ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅޭ


"ކަލޭ ދެން އަސްލު ވެސް އިސްލާން ދީން ގަބޫލުކުރީތަ؟" އަނިލް ވާހަކަ ކުރުކޮށްލިއެވެ.

އެ ސުވާލުގެ ޖަވާބު ވަގުތުން ދިން ނަމަ އަނިލްއަށް ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީހެވެ. އެކަމަކު "ހަނާ" އެތައް އިރަކު ވިސްނި ކަހަލައެވެ. ޖިންނިސައިތާނުން އިސްލާންވުމަކީ އާންމު ކަމެކެވެ. ހުރިހާ ވެސް މައްސަލައަކީ ދޮގުހަދަން އެ މަހުލޫގުން ދެވިހިފައިފައި ހުންނަ ކަމެވެ. ތެދަށް ބުނެގެން ފުރާނަ ސަލާމަތްކުރެވެން އޮތަސް ދޮގުހަދައިގެން މަރުވާ ފަހަރު މަދެއް ނޫނެވެ. އަނިލްއަށް އެ ހުރިހާ ކަމެއް ވަނީ ފެނިފައެވެ.

"އާނ!" ހަނާ ބުންޏެވެ. "އެކަމަކު ކަލޭ ހިއެއް ނުވޭ ގަބޫލުކުރާނެ ހެނެއް."

"ހަނާ" ބުނީ ތެދެކެވެ. އަނިލް އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. ހަގީގަތް ހޯދުމަށް ޓަކައި އަނިލް ޖެހުނީ ބުއްދީގެ ބޭނުންކުރާށެވެ. ޖިންނީންގެ ކުލައަކީ ރަތްކުލަ ކަމަށް ބައެއް މީހުން ހީކުރިޔަސް، ޖިންނީންގެ އާންމު ކުލައަކީ ކަޅުކުލައެވެ. ޖިންނީން އުފައްދަވައިފައި ވަނީ ދުން ނާރާ އަލިފާނުގެ އެންމެ މަތީ ފަށަލައިންނެވެ. ރަތްކުލައާއި، ފެހިކުލައާއި، ނޫކުލައާއި، އޮރެންޖުކުލައާއި ރީނދޫކުލަ ވެސް އެ ފަށަލައިގައި ހިމެނެއެވެ. އާންމުކޮށް ނުފެންނަ އެތައް ކުލައެއް ވެސް ހިމެނެއެވެ. ވީމާ، އެކި ކުލަކުލައިގެ ޖިންނީން އުޅެއެވެ. ހުދުކުލައަކީ މުސްލިމް ޖިންނީންގެ ކުލައެކެވެ. ޖިންނިސައިތާނުން އިސްލާން ވުމުން އޭގެ ކުލަ ހުދުކުލައަށް ބަދަލުވާނެއެވެ.

"ކަލޭ މިހާރު ހުރީ ކޮން ކުލައެއްގަ؟" އަނިލް ސުވާލުކުރިއެވެ.

"އަހަރެން ހުދޭ ބުނެފިއްޔާ ކަލޭ ބުނާނެ ދޮގޭ ތި ހަދަނީ،" ޖަވާބުގައި ހަނާ ބުންޏެވެ. "އެހެންވީމަ ދެން ކަލޭ ބަލާ ގޮތަކަށް ބަލާބަލަ!"

"ހަނާ" ދޮގުހަދަންޏާ ހަދާނީ ފިލައި ރައްކާވުމަށް ޓަކައެވެ. އެހެން ފަހަރަކުން އަލުން އައިސް ހަނާއަށް ގޯނާކުރުމަށް ޓަކައެވެ. ދެން އަޔަސް އަނިލް އަތްދަށަކުން އޭނަ އަކަށް ސަލާމަތެއް ނުވެވޭނެއެވެ. އެ ޔަގީންކަން އޮތުމުން އަނިލް ގަސްތުކުރީ އެ ހިސާބުން ނިންމައިލާށެވެ.

"އެހެންވިއްޔާ މައްސަލައެއް ނެތް،" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ދެން ދޭ ކަލޭ!"

އެ ގޮތެއް ހަނާ އަކަށް ކަމަކުނުދިޔައެވެ. ކޮންމެވެސް ސަބަބަކާ ހުރެ ހަނާ ދޫކޮށްލާކަށް އޭނަ ބޭނުމެއް ނުވިއެވެ.

"އަހަރެން ބުނީމެއްނު ކުޑަ ދުވަސްކޮޅަކު އަހަރެން ބަހައްޓަބަލާށޭ!" ހަނާގެ އެހީގައި އޭނަ އެދުނެވެ. "އަހަރެން ހަނާ އަކަށް އެއްވެސް އުނދަގުލެއް ނުކުރާނަން. އަހަރެން ހުރި ކަމެއް އޭނަ އަކަށް ނުވެސް އެނގޭނެ."

"ދެން ކީއްކުރަންހޭ ކަލޭ ހުންނަން ތި އުޅެނީ؟" އަނިލް ހިތްހަމަނުޖެހިފައި ބުންޏެވެ. "އިންސާނަކު މަގުފުރެއްދުން ނޫން ކަމެއް ޖިންނިސައިތާނުން ނުކުރާނެ. މަ ދަންނަމޭ އެ ކަން. ކަލެއަކަށް މަޑެއް ނުކުރެވޭނެ! ތި އުޅެނީ ހަނާއަށް ވަސްވާސްދީގެން ކަލޭ ލައްވާ ކަންތަކު ކިޔުއްވައިގެން ހަނާ މަގުފުރައްދަންތަ؟ ޤުރުއާނުގަ ކަނޑައެޅިގެން އަންގަވާފަ އޮންނާނެ އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއޭ. އެކަމުގެ ސަބަބުން ޖިންނީންނަށް އިންސީން ކާފަރު ކަމާއި ބޮޑާކަން އިތުރުކުރިޔޭ. އަހަރެން ކިހިނެއް ކަލެއަށް އެ ފުރުސަތު ދޭނީ؟"

"ޤުރުއާނުގަ ހުންނަ އެއްޗެހި ކަލޭމެން ގަބޫލުކުރަންތަ؟" ހައިރާންވެފައި ހަނާ ސުވާލުކުރިއެވެ.

"ހަނާ" ބުނީ އިސްލާން ޖިންނިއަކު ބުނާ ކަހަލަ އެއްޗެއް ނޫނެވެ. އަނިލް ވިސްނައިލިއެވެ. ދީޕޫއަށް ދީން ރަނގަޅަށް ނޭނގެނީ ހެއްޔެވެ؟

"ބަލަ އިސްލާންދީނަކީ ހައްގު ދީން،" އަނިލް ތަފުސީލުކޮށް ކިޔައިދިނެވެ. "ﷲ ގެ ޙަޟުރަތުގަ ގަބޫލުކުރެވޭ ހަމަ އެކަނި ދީނަކީ ވެސް އިސްލާންދީން. އަހަރުމެންގެ ނަބިއްޔާއަކީ އެކަލާނގެ އަޅާ އަދި ރަސޫލާ. އެކަލާނގެއަކީ އެއްކައުވަންތަ އިލާހު. ޤުރުއާނަކީ އެކަލޭގެފާނުންގެ މައްޗަށް ބާއްވައިލެއްވި ފޮތް. އަހަރުމެންނާ ކަލޭމެން ވެސް އުޅެންވީ އެ ފޮތުގަ އެންގެވި ގޮތަށް. އަހަރެން ޖެހޭ އެ ފޮތް ގަބޫލުކުރަން. ކަލޭ ވެސް ޖެހޭނެ ގަބޫލުކުރަން."

"އެކަމަކު ކަލޭމެންގެ ތެރޭގަ އުޅޭ ގަބޫލުނުކުރާ މީހުން ބައިވަރު،" ދީޕޫ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އަހަންނަށް އެނގޭ!"

ކޮންމެ މަގުސަދެއްގައި ދީޕޫ އެހެން ބުނި ނަމަވެސް އެއީ ތެދެކެވެ. އިސްލާންދީން ގަބޫލުނުކުރާ މީހުންނާއި، އެއްވެސް ދީނެއް ގަބޫލުނުކުރާ ދިވެހިން މަދެއް ނޫނެވެ. ހިތި ހަގީގަތަކީ އެއީއެވެ. އިސްލާންދީނަށް ފުރައްސާރަ ކުރުމާއި، ނަބިއްޔާގެ ސުންނަތަށް މަލާމާތްކުރުން އާންމު ވެއްޖެއެވެ. ވީހާ ވެސް ފާޅުގައި އެ ކަން ކުރުމަކީ ފެޝަނަކަށް ވެއްޖެއެވެ.

"ބަލަ ކަލޭމެންގެ ތެރޭގަ ވެސް އުޅެއެއްނު ޖާހިލުންނާ ގަމާރުން،" އަނިލް ވަގުތުން ޖަވާބުދިނެވެ. "އެކަމާ ކަލޭ ކީއްކުރާނީ؟ އެކަމަކު އަހަންނަށް މިހިރީ ރަނގަޅު މަގު ދައްކަވައިފަ. ކަލޭ ވެސް ތިހިރީ ތެދު މަގަށް އެނބުރި ރުޖޫއަވެފަ. އެއީ ކިހާ ބޮޑު އުފަލެއް."

ހަނާގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. އަނިލް އިނީ ވަރަށް ރަނގަޅަށް ބަލާށެވެ. "ހަނާ" ހިނިތުންވެލި ގޮތުން ހީވަނީ އެއީ ހިތުގެ އަޑިން ކުރެވުނު އިހުސާސެއް ހެންނެވެ.

"އާނ! މިހާރު އެބަ ރަނގަޅުވޭ!" އަޑުވީއްލައި ހީނގެންފައި "ހަނާ" ބުންޏެވެ. "އިންސާނުންގެ ތެރޭގަ ވެސް ވިސްނޭ މީހުން އުޅޭތާ ދޯ! އަހަރެން ހީކުރީ އަހަރުމެންގެ ތެރޭގަ ކިޔާ ގޮތަށް، ކަލޭމެން އެންމެންނަކީ ވެސް ވަރަށް ނުލަފާ ބައެއް ކަމަށް. އެހެންވެ އަހަރެން ވެސް ފުރަތަމަ ޖެއްސުންކުރަން ވެގެން އުޅުނީ. އެކަމަކު ކަލޭ ކޮންމެވެސް ގޮތެއް ހަދައިގެން އަހަރެން އެކަނި ވިއްޔަ މި ތަނަށް ތި ގެނައީ."

"ތި ބުނަނީ ކަލޭ އެކަންޏޭތަ މިތާ ހުރީ؟" އަނިލް ސުވާލުކުރިއެވެ. "ތީގެ މާނައަކީ އެ ގޭގަ ތިބި އެއްވެސް ބަޔަކަށް މި ތާކަށް ނާދެވުނޭ ދޯ؟"

އަމިއްލަ ދުލުން ބޭޒާރުވުމުން އެއްޗެއް ނުބުނެ ހަނާ އޮތެވެ. ހީވާ ކަހަލައެވެ. އެ ސިއްރު ފަޅާއަރާކަށް ދީޕޫ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ދެން އިންކާރެއް ނުކުރިއެވެ.

"އާނ!" ދީޕޫ އެއްބަސްވިއެވެ. "އެއިން އެކަކު ވެސް މި ތާކަށް ނައި. އަންނާށޭ ބުނީމަ ވެސް އަޅައެއްނުލި. އެއީ އަހަރުމެންގެ ތެރޭގަ އޮންނަ ކަމެއް. ނުދަންނަ ބަޔަކަށް އަޅައެއް ނުލާނެ. އެކަމަކު އެ ގޭގަ ތިބި ނަމަ ވަރަށް ފޯރިއަރުވާނެ. އަސްލު ބޭނުމަކީ އަހަރުމެންގެ މައްޗަށް ގަދަކުރުން. ލާހިކެއް ނޫން ގަދަވާކަށް. ކަލޭ މާ ގަދަ! އަހަންނަށް އެނގޭނެއްނު! އަހަރެން ހުންނަން ވިއްޔަ ދުރުދުރުން ބަލަން. ބަލަން ހުރެލާފަ އަހަރެން ދަނީ."

"ދެން ކީއްކުރަން މިރޭ ތި އައީ؟" އަނިލް އެހިއެވެ.

"އާނ! އެ ވާހަކަ އަދި ނުބުނެވޭ ދޯ؟" ލާނެތް ރާގެއްގައި ދީޕޫ ބުންޏެވެ. "އަސްލު ހަނާގެ ބަނޑުގަ ކުޑަ އެތިކޮޅެއް އަދި އެބަ އޮތް. ކަލޭ ދެން އޭތި ކޮންމެވެސް ގޮތަކުން ނަގުވާ!"

އަނިލް ބޭނުންވި މައުލޫމާތު ލިބުނީ އެ ހިސާބުންނެވެ. ރުޤްޔާގެ އުނދަގޫ ކަމަކީ އެއީއެވެ. ބޭކާރު އެތައް ވާހަކައެއް ދައްކައިގެން މެނުވީ ބޭނުންވާ މަގުސަދު ހާސިލެއް ނުވެއެވެ. ގަދަބާރުން ކަންކަން ކުރުވުމަކީ އެންމެ ފަހު ހަތިޔާރެވެ.

"އަހަރެން ކިހިނެއް ނަގަނީ؟ ކަލޭ އޭތި ނެގީމަ ނިމުނީނު! މާ ސަޅިއެއްނު! ނަގާ ގޮތަށް މީގެ ތެރެއަށް ވައްޓާލާ!" ކައިރީގައި ހުރި ޕުލާސްޓިކު ތަށި ދައްކައިލަމުން އަނިލް ބުންޏެވެ. "ހެޔޮކަމެއް ވެސް ކޮށްދެވުނީނު!"

"އޭރުން ވާނީ އަހަރެން އޭތިކޮޅު ނެގީ ކަމަކަށްނު!" ނަގާކަށް ދީޕޫ އެއްބަހެއް ނުވިއެވެ. "ކަލޭ ދެން ހަނާއަށް ތި ދޭ އެއްޗެއް ބޯންދީގެން އެ ކަންތައް ކޮށްލަބަލަ! އަހަރެން ދެން މި ދަނީ."

ހަނާގެ ހަށިގަނޑަށް ގެނައި ހަރަކާތަކުން ހަނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނުކަން އެންމެނަށް ވެސް އެނގުނެވެ. އިރުކޮޅަކުން ހަނާ ލޯ ހުޅުވައިލިއެވެ.

"އަހަންނަށް ނިދުނީތަ؟" ހަނާ އެހިއެވެ. "ހާދަ ބަނޑުހައި ވެއްޖޭ! ހިނގާބަލަ ކާން!"

ގެއަށް ދިޔުމުގެ ކުރިން ކިރުތަށި ދޭން ބުނެފައި އަނިލްއާއި ނާހިދު ދިޔައީއެވެ. ކިރުތަށި ނުބޯން ހަނާ ވަރަށް މައްސަލަޖެއްސިއެވެ. މޭނުބައި ކުރާ ވާހަކަ ވެސް ބުންޏެވެ. އެހެނަސް ރިޒްވާން އެ ކަން ކުރިއެވެ. ރަނގަޅަށް ކިރުތަށި ހުސްނުވަނީސް ހޮޑުލިއެވެ. އޭގެ ތެރޭގައި ކަޅު އެތިކޮޅެއް އޮތްކަމެއް ރިޒްވާނުގެ ލޮލަކު އަޅައެއް ނުގަތެވެ.

ރިޒްވާން ގެއަށް އައީ ދަންވަރުއެވެ. ކާން ބޭނުމޭ ހަނާ ބުނި ނަމަވެސް ކާކަށް ނޫޅުނެވެ. ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެފައި، ފާހާނަޔަށް ވަދެފައި ނުކުމެގެން އައި ގޮތަށް އޮށޯތެވެ. އެ އޮށޯތް ގޮތަށް ހަނާ ނިދިއެވެ. ހެދުން ބަދަލެއް ނުކުރެއެވެ. ހަނާއަކީ ނިދާހެދުމުގައި ނޫނީ އެނދުގައި އޮށޯންނަ މީހެއް ނޫނެވެ. ރިޒްވާނަށް އެ ކަން ވަރަށް ފާހަގަކުރެވުނެވެ. ހިތުގައި ކުޑަ ޝައްކެއް އުފެދުނެވެ. އެނދުގައި އޮތީ ހަނާ ހެއްޔެވެ؟ ހަނާއަށް ބަލަހައްޓައިގެން އެނދު ކައިރީގައި އިރުކޮޅަކު ހުރެލައިފައި ރިޒްވާން ބޭރަށް ނުކުތްއިރު ޒާހިދާ އެކަނިމާއެކަނި ސޯފާގައި އިށީނދެލައިގެން އިނެވެ. އެއްވެސް ކަމެއް ނުކުރެއެވެ. ޓީވީ ހުރީ ނިއްވައިލައިފައެވެ. ގެއަށް ވަން އިރު ވެސް މަންމަ ސޯފާގައި އިން ހެއްޔެވެ؟ އަމިއްލަ ހިތާ ރިޒްވާން ސުވާލުކޮށްލިއެވެ.

"ކިހިނެއްވެފަ މަންމަ އެކަނިމާ އެކަނި ތިއިންނަނީ؟" ސޯފާގައި އިށީންނަމުން ރިޒްވާން އެހިއެވެ.

ޒާހިދާ ޖަވާބެއް ނުދެއެވެ. އެ ވަގުތު ދޮރެއް ހުޅުވައިލި އަޑުއިވިގެން ރިޒްވާން ބަލައިލިއިރު ހަނާ ދޮރުމަތީގައި ހުއްޓެވެ. އޭނަގެ މޫނުމަތީގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ.

"ރިޒޫ!" ވަރަށް ލޯބިން ހަނާ ގޮވައިލިއެވެ. "އައިސްބަލަ ކޮޓަރިއަށް!"

ހަނާގެ ރާގާއި މޫނަށް ޖައްސައިލި ވައްތަރު ހުރީ ރިޒްވާން ލަދުގަންނަ ކަހަލަ ގޮތަކަށެވެ. ރިޒްވާނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. ޒާހިދާ ވެސް ހަނާއަށް ބަލައިލައިފައި ރިޒްވާނަށް ބަލައިލިއެވެ. ރިޒްވާން އިސްޖަހައިލިއެވެ. ހަނާ ދުވަހަކު ވެސް ރިޒްވާނަށް ރިޒޫއެއް ނުކިޔައެވެ. ގޮނޑިން ތެދުވަން ނުކެރިފައި ރިޒްވާން އިނެވެ. ވައްކަޅިން ހަނާއަށް ބަލަހައްޓައިގެންނެވެ.

"ލޯބީ!" ރިޒްވާނާ ދިމާއަށް ހިނގައިގަންނަމުން، ނިކަން ތުއި އަޑަކުން ހަނާ ބުންޏެވެ. "އަޅެ ކޮޓަރިއަށް އާދެބާ!"

ލަދުން ވިރިގެން ފައިބާނެ ނަމަ ރިޒްވާން ވިރިގެން ފޭބީހެވެ. ނޭވާ ހިފާއްޓައިލައިގެން އިންދައި ހަނާ އައިސް ރިޒްވާން ކައިރިއަށް ހުއްޓުނެވެ. ރިޒްވާންގެ އަތުގައި ހިފިއެވެ.

ނުނިމޭ