ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ


"އިހަށް މަޑުކޮށްލަބަލަ!" ކެތް ނުކުރެވިގެން ފަރުހާދު ބުންޏެވެ. "އަހަރެން ގެއްލިގެން މި އުޅޭ ރަން ކެވެލިގަނޑު ފެންނާނެތަ؟"

އަނިލްގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ޖެހިހެންނެވެ. އަބަދުވެސް އަނިލް ކަންބޮޑުވި ކަމަކީ އެއީއެެވެ. ރުޤްޔާކުރާ އިރު ބޭކާރު މީހުން އެ ތަނަށް ނުވައްދަން އަނިލް ބުނާ ސަބަބަކީ ވެސް އެއީއެވެ. ޖިންނިސައިތާނުންގެ މަގުސަދަކީ އިންސާނުން ނިކަމެތިކުރުމެވެ. ﷲ ގެ ބަދަލުގައި ޖިންނިސައިތާނުންގެ ކިބައިން އިންސާނުން ކަންކަމު އެދުމެވެ. ރިޒްވާނަށް އަނިލް އެ ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ.

"އާނ!" ފަރުހާދަށް ޖަވާބުދިނުމުގައި ހަނާ އަވަސްވެގަތެވެ. "އޭތި ވަގަށްނެގީ ކަލޭގެ ބޮޑުދައިތަ. އެޔާ އެއްކޮށް ރަން އަނގޮޓިއެއް ވެސް ނެގި. ބޮޑުދައިތަ އަލަމާރީގެ އެންމެ މަތީ ބައިގެ ހުޅަނގު ކަނުގަ އޮތް ސިޓީއުރަ ބަލާބަލަ!"

"ނުކުމޭ މި ތަނުން!" ވަރަށް ހަރުކަށިކޮށް އަނިލް ބުންޏެވެ. "ހަމަ މިހާރު ނުކުމޭ!"

ރިޒްވާންގެ ތިމާގެ މީހަކާ ދިމާއަށް އަނިލް އެ ގޮތަށް ވާހަކަދެއްކުން ރިޒްވާނަކަށް ކަމަކުނުދިޔައެވެ. މައްސަލައަކީ އެހެން ބުނުމެއް ނޫނެވެ. ރިޒްވާނަށް ކަމުނުދިޔައީ އަނިލް ބުނި ރާގާއި ބަހުރުވައެވެ.

"ދެން ކޮން ކަމެއް ކަލޭ އޮޅުންފިލުވަން ބޭނުންވަނީ؟" ހަނާ ސުވާލުކުރިއެވެ.

ހަނާ ދެއްކި ވާހަކައަށް އެކަކު ވެސް ސަމާލުކަމެއް ނުދިނެވެ. ފަރުހާދު ހުރީ އެތައް ސުވާލެއް ތައްޔާރުކޮށްގެންނެވެ. އެހެނަސް، ރިޒްވާނަށް ބަލައިލައިފައި ފަރުހާދު ކޮޓަރިން ނުކުތެވެ. އެހެން މީހުން ވެސް ނުކުތެވެ. އަނިލް ދޮރު ލައްޕައި ތަންޑުއެޅިއެވެ. އެ މައްސަލަ ފަހަށް ބާއްވައިފައި އެ ރެޔަށް ނިންމާލަން ހިފިއެވެ.

"ކަލޭ ބޭނުން ކަންތައް ވެއްޖެއްނު!" އަނިލް ބުންޏެވެ. "ދެން މި ކުރަނީ މަ ކުރަން ބޭނުން ނުވި ކަންތައް."

އަނިލް އަތުގައި އޮތް ފުޅިން ފެންޖެހުމުގެ ކުރިން ހަނާ ވާހަކަދެއްކިއެވެ.

"އަހަރެން މި ދަނީއޭ!" ހަނާ ގޮތްދޫކުރިއެވެ. "އެކަމަކު އަދިވެސް އަންނާނަން."

"ކަލޭ އަތުވެއްޖެއްޔާ ކޮންމެވެސް އިރަކުން އަހަންނާ ދިމާވާނެ،" އަނިލް ހަނދާންކޮށްދިނެވެ. "އެންމެން ހުސްވީމަ ނަމަވެސް ކޮންމެވެސް ހިސާބަކުން ކަލެޔާ ޖެހޭނެ. އޭރުން ހިތަށްއަރާނެ ސަހަރޯއޭ. ކަލޭ ހަނދާންކުރާތި! އަހަންނަކާ ނޫން ކަލޭ ކުރިމަތިލާނީ. އޭތި ކަލޭ އޮޅުވާނުލައްޗޭ!"

"ދެން ކާކާ އަހަރެން ކުރިމަތިލާނީ؟" ހަނާ ސުވާލުކުރިއެވެ.

"ކަލޭ މުސްލިމެއް ކަމަށް އެބަ ދައުވާކުރަމެއްނު! ރަނގަޅަށް އަޑުއަހާ!" އަނިލް ކިޔައިދިނެވެ. "ﷲ އާ އެކަލާނގެ ގަދަފަދަ މަލާއިކަތުންނާ ކަލޭ ކުރިމަތިލާން ޖެހޭނީ."

އަނިލްއަށް ދޭނެ ޖަވާބަކާ މެދު "ހަނާ" އެތައް އިރަކު ވިސްނިއެވެ. އޭނަ ހީކުރީ އަނިލް ހެދީ ދޮގެއް ކަމަށެވެ.

"އެހެނެއް ނުވާނެ!" ހަނާ ބުންޏެވެ. "ކަލޭ ތި އުޅެނީ.."

"ތިހިރީ ކަލޭގެ ގަމާރުކަން ހުރި ވަރު،" ފޫހި ގޮތަކަށް އަނިލް ބުންޏެވެ. "ކަލޭ ކިހިނެއް އިންސާނަކަށް އެހީ ވާނީ؟"

"އަހަރެން ދެންމެ ވެސް އިންސާނަކަށް އެހީވިން،" ހަނާ އެ ވާހަކަ ވެސް ގޮވައިލިއެވެ. "އެކަމަކު އޭނަ އެހީއަށް އެދުނީތީ ކަލެއަށް ވެސް ގޯސްވީ އޭނަ. ބަލަ ކަލޭ ކިތައް ވާހަކަ އަހަރެން ކައިރީގަ އަހައިފިން؟ އެ ނުވޭ ދޯ އެހީއަަށް އެދުމަކަށް؟"

"ދެން އަހަރެން ވީ ރަދީފުން ކަލެއަށް އެހީގެ މާނަ ބުނެދޭން؟" ފުޅިން ފެންޖަހައިލަމުން އަނިލް ބުންޏެވެ. "ބޭކާރު ކަންތައް ކުރާކަށް އަހަންނަކަށް ނެތް ވަގުތެއް. ނައްޓާލާ!"

ދެން ވެސް ބޭކާރު އެތައް ވާހަކައެއް ދެކެވުނެވެ. މުހިންމު ވާހަކަތަކެއް ވެސް ދެކެވުނެވެ. އޭނަ ބުނި ގޮތުގައި އެ ތަނުގައި ތިބި ޖިންނީންގެ އަދަދު މިލިޔަނަކާ ގާތްކުރެއެވެ. އަނިލް އަކަށް އެންމެން ފޮނުވައެއް ނުލެވޭނެއެވެ. އެއީކީ ކުޅަދާނަ ކަމެއް ނޫނެވެ. އެކަމަކު އެއްބަސްވުމެއް ހެދިދާނެއެވެ. އެއީ ހަނާ ކައިރީގައި އަނިލް އިތުރަށް ޤުރުއާން ނުކިޔެވުމެވެ. ބަދަލެއްގެ ގޮތުން ޖިންނީންގެ ތެރެއިން އެކަކު ވެސް ހަނާއަށް ގޯނާއެއް ނުކުރާނެއެވެ. އެހެންނަަމަވެސް ހަނާ ދޫކޮށެއް ވެސް ނުލާނެއެވެ. އެ ގޮތަކަށް އަނިލް އެއްބަހެއް ނުވިއެވެ. ނަތީޖާ އަކަށް ވީ އަނިލް ކިޔަވަން ފެށުމެވެ. މެދު ނުކެނޑި ބައި ގަޑިއިރު ކިޔެވުމުން ވެސް އެކަކު ވެސް ދިޔަހެނެއް އަނިލް އަކަށް ހިޔެއް ނުވިއެވެ.

"ކޮބާ! ހުއްޓާލަންވީމަ ބުނަންވީ؟" ހަނާ ދޭތެރެއަކުން މަލާމާތް ކޮށްލައެވެ.

ގަޑިއެއްގެ އިރު ވިއެވެ. އަނިލް ސާބިތުކަންމަތީ ކިޔަވަމުން، ފެންޖަހަމުން ގެންދިޔައެވެ. ކުރެވެނީ ކީއްކަން އަނިލްއަށް އެނގެއެވެ. ނަތީޖާ ނެރެވޭނެކަން ވެސް އެނގެއެވެ. ބައެއް ވޭދަނަ ތަކުގައި ތިން ގަޑިއިރު ވެސް ކިޔަވަންޖެހިފައި އެބަ ހުއްޓެވެ. ބަލިމީހާގެ ފުށުން އަލާމާތެއް ނުފެނުމުގެ މާނައަކީ ކަމެއް ނުހިނގުމެއް ނޫނެވެ. ޖިންނިސައިތާނުންނަކީ ސިއްރާއި މަކަރުގެ އަހުލުވެރީންނެވެ. އޮޅުވާލުމާއި ވަސްވާހުގެ އެދުރުންނެވެ.

"އޭއޭ!" ކެތްނުކުރެވިގެން ހަނާ ބުންޏެވެ. "ދެން ހުއްޓާލަބަލަ! އަންހެނުންނާ ކުޑަކުދިން ރޮނީއޭ! ކަލޭގެ ހިތެއް ނެތްތަ؟ ހުރިހާ އެންމެން އަނދަނީއޭ!"

"ތީ ކަލޭމެން އަމިއްލައަށް ލިބިގަތް ދެރައެއް." ރަހުމެއް ނެތް ރާގެއްގައި އަނިލް ބުންޏެވެ.

ހަނާ ރޮއި ހޭރި އާދޭސްކުރަން ފެށިއެވެ. އެންމެ ފަހުން ސިހުރު ނަގައިދޭން އެއްބަސްވިއެވެ.

"ހަނާގެ ކަރުގަ އެބައޮތް ސިހުރުހަދާފަ އޮތް ފަށެއް. އެ ވެސް ނަގައިދީފާނަން." ހަނާ ބުންޏެވެ.

ސިހުރު ހެދުމުގައި އިންސާނުން ތިމަރައާއި، ބޮއްޔާއި، ލުނބޯ ފަދަ އެއްޗެހި ބޭނުންކުރި ނަމަވެސް، ޖިންނިސައިތާނުން ބޭނުންކުރަނީ ރޫހާނީ އެއްޗެއްސެވެ. ޖިންނީންގެ ދުނިޔޭގައި އާންމު އެކަމަކު އިންސާނުންގެ ލޮލަށް ނުފެންނަ އެއްޗެއްސެވެ. އަނިލް ހީކުރީ "ހަނާ" އެ ދައްކަނީ އެ ފަދަ އެއްޗެއްގެ ވާހަކަ ކަމަށެވެ.

"ކޮން ފަށެއްގެ ވާހަކައެއް އެ ދައްކަނީ؟" ރިޒްވާން ގާތުގައި އަނިލް މަޑުމަޑުން އެހިއެވެ.

"ހަނާ ނާޅާނެ ފަށެއް." ވަރަށް ޔަގީންކަމާ އެކުގައި ރިޒްވާން ބުންޏެވެ.

އެ އަޑު އިވުމާއެކު ހަނާ ހީނގަތެވެ. އަދި މަލާމާތްކޮށްލިއެވެ.

"އެހެރީ އޭނައަށް ކަންކަން އެނގޭ ވަރު،" ހަނާ ބުންޏެވެ. "މަ މި ބުނަނީނު އެބަ އޮތޭ ފަށެއް."

ރިޒްވާން ބުނާ އެއްޗަކާ ހަނާ ބުނާ އެއްޗަކާ ދިމާ ނުވާތީ ގޮތެއް ނިންމަން އަނިލްއަށް ކުޑަކޮށް އުނދަގޫވިއެވެ.

"ނަގާ!" އަނިލް އެދުނެވެ.

"ދެން އަހަރެން ވީ ހަނާގެ ހެދުން ބާލަން؟" ހަނާ ސުވާލުކުރިއެވެ.

"ހަމަ އަސްލު ފަށެއްތަ އޮތީ؟" ހައިރާންވެފައި އަނިލް އެހިއެވެ. "އެކަަމަކު ރިޒްވާން އެ ބުނަނީ އަންހެނުންގެ ކަރަކު ފަށެއް ނޯންނާނޭ. މައުދަނުން ހަދާފަ އޮތް އަސްލު ފަށެއްތަ އޮތީ؟"

"އަދިވެސް ތިބޭ އޭނަ ދައްކާ ވާހަކަ ގަބޫލުކޮށްގެން،" މަލާމާތުގެ ރާގަކަށް ހަނާ ބުންޏެވެ. "ހަނާގެ ގައިގަ ހުރި އެއްޗެއް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް. ސިހުރުހަދާފަ އޮތް ރަން ފަށެއް އޮތީ. ބުރުގާ ނަގައިގެން ބަލާބަލަ! އަހަންނަށް އެ ނެގޭ ނަމަ މިހާރު ނަަގައިފީމުސް. އެކަމަކު ކަލޭމެންނޭ އެ ނަގަން ޖެހޭނީ."

އަނިލް އެދިގެން ހަމްދާ ގެނައެވެ. އަދި ހަނާގެ ކަރުގައި ފަށެއް އޮތްތޯ ހަމްދާ ބެލިއެވެ. އަނިލް ހުރީ ހަނާއަށް ފުރަގަސްދީގެންނެވެ.

"އާނ! އެބަ އޮތް ފަށެއް!" ފަށް ދެމުން ހަމްދާ ބުންޏެވެ.

ހައިރާން ވެފައި އަނިލް ބަލައިލީ ރިޒްވާނަށެވެ. އެއީ ކޮން ފަށެއްހޭ އަހާ ކަހަލަ ގޮތަކަށެވެ.

"އޭ! ތިއެއް އަހަންނެއް ނުދެކެން." ހައިރާންވެފައި ރިޒްވާން ބުންޏެވެ.

"ސާބަހޭ!" އަނިލް ބުންޏެވެ. "ތީ އޭނަގެ ފިރިމީހާތަ؟"

ސިހުރު ބާތިލަށް ކިޔަވައިފައި ހުރި ފެނުގެ ތެރެއަށް ފަށް ލައިގެން ފަށް "ސާފުކުރަން" އަނިލް ފެށި ތަނާ ހަނާ ހޭން ފެށިއެވެ.

"ކޮން ކަމަކާ ކަލޭ ތި ހެނީ؟" އަނިލް ސުވާލުކުރިއެވެ.

އެ ސުވާލަށް "ހަނާ" ޖަވާބެއް ނުދިނެވެ. ވީމާ، އޭނަ ފޮނުވައިލައިފައި ނިންމައިލީއެވެ. އަނިލް ގަސްތުކުރީ އެ ވޭދަނަ ވެސް އެ ހިސާބުން ނިންމައިލާށެވެ. އަނިލްގެ ބަސް ނުވިކޭ ތަންތަނުގައި ރުޤްޔާކުރުމަކީ އަނިލްގެ އަމިއްލަ ނަފުސު ތަންދޭ ކަމެއް ނޫނެވެ. އެ ވާހަކަ އަނިލް ދެއްކީ ރިޒްވާން ގޮވައިގެން ބޭރަށް ނުކުމެފައި މަގުމަތީގައި ތިބެގެންނެވެ. ކައިރީގައި ނާހިދު ހުއްޓެވެ.

"ދެން އެހެން މީހަކު ހޯދައިގެން ކުރިޔަށް ގެންދޭ!" އަނިލް އެދުނެވެ.

"އަހަންނަށް އެނގޭ ފަރުހާދު އެ ކުރީ ގޯސްކަމެއްކަން،" ރިޒްވާން އެއްބަސްވިއެވެ. "އެ ކަހަލަ ކަންތައް ކޮށްގެން ނުވާނެ. އެކަމަކު ތިމާގެ މީހެއް ވީމަ ނުކެރުނީ ކޮޓަރިއަށް ނުވަންނާށޭ ވެސް ބުނަން."

ރުޤްޔާ މެދުކަނޑައިލުމަކީ އަނިލް ވެސް ބޭނުންވި ގޮތެއް ނޫނެވެ. އެހެނަސް، ޒަމީރު ގަބޫލުނުކުރާ ހަމަތައް އަނިލް އަކަށް ބަލައެއް ނުގަނެވޭނެއެވެ.

"އެކަމަކު ޖިންނި ބޭނުންވި ގޮތް މި ވީ!" ރިޒްވާން ބުންޏެވެ. "އެންމެ ފަހުން އޭނައަށް ކާމިޔާބުވީ!"

އަނިލް ވެސް ބޭނުންވީ އެހެން ނުވާށެވެ. ޖިންނިސައިތާނުންގެ ރޭވުން ނާކާމިޔާބު ކޮށްލަން ކުރެވުނު ހުރިހާ ކަމެއް އަނިލް ކުރިއެވެ.

"އެހެނެއް ނުވާނެތާ!" އަނިލް ހިތްވަރު ދިނެވެ. "އަހަރެންނަށް ވުރެ މާ މޮޅެތި ރާޤީން އުޅޭނެ. މީހަކު ގެނެސްގެން ކުރިޔަށް ގެންދޭ! މިހާ ހިސާބުން އެހެން މީހަކަށް ކުރިޔަށް ގެންދެވޭނެ. އަހަރެންގެ އެބަ އޮތް ރިކުއެސްޓެއް. ސިހުރު ރަނގަޅުކުރަން ސިހުރު ނަހަދާތި!"

އަނިލް ގެއާ ދިމާއަށް މިސްރާބުޖެހީ ހިތާދެކޮޅަށެވެ. ޖިންނިސައިތާނުން ބައްދަމުން އައި މަޅި ފެނި، ރައްކާތެރިވާން މަސައްކަތް ކޮށް އެ ކަން ނާކާމިޔާބު ވީމައެވެ. ހަނާގެ ވޭދަނަ އަދިވެސް ނިމުނީކީ ނޫނެވެ. ބާކީ އެތައް ސިއްރެއްް ވަޅުޖެހިފައި އެބަ އޮތެވެ. ހަނާގެ ކަރުގައި އޮތް ފަށުން ސިހުރު ބާތިލުކުރި އިރު "ހަނާ" ހޭން ފެށި މަލާމާތުގެ ހުނުން އެތައް ދުވަހަކަށް އަނިލްގެ ސިކުނޑީގައި ހަރުލައިފައި ހުންނާނެއެވެ. އަނިލް ހިތަށްއެރިއެވެ. އެއީ މި ފަދަ ނިމުމެއް އަންނަން އުޅޭ ކަން އޭނައަށް އެނގިގެން ކުރި މަލާމާތެއް ހެއްޔެވެ؟ ނުވަތަ އެހެން ސިއްރެއްގެ މަލަމަތި ހެއްޔެވެ؟ ހަނާ ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އަނިލްއަށް އޮތެވެ. އެކަމަކު އެހެން ރާޤީ އަކަށް އެ ޔަގީންކަން ދެވިދާނެ ހެއްޔެވެ؟ ނުވަތަ ރިޒްވާން އަނެއްކާ ވެސް އަނިލްގެ އެހީތެރިކަމަށް އެދޭނެ ހެއްޔެވެ؟ އަނިލް ބޭނުންވީ އެ ހިސާބަށް ނުވިސްނާށެވެ.

ނިމުނީ