އަނިލް ގަބޫލެއް ނުކުރިއެވެ. "ދޮގުނަހަދާ!"

"ބަލަ އަހަރެންގެ ރައްޓެއްސެއްގެ ގައިގަ ޖެހުމެކޭ އަހަރެން ގައިގަ ޖެހުމެކޭ ކޮބާ ތަފާތެއް؟" ހަނާ އެހިއެވެ. "ދެން މައްސަލައެއް ނެތޭ. އަހަރެންގެ ރައްޓެހިން ވެސް މިތާ އެބަތިބި! ނިމުނީނު! ކަލޭ މޮޔައެއްހެން ބޮޑު ކަނޑިއެއް ތިހެން ހޫރުވަންޏާ އެންމެން ގައިގަ ވެސް ޖެހޭނެއްނު! އަހަރެން މި ބުނަނީ ހަނާގެ ގައި ތެރެއަކު އެހެން ބަޔަކު ނެތޭ! ބޭރުގައޭ އެންމެން ތިބީ."

އެ ވާހަކަ ވެސް އަނިލް ގަބޫލެއް ނުކުރިއެވެ. ކިޔަވަމުން އިލޮށިން މަޑުމަޑުން ޖަހަމުން ގެންދިޔައެވެ. ދޭތެރެއަކުން ކޮންމެވެސް އެއްޗެއް އަނިލް ބުނެލައެވެ.

"އެންމެން ވެސް ތިބީ ހަމަ ހަނާގެ ގައި ތެރޭގަ،" އަނިލް ބުންޏެވެ. "ބުނޭ އެންމެން ނުކުމެގެން ރައްކާވާށޭ."

"ކިތައް ފަހަރު ބުނެފިން؟" ހަނާ ޖަވާބުދިނެވެ. "މަ ބުންޏަކަސް ނުދެޔޭ! އެކަމަކު ހާދަހާ އަނިޔާއެކޭ ތި ކުރަނީ."

"އަނިޔާ ވަންޏާ ދާނެންނު!" އަނިލްގެ ނިންމުން ބަދަލެއް ނުކުރިއެވެ. "މަށެއް ނުހިފައްޓަން ވިއްޔަ! އަމިއްލައަށް މަރުވާ ހިތުންނެއްނު ނުގޮސް އެ ތިބެނީ. ކިތައް ފަހަރު މަށަށް ބުނެވިއްޖެ؟ ކިތައް ފަހަރު ކަލެއަށް ބުނެވިއްޖެ؟"

"އެހެނެކޭ ކިޔާފަ އަނިޔާ ކުރުމުގެ ބޭނުމެއް ނެތެއްނު!" ޖިންނީގެ ޝަކުވާ އަކަށް ނިމުމެއް ނައެވެ. "ތެޅުން ހުއްޓާލާފަ ކަލޭ ތި އަޅާ ތަނަކަށް ފެންއަޅާފަ މި ކަން ނިންމާލީމަ ނިމުނީނު. އެކަމަކު ތި ފެނެއް ނޭޅިޔަސް މަ މި ބުނަނީ ދުވަސްކޮޅަކު މަޑުކޮށްލާފަ މަ ހިނގައިދާނަމޭ! އެ ކަމަކާ ވެސް އެއްބަސްވީކީ ނޫން. އަޅެ ކޮންމެވެސް ވަރަކަށް އަހަރުމެން އެއްގަލަށް އަރައިގެން ދޯ ސުލްހަވެރިކޮށް މި ކަން ނިންމޭނީ."

ޖިންނީގެ ހުށައެޅުން އަނިލް ގަބޫލެއް ނުކުރިއެވެ. އެ ކަމުގައި ކުރެވިފައިވާ ތަޖުރިބާ މާ ހިތީއެވެ.

"އަހަރެން ކިހިނެއް ކަލެއަށް އިތުބާރުކުރާނީ؟" އަނިލް އެހިއެވެ. "ކަލެއަކީ މުސްލިމެއް ވެސް ނޫން."

އަނިލް އެހެން ބުނާ އިރަށް ހަނާ ޝަހާދަތް ކިޔަން ފެށިއެވެ. އެއްވެސް އަޅައިގަތުމެއް ނެތި ވަރަށް ފަރިތަކޮށެވެ. އެތައް ފަހަރަކުއެވެ. އެކަމަކު ޖިންނިސައިތާނުންނަކީ ޖިންނިސައިތާނުންކަން އަނިލް ހަނދާނެއް ނުނެތެއެވެ. ސައިތާނާގެ ކެހިވެރިކަން ނުވިސްނުނީ ރިޒްވާނަށެވެ. އޭނައަކަށް ނީނދެވުނެވެ.

"ޝަހާދަތް ކިއީމަ އިސްލާން ވެވުނީނު!" ރިޒްވާން މަޑުމަޑުން ބުންޏެވެ.

"ހަނާ" ޝަހާދަތް ކިއީ އެ ބޭނުމުގައެވެ. އާންމު ގޮތެއްގައި ދެން ވާން ޖެހޭނެ ގޮތަކީ، އަނިލްއާއި ރިޒްވާނާ ދެމެދު ހިޔާލު ތަފާތުވުން އުފެދުމެވެ. އެ ކަމަށް މަގުފަހި ކުރުމަށް ޓަކައި ޖިންނީން ކިތަންމެ ކަމެއް ކޮށްފިއެވެ. އަނިލްގެ ކުޅަދާނަކަމުން ޖިންނީންނަށް ކާމިޔާބު ނުވަނީއެވެ.

"އަހަރެން ބުނާ ގޮތް ނެހެދިޔަސް އޭނަ ބުނާ ގޮތް ހަދާބަލަ!" ހަނާ ވެސް ރިޒްވާނާ އެއްބައިވިއެވެ. "ހަނާގެ ފިރިމީހާއޭ އެއީ. އަނބިމީހާގެ މައްޗަށް ހިނގަންޖެހޭނީ ފިރިމީހާގެ ބާރު. ހިލޭފިރިހެނުންގެ ބާރު ހިނގައިގެން ނުވާނެ. އަހަރެން ޝަހާދަތް ކިއި ގޮތް ކަލެއަށް ކަމުނުދަންޏާ ކަލެއަށް ފެންނަ ގޮތަކަށް ކިޔާދީބަލަ! ކަލޭގެ އަޑުދަށުން މަ ކިޔާފާނަމޭ. އޭރުން ކަލޭ ހިތްހަމަޖެހޭނެއްނު!"

"ކަލޭ ރަނގަޅަށް ކިޔައިފިއްޔާ އަހަރެން ހިތްހަމަޖެހޭނެ،" އަނިލް ބުންޏެވެ. "ކަލެއަށް ޝަހާދަތް އެނގުނީ ކިހިނެއް؟"

އިންސާނަކާއި ޖިންނިއަކާ ދެމެދު ހިނގަމުންދިޔައީ އަޖައިބެއް ކަހަލަ މަޝްވަރާއެކެވެ. ހަގީގަތުގައި ޖިންނީންގެ ދުނިޔެއަކީ އިންސާނުންނަށް ފަރުދާ ކުރެވިފައިވާ ތަނެކެވެ. ހިކުމަތްތެރި ސަބަބަކަށް ޓަކައެވެ. އެ ފަރުދާ ކަޝްފުކުރަނީ ސިހުރުވެރިންނެވެ. އެކަމަކު، ޖިންނީންނަކީ އިންސާނުން ދެކެ އިންތިހާއަށް ބިރުގަންނަ ބަޔެކެވެ. ނަތީޖާއެއްގެ ގޮތުން، ޖިންނިސައިތާނުންގެ ސިއްރުތައް އިންސާނުންނާ ހިއްސާކުރުމަކީ ޖިންނީން ގަޔާވާ ކަމެއް ނޫނެވެ. ދޮގުހަދައި އޮޅުވައިލަން ޖެހެނީ އެހެންވެއެވެ. އަނިލް ހައިރާންވީ "ހަނާ" އެ ވާހަކަތައް ކިޔައިދޭން ފެށީމައެވެ.

"އަހަންނަށް އެނގޭ އިސްލާންދީން އޮންނަ ކަން،" ހަނާ ޖަވާބުދިނެވެ. "އަހަރުމެންގެ ތެރޭގަ ދައްކާނެ އެ ވާހަކަ. ކުރިން އަހަންނަކަށް ނޭނގޭ ޝަހާދަތް ކިޔާކަށް. އެކަމަކު މިހާރު ދަސްވެއްޖެ! އަހަރެން އަސްލު މި ތާ މަޑުކޮށްލައިގެން މި ހުންނަނީ މަޖާކޮށްލަން ވެގެން. އިސްލާމުންނޭ ކިޔެއް ކަމަކު ކަލޭމެންނަކީ ނަމަކަށް އިސްލާން ވެގެން ތިބޭ ބައެއްނު! މިސްކިތްތައް އެ ހުންނަނީ ފަޅަށް. ހެޔޮ އެއްޗެއް ކިޔާ މީހަކަށް އަހަންނަށް ފެނުނީ ކަލެޔާ ތިހިރަ ނާހިދާ އެކަނި. ދެން މުޅި ތަނުގަ މިއޮތީ އަހަރުމެން ކުޅޭ ކުޅިވަރުތަކެއްނު. ޒިނޭކުރުމާ، ރާބުއިމާ، ދޮގުހެދުމާ، މަކަރުހެދުމާ، ސިހުރުހެދުން. އަހަރެންނަށް މި ތަން ވަރަށް މަޖާ!" "މިހާރު ކިހާ މަޖާ!" އަނިލް ބުންޏެވެ.

"ތެދެއް ތި ބުނީ!" ހަނާ އެއްބަސްވިއެވެ. "މިހާރު ހިތަށްއަރާ މި ތަނަށް ނާދެވުނު ނަމައޭ! ހާދަ ބަޔަކަށް އަނިޔާވެއްޖޭ!"

"ރީތިކޮށް ކަލޭމެން ދިޔަ ނަމަ މާ ރަނގަޅުވީހެއްނު!" އަނިލް ބުންޏެވެ.

"އާނއެކޭ! މަ ބުނީމޭ!" ރުޅިއައިސްފައި ހަނާ ބުންޏެވެ. "އެކަމަކު އަހަރެން އެންމެ ކުޑަ ވީމަ އަހަރެން ކިޔާ އެއްޗެއް އެކަކު ވެސް އަޑެއްނާހައޭ. ގަދަކަން ދައްކަން ވެގެން އުޅެނީ."

"ދެން މައްސަަލައެއް ނެތް،" އަނިލް ވާހަކަ ކުރުކޮށްލިއެވެ. "ކަލޭ ދެން އަސްލު ވެސް އިސްލާން ދީން ގަބޫލުކުރީތަ؟"

ނުނިމޭ