ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ


ނޭވާ ހިފާއްޓައިލައިގެން އިންދައި ހަނާ އައިސް ރިޒްވާން ކައިރިއަށް ހުއްޓުނެވެ. ރިޒްވާންގެ އަތުގައި ހިފިއެވެ.

"އޭ! ހިނގާބަލަ! ރިޒޫ ވެސް ވަރަށް ބޭނުމެއްނު.." ފާޑަކަށް ރަކިވެފައި، ލާނެތް ރާގަކަށް ހަނާ ބުނެލިއެވެ. "ނުނިދިގެން މިއުޅެނީ. ހިނގާބަލަ އަހަރެން ނިންދަވަން."

ރިޒްވާން ވަގުތުން ހަނާގެ އަތް ފޮޅުވައިލިއެވެ. އަދި އެ ތަނުން ދާންވެގެން ތެދުވިއެވެ. ހަމަ ތެދުވާ އިރަށް ރިޒްވާންގެ ކޮނޑުގައި ހަނާ އަތްއަޅައިފައި ރިޒްވާން ސޯފާގައި ބޭންދިއެވެ. ހަނާގެ ގައިގައި އެ ވަގުތު ހުރީ އާދަޔާހިލާފު ބާރެކެވެ. ރިޒްވާން އަނެއްކާ ތެދުވަން އުޅުމުން ގަދަކަމުން އަނެއްކާ ވެސް ރިޒްވާން ބޭންދިއެވެ. ޒާހިދާ އިނީ ހަނާއަށް ނުބަލަން އިސްޖަހައިގެންނެވެ. އެކަމަކު ހަނާއަށް ނޫން އެހެން މީހަކަށް ޒާހިދާ އަކަށް ނުބެލެއެވެ. ރިޒްވާންގެ އުނގުގައި މަޑުމަޑުން ހަނާ އިށީނެވެ. އެ ހިސާބުން ޒާހިދާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ރިޒްވާނަކަށް ދެން ވެސް ހަމަނޭވައެއް ނުލެވުނެވެ. ހަނާ އުޅުނީ ރިޒްވާން ސޯފާގައި ބާއްވާށެވެ.

"ކިހިނެއް ވެގެންތަ ތި އުޅެނީ؟" ރިޒްވާން ރުޅިއައިސްފައި މަޑުމަޑުން ބުންޏެވެ.

"ރިޒޫ އިރުއިރުކޮޅާ ކިޔަމެއްނު މިހާރު ރިޒޫ ގައިގަ އަހަރެން އަތެއްނުލައޭ!" ސިއްރުސިއްރުން ހަނާ ބުންޏެވެ.

"އެހެންތަ؟" ރިޒްވާން ގަދަހެދުން ހުއްޓާލައި ހަމަޖެހިލައިފައި ބުންޏެވެ. "ހިތުން ކަލޭ ތީ މަގޭ އަންހެނުންތަ؟ އޭނަ ނޫޅޭނެ ތި ފާޑަކަށް. އޭނަ ދުވަހަކު ވެސް އަހަންނަކަށް ރިޒޫއެއް ނުކިޔާނެ. އަހަރުމެން އިންސާނުންގެ ތެރެއަށް ފާވެގެން އުޅެން ކަލޭމެން ލަދެއް ނުގަނޭތަ؟ ގޮތްކުޑަ ވިޔަސް ބޮޑުވަރު."

ހަނާ އެއްޗެއް ނުބުނެ ރިޒްވާންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ރިޒްވާން ވެސް ކަޅިޖަހައި ނުލައި ހަނާއަށް ބަލަހައްޓައިގެން އިނެވެ. ދެން ހަނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމަކީ، އޭގެ ކުރިން ދުވަހަކު ވެސް ރިޒްވާނަށް ނުފެންނަ ވަރުގެ ބޮޑު ހިނިތުންވުމެކެވެ. ހަނާގެ އަނގައިގެ ދެ މިޔަކަން ކަންފަތުގައި ޖެހިދާނެ ކަހަލައެވެ.

"އަދިވެސް ގޮތް ކުޑައީ؟" ހަނާ ސުވާލުކުރިއެވެ. "ގޮތް ބޮޑުކޮށްލަންވީ؟ އަހަރެން މާ ކުޅަދާނަ..."

ރިޒްވާން މަޑުމަޑުން ކުރުސި ކިޔަން ފެށިއެވެ. ހަނާގެ އަނގަ ބަންދުވެ ދެ ލޯ މެރިގެން ރިޒްވާންގެ އުނގަށް ދެމުނެވެ. އަތްދަނޑިމައްޗަށް ނަގައިގަނެގެން ހަނާ ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ރިޒްވާން ފޯނު ނެގިއެވެ. އަނިލްއަށް ގުޅިއެވެ. އެ ގަޑީގައި އަނިލް ފޯނު ނަގާނެ ކަމަކަށް ރިޒްވާން އުންމީދެއް ނުކުރެއެވެ. ކަންތައްވީ ވެސް އެހެންނެވެ. އަނިލް ފޯނެއް ނުނެގިއެވެ. ހަނާ އޮތީ ރީތިކޮށް ނިދައިފައެވެ. ހޭލާނީ ކޮން ވަގުތަކު ކަމެއް، ހޭލާ އިރު އޮންނާނީ ހަނާ ކަމެއް ރިޒްވާނަކަށް ޔަގީނެއް ނޫނެވެ. ރިޒްވާން މަޑުމަޑުން އެނދުގައި އިށީނދެލިއެވެ. ހަނާގެ މޫނާ ގާތްވެލިއެވެ. ކުރިޔަށް އޮތް ދުވަސްތައް ރިޒްވާނަށް ފަސޭހައެއް ނުވާނެއެވެ. އެހެނަސް، ލޯބިވަންޏާ ރިޒްވާން ޖެހޭނީ ކެތްތެރިވާށެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. އެކަކު އެންމެ ހާލުގައި ޖެހޭ ވަގުތު ނުވަތަ އެންމެ އެހީ ބޭނުންވާ ވަގުތު ދޫކޮށްލުމަކީ ހައްލެއް ވެސް ނޫނެވެ. ހަނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ ރިޒްވާން ވިސްނިއެވެ. ހަނާގެ ހަށިގަނޑުގައި އަޅާ ވޭނާއި، ހަނާއަށް ވާ އުނދަގޫ ކުޑައެއް ނުވާނެއެވެ.

"އިރާދަކުރެއްވިއްޔާ ހަނާ އެއްކޮށް ރަނގަޅުވާނެ،" ރިޒްވާން މަޑުމަޑުން ބުނެލިއެވެ. "ހަނާ ރަނގަޅު ވަންދެން.."

ކުއްލިއަކަށް ހަނާ ދެ ލޯ ހުޅުވައިލިއެވެ. ރިޒްވާން ދިޔައީ ސިއްސައިގެންނެވެ. ތިން ސިކުންތެއްހާ އިރު ކޮށްފައި އަލުން ލޯމެރިއެވެ.

ހެނދުނު ހޭލިއިރު އަނެއްކާ ވެސް ހަނާއަކީ ހަނާއެވެ. ރޭގަނޑު ހިނގައިދިޔަ ހާދިސާ ރިޒްވާން ކިޔައެއް ނުދެއެވެ. ހަނާ ހަނދާން ނުހުންނާނެތީއެވެ. ޖިންނިސައިތާނާ ކުރުވާ ހުރިހައި ކަމެއް އިންސާނާ ފަހުން ހަނދާނެއް ނުހުންނާނެއެވެ. މެންދުރުވާން އުޅެނިކޮށް އަނިލް ގުޅިއެވެ.

"ހާދަ ދަން ގަޑިއަކު ގުޅާލީ،" އަނިލް ބުންޏެވެ. "ފަހުން މާ ސަކަރާތްވީތަ؟"

"އުހުނ! ކޮން ސަކަރާތެއް ވާނީ؟" ސަމާސާ ރާގެއްގައި ރިޒްވާން ބުންޏެވެ. "ރޭގަ ކުއްލިއަކަށް ބިޓެއް އައިސްގެން އޭނަ މާ ކަންތައްގަނޑު ބޮޑުކޮށްލައިގެން ހީވަނީ އެހެން ކަމެއްހެން. އިރުއިރުކޮޅާ ބުނަނީ ހިނގާށޯ ރޫމަށް."

ރިޒްވާން ބުނީ ކީކޭކަން އަނިލްއަށް ވިސްނުނެވެ. އެހެންކަމުން އަނިލް ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.

"އަދި މަންމަ ވެސް އިންދާ!" ރިޒްވާން ބުންޏެވެ. "މަ ކިރިޔާ ލަދުން ހަލާކުނުވީ! އެކަމަކު ފަހުން މައިތިރިވެއްޖެ! ނަސީބެއް އަނިލް އަހަންނަށް މައިތިރި ދަސްކޮށްދިންކަން. ދެން ކޮން އިރަކުން މި ކަން ނިމޭނީ؟"

އަނިލް ބުނި ގޮތުގައި ހަނާއަށް ޖެހިފައިވަނީ އެންމެ ކަމެއް ދެ ކަމެއް ނޫނެވެ. މަދުވެގެން ފަސް ކަމެއް އަނިލް ފާހަގަކުރިއެވެ. ދީޕޫ ކިޔާ ޖިންނިއަކީ، ކޮންމެވެސް ސަބަބަކާ ހުރެ ހަނާއަށް އެހީވުމުގެ ނިޔަތުގައި އަންނަ ޖިންނިއެކެވެ. ދީޕޫއަކީ މުސްލިކަމަށް ވެދާނެއެވެ. ނުވަތަ ކާފަރަކަށް ވެސް ވެދާނެއެވެ. މަތިންބައިންޖެހިގެން އައިސް އިންސާނަކަށް އެހީވުމަކީ ޖިންނީންގެ މިޒާޖާ ގުޅޭ ކަމެއް ނޫނެވެ. އޭނައަކީ އޭނަ ބުނާހާ ރަނގަޅު، އިންސާފުވެރި ޖިންނިއެއް ނަމަ ޖިންނީންނަށް އެހީވާން ހުރީމަ ނިމުނީއެވެ.

"އެކަމަކު އަހަރެން އަދިވެސް ހިތަށްއަރާ އެއްޗެއް ބުނެލާނަން،" ރިޒްވާންގެ ވިސްނުން ކުޑަކޮށް ތަފާތެވެ. "އައުރަ ނިވާކުރުމާ، ނަމާދުކުރުމާ، ހެޔޮކަންތަކަށް ނަސޭހަތްދިނުމަކީ ރަނގަޅު ކަންކަމެއްނު! ކާފަރަކު އެ ކަހަލަ ކަމެއް ނުކުރާނެއްނު!"

ރިޒްވާނަށް ވިސްނައިދިނުމަކީ އަނިލްއަށް ފަސޭހަކަމަކަށް ނުވިއެވެ. ރަނގަޅުހެން ހީވާ ކަންކަން ޖިންނިސައިތާނުން ކުރަނީ އެހެންވެއެވެ. ބޭނުމަކީ އޮޅުވައިލުމެވެ. އާދަމްގެފާނަށް ސަޖިދަޖަހަން އެންގެވި ވަގުތުން ފެށިގެން ޖިންނިސައިތާނާ ބޮޑާވެ، ކިބުރުވެރިވި ކަމާއި، ގިޔާމަތްދުވަހާ ހަމައަށް އިންސާނުންނާ ހަސަދަވެރި ވާނެކަން ހަނދާން ހުންނަނީ މަދު މީހެކެވެ.

"ތި ވާހަކަ ރަނގަޅޭ!" އަނިލް ވެސް އެ ކަމާ އެއްބަސްވިއެވެ. "އެކަމަކު އިންސާނެއްގެ ހަށިގަނޑު ތެރެއަށް ވަދެގެން ނުވާނެއްނު! ނިޔަތް ހެވިއްޔާ ޢަމަލު ގޯސްވެގެން ނުވާނެއްނު! ޖިންނީގެ ފަރާތުން އެހީތެރިކަން ހޯދަން ވަސްވާސްދޭ ހިސާބުން އެ ގޯސްވީއޭ. އެ މަޅީގަ ނުޖެހިބަލަ! އަސްލު ތެދަށް ބުނަންތަ؟ އެހެން މީހަކު ނަމަ މިހާރު ފޫހިވެގެން ތި ގެއަށް ދިޔުން ހުއްޓާލައިފީސް. މި ވަރަށް ބުނެދޭ އިރު ވެސް އަހަރެން ދައްކާ ވާހަކަ ގަބޫލެއް ނުކުރޭ ވިއްޔަ. އަހަންނަށް އެނގޭ ޖިންނިސައިތާނުންގެ ބޭނުމަކީ ރުޤްޔާ ހުއްޓުވުންކަން. އަހަރުމެންގެ ތެރޭގަ ދެބަސްވުން އުފެއްދުންކަން. އެހެންވިޔަ ނުދޭން އަހަރެން މި ދަނީ ވެސް. އެކަމަކު އަހަންނަކަށް ވެސް ގަދަކަމަކުން މި ކަމެއް ނުއެއް ކުރެވޭނެ."

"އަނިލް ދައްކާ ވާހަކަ އަހަރެން ގަބޫލުކުރަމޭ!" ރިޒްވާން ދުލުން ބުނަނީ އެހެންނެވެ. "މިރޭ ވެސް އަންނަންވާނެ. އެބަޖެހޭ މި ކަން ކޮޅެއްގަ ޖައްސަން."

ފޯނުބާއްވައިފައި ވެސް އިރުކޮޅަކު ރިޒްވާން ވިސްނަން އިނެވެ. ހަމަ އެހެންމެ އަނިލް ވެސް ހުރީ ވިސްނާށެވެ. ރިޒްވާން ދައްކާ ވާހަކަ ގަބޫލުކުރަންވީ ކިހާ ވަރަކަށް ކަމެއް އަނިލް އަކަށް ނޭނގެއެވެ. "އަޅުވެރި" ޖިންނިއެއް އަނބިމީހާއާ އަވަލަވައިގެން އުޅެން އޭނަގެ ފިރިމީހާ ބޭނުންވާ ނަމަ އެ ކަން ހުއްޓުވަން އަނިލްއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ކިޔެވިދާނެއެވެ. ފެންއަޅައި، ސިހުރު ބާތިލުކޮށް، ވަޅުލައިފައި ހުރި އެއްޗެއް ވިއްޔާ ނަގަން ވެސް ނެގިދާނެއެވެ. އެހެނަސް، އަޤީދާ ވަރުގަދަ ނޫން ނަމަ އަނެއްކާ ވެސް ޖިންނި އަވަލަވާނެއެވެ. ދެވިހިފާނެއެވެ. ވަސްވާސް ވެސް ދޭނެއެވެ.

ކިޔަވަން ދާން ހަމަޖެހިފައިވާ ވަގުތު ކައިރިވަމުން އައި އިރު އަނިލް ހުރީ ނާހިދު ބަލާ ހުޅުމާލޭގައެވެ. ވަރަށް ވިއްސާރަ ރެޔެކެވެ. ވާރޭ ހުއްޓާނެ ކަމުގެ އެއްވެސް އުންމީދެއް އަނިލް އަކަށް ނެތެވެ. އަނިލް ހުރީ ވިއްސާރަކޯޓު ލައިގެން ނަމަވެސް ދާލަން ހުރަސްކުރަން ނިންމައިގެންނެވެ. ވާރޭ ތުނިކުރަމުންދިޔަ ވަގުތެކެވެ. ފޯނެއް އައިސްގެން އަނިލް ބަލައިލި އިރު ފޯނަށް އަރައިފައި އޮތީ ދީމާގެ ނަމެވެ. ދީމާއަކީ އަނިލްގެ އަންހެނުންނެވެ.

"ނިކަން އަވަހަށް އައިސްބަލަ!" ކުޑަކޮށް ހާސްވެފައި ދީމާ ބުންޏެވެ. "ބެލްކަނީގަ އެބަހުރި ފާޑެއްގެ މީހެއް."

އަނިލްގެ އެޕާޓުމަންޓުގައި ބެލްކަންޏަށް ނުކުންނަން ހުންނަނީ ކަހާ ދޮރެކެވެ. ދޮރުގެ ބިއްލޫރިގަނޑުގައި ހުންނަނީ ފުސްކަރުދާސް ހިއްޕައިފައެވެ. އެކަމަކު ދޮރުގެ ތިރިން ފެށިގެން ތިން ފޫޓެއްހާ ހިސާބަކު ފުސްކަރުދާހެއް ނުހުރެއެވެ. އެ ތަންކޮޅު ހުސްކޮށް ބެހެއްޓީ އަލި ވެއްދުމުގެ ބޭނުމުގައެވެ. ބެލްކަނީގެ ބޭރު ގާފޮޅު ވެސް ހުންނަނީ ތިން ފޫޓެއްހާ އުސްކޮށެވެ. ވީމާ، އެ ގާފޮޅުން ދޮރުގެ ތިރީބައި ހުންނަނީ ނިވައިވެފައެވެ. ދީމާއަށް "މީހާ" ފެންނަނީ ދޮރުގެ ތިރިންނެވެ. ރާޤީންނަށް ޖިންނިސައިތާނުން ޖެއްސުންކުރެއެވެ. ބިރުގަންނަވަން މަސައްކަތް ކުރެއެވެ. އެއީ އާ ކަމެއް ނޫނެވެ. އެކަމަކު އަނިލް ބޭނުންވީ އެ ވާހަކަ ނުދައްކައި، ދީމާގެ ބިރުކަނޑުވާށެވެ.

"އޭނަ ކައިރީގަ ބުނޭ ގެއަށް ވަދެގެން ނުވާނޭ ކަލޭ ހުރި ތާކު ހުރެފަ ރައްކާވާށޭ!" އަނިލް ބުންޏެވެ.

"ހަމަ ސީރިޔަސްކޮށޭ މި ބުނީ،" ތަންކޮޅެއް މަޑުމަޑުން ދީމާ ބުނެލިއެވެ. "އެބަ ހުއްޓޭ!"

ބެލްކަނި ހުންނަ ދިމާގެ ގޮތުން އެޕާޓުމަންޓަށް ވަދެފައި، ކޮޓަރިއަށް ވަދެގެން ނޫނީ ބެލްކަންޏަކަށް ނުނިކުމެވޭނެއެވެ. އެހެންކަމުން ބެލްކަނީގައި އިންސާނަކު ނުހުންނާނެކަން އަނިލްއަށް އެނގެއެވެ. އެހެނަސް އަނިލް ހުރީ ހުޅުމާލޭގައެވެ. ވާރޭ އެއްކޮށް ހުއްޓައެއް ނުލައެވެ. ދެން އަނިލް ދާން ގަސްތުކޮށްފައި އޮތީ ވެސް ގެއަކަށް ނޫނެވެ.

"ކިހިނެއް އޭނަ ވަނީ؟" އަނިލް ސުވާލުކުރިއެވެ. "ދީމާއަށް ވެސް އެނގޭނެ ދީމާއަށް ނޭނގި ބެލްކަންޏަކަށް މީހަކަށް ނޭރޭނެކަން."

"ބަލަ އަހަރެން މިހިރީ ކޮޓަރީގަ އޭނައަށް ބަލަހައްޓައިގެންނޭ!" ދީމާ ވާހަކަދެއްކީ މަޑުމަޑުންނެވެ. "ދެފައި ވަށްކޮށްލައިގެން އިށީނދެގެން، އަހަންނަށް ފުރަގަސްދީގެން އިން ކަޅުކަޅު މީހެއް! އޭނަ ލައިގެން ހުރި އެއްޗެއްސާ އޭނަޔާ ހުންނަނީ ފާޑަކަށް އެއްވެފަ."

އަނިލް ވިސްނައިލިއެވެ. ޖިންނިސައިތާނުންނަކީ އިންސާނުންނަށް ފާރަލާ ބައެކެވެ. އަނިލް ބިރުނުގެންނެވޭނެކަން އެނގޭތީ، އަނިލް ހުރި ތަނާއި، ހާލަތާ ބަލައިފައި ދީމާ ބިރުގަންނަވަން ދިމާކުރީއެވެ.

"ދީމާ! ތި ވެދާނެއްނު އެއްޗެއްގެ ހިޔަންޏަކަށް ވެސް." އަނިލް ބުންޏެވެ.

"މިހާރު އޭނަ އެހެރީ އެނބުރިގެން އަހަންނަށް ބަލަހައްޓައިގެން." ކުރިޔަށް ވުރެ ވެސް މަޑުން ދީމާ ބުނެލިއެވެ.

ނުނިމޭ