މަނޯޖް.
03 ޖުލައި 2020 - 07:16
އެކްޓަރު ސުޝާންތު ރާޖްޕޫތު އެންމެ 34 އަހަރުގައި އަމިއްލަ ފުރާނަ ދުއްވައިލުމަކީ މުޅި ބޮލީވުޑް ހޭލައްވާލި ހާދިސާއެކެވެ. ފިލްމީ އާއިލާތަކަށް ނިސްބަވް ނުވުމާއި ފިލްމީ ދާއިރާގެ ނުފޫޒު ގަދަ މީހުންނާ ގުޅުމެއް އޮވެގެން ނޫނީ ފުރުސަތުތައް ނުލިބުމާއި ބޮލީވުޑްގައި ކޭމްޕް ހަދައިގެން މަސައްކަތްކުރާ އުސޫލުތައް ވަކި ހިއްޕާލާފައި އޮތްލެއް ބޮޑުކަމުން އާދައިގެ މީހަކަށް އެ ދާއިރާ އިން ކުރިއަށް ދިއުމަކީ އުނދަގޫކަމެކެވެ.
މިފަދަ އެތައް އޮޅިއެއް ގިރާކޮށްގެން ކާމިޔާބު ހޯދި ތަރިން ވެސް މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކަކީ މިހާރު އުމުރުން 51 އަހަރުގެ އެކްޓަރު މަނޯޖް ބަޖްޕާއީ އެވެ. އޭނާ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެކަކެވެ.
އަމިއްލަ ކެރިއަރާ ބެހޭ ގޮތުން މަނޯޖް އިންސްޓަގްރާމްގައި ހިއްސާކުރި ވާހަކަތަކަށް ބަލާއިރު، އޭނާ އަށް މިހާރު އާދެވިފައި ހުރި ހިސާބަށް ދެވުނީ އެތަކެއް ގުރުބާނީއަކާއި އެތަކެއް ތަކުލީފެއް އުފުލައިގެންނެވެ. އޭނާ އަކީ ބިހާރުގެ ދަނޑުވެރި އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އެކަމަކު ވަރަށް ތުއްތު އިރުއްސުރެ އަމީތާބް ބައްޗަންގެ ފިލްމުތައް ބަލައި އުޅޭނީ އޭނާގެ ބޮޑު ފޭނަކަށްވި އެވެ. އެހެންވެ އުމުރުން 9 އަހަރަށް އެޅި އިރު، މަނޯޖްގެ ޝައުގުވެރިކަން އެކްޓިން އަށް ހުއްޓި، އެ ދާއިރާ އިން ކުރިއަށްދާން ވިސްނަން ފެށި އެވެ.
އެހެންވެ އުމުރުން 17 އަހަރުގައި ދިއްލީ ޔުނިވަސިޓީއާ ގުޅި އެތަނުގައި އެކްޓިން ކިޔަވަން ފެށި އެވެ. އެކަމަކު އެކަމެއް އާއިލާގެ މީހުންނަކަށް ނާންގަ އެވެ. ސަބަބަކީ އެކްޓިން އިން ކުރިއަށްދާން އާއިލާ އިން ގަބޫލުނުވާނެތީ އެވެ. އެކަމަކު ދުވަސްތަކެއް ފަހުން އާއިލާ އަށް ސިޓީއެއް ފޮނުވައި ހާލަތު ކިޔައި ދިނެވެ. ކޯހުގެ ފީ ވެސް ދައްކާނެ ގޮތެއް ނެތް ވާހަކަ ބައްޕަ އަށް ފޮނުވި ސިޓީގައި ބުނުމުން އެކަމާ ވަރަށް ނުރުހި އޭރު 200 ރުޕީސް ވެސް ފޮނުވައިދިނެވެ.
އެކްޓިން އަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މަނޯޖް ދޭން ބޭނުންވީ ދިއްލީގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާ (އެންއެސްޑީ) އާ ގުޅޭށެވެ. އެކަމަކު ތިން ފަހަރަށް އެޕްލައިކޮށްގެން ވެސް ފުރުސަތު ނުލިބުމުން، މީހާ ޑިޕްރެސްވެ، ދިރިއުޅުމާ ދޭތެރޭ ފޫހިވެ، މާޔޫސްވާން ފެށި އެވެ.
މަނޯޖް ކިޔައިދިން ގޮތުގައި އެ ހިތްދަތިކަމާ ހުރެ އޭނާ އަމިއްލަ އަށް މަރުވާން އުޅުނެވެ. އެކަމަކު އެކީގައި އުޅުނު ރައްޓެހިންނަށް އެކަން އެނގިގެން އޭނާ އަށް ވަރަށް ބޮޑަށް ބަލަމުން ދިޔަ ކަމަށް ބުންޏެވެ. އެގޮތުން އެކަނިކޮށްނުލުމާއި ނިދަން ވެސް އެކަނި ނުބާއްވާ ކަމަށް ބުންޏެވެ.
މަނޯޖް ބުނީ ފިލްމަކުން ފުރުސަތެއް ވަރަށް ހޯދަން ވަރަށް ގިނަ މަސައްކަތްކުރި ކަމަށެވެ. އަދި އެއް ދުވަހަކު ދިޔަ އޮޑިޝަނެއްގައި އޭނާގެ ދެކެ ރުޅިއައިސްގެން އެސިސްޓަންޓް ޑައިރެކްޓަރަކު ފޮޓޯ ވެސް ވީދައިލި ކަމަަށް ބުންޏެވެ. އަދި ޝޮޓެއްގެ ތެރެއިން އޭނާ ބޭރުކޮށްލުން ފަދަ ކަންކަން ވެސް ތަޖުރިބާކޮށްފައިވާ ކަމަށް ބުންޏެވެ.
މަނޯޖް ކިޔައިދިން ގޮތުގައި ކުރާނެ މަސައްކަތެއް ނުލިބި ވަރަށް ދަތި ހާލުގައި އުޅެމުން ދަނިކޮށް، އެއް ދުވަހަކު ޑައިރެކްޓަރު ޓިގްމާންޝޫ ދޫލިއާ ބައްދަލުވި އެވެ. އަދި ޑައިރެކްޓަރު ޝޭކަރް ކަޕޫރް 1994 ގައި ގެނެސްދިން ފިލްމު "ބަންޑިތު ކްއީން" ގެ ރޯލަކުން ފުރުސަތެއް ދޭން އުޅޭ ކަމަށް އެނގުމުން މުމްބާއީ އަށް ބަދަލުވާން ނިންމި އެވެ.
އެކަމަކު އެ ފިލްމުގެ ކުރިން މަނޯޖަށް ފިލްމަކުން ލިބުނު ފުރަތަމަ ފުރުސަތަކީ 1994 ގައި ރިލީޒްކުރި "ދުރޯޚާލް" ގެ އެއް މިނިޓްގެ ރޯލެކެވެ. ގޯވިންދު ނިހަލާނީ ޑައިރެކްޓްކުރި އެ ފިލްމަކީ އޯމް ޕޫރީ ނަސީރުއްދީން ޝާހް ކުޅުނު ފިލްމެކެވެ.
"ބަންޑިތު ކްއީން" ގައި މާން ސިންގް ކިޔާ ކެރެކްޓާއެއް ކުޅެގެން މަނޯޖަށް އާންމުންގެ ސަމާލުކަން ވެސް ލިބުނެވެ. އެކަމަކު ފަހުން ވެސް ފުރުސަތެއް ލިބުން އޮތީ ވަރަށް ދަތިކޮށެވެ. އެހެން އުޅެނިކޮށް ޑައިރެކްޓަރު މަހޭޝް ބަޓް 1995 ގައި އުފެއްދި ސިލްސިލާ "ސުވަބީމާން" އިން މަނޯޖް ފުރުސަތު ލިބި، އޭގެ ކޮންމެ އެޕިސޯޑަކުން އޭނާ އަށް 1،500 ރުޕީސްގެ މުސާރައެއް ލިބެން ފެށި އެވެ. މަނޯޖްގެ ކެރިއަރު ހަގީގަތުގައި ކުރިއަރަން ފެށި މަހޭޝްގެ ސިލްސިލާގައި ކުޅުނު ރޯލާ އެކީގަ އެވެ.
މަނޯޖް ކިޔައިދިން ގޮތުގައި އޭނާ އަށް އެކްޓިން ނުކުތް އިރު ވެސް ގަބޫލުކުރި އެއް ހަގީގަތެއް އޮތެވެ. އެއީ އޭނާ އަކީ ބަލާލަން ރީތި އަދި "ފިލްމީ ހީރޯއެއް" ގެ ފާޑުވެރިކަން ނެތް މީހެއްކަމެވެ. އެހެންވެ އެއީ ވެސް ފުރުސަތުތައް ލިބުމުގައި ވަރަށް ބޮޑު ހުރަހަކަށް ވި އެވެ.
ނަމަވެސް އޭނާ ކާމިޔާބު އަދި ގިނަ ބަޔަކު ބަލައިގަތް ފަންނާކަކަށްވީ އެކްޓިން ހުނަރުންނެވެ. މަނޯޖް ވަނީ މިހާތަނަށް 70 އާ ގާތްކުރާ އަދަކަށް ފިލްމުތައް ކުޅެފަ އެވެ. އޭގެ ތެރެއިން ގިނަ ފިލްމުތަކަކީ އޭނާގެ އެކްޓިން ހުނަރު ވަރަށް ފުރިހަމަ އަށް ދައްކާފައި ހުރި ފިލްމުތަކެވެ.
މަނޯޖަކީ މިހާރު އެތައް ފުރުސަތުތަކެއް ލިބެމުން އަންނަ އެކްޓަރެކެވެ. ފިލްމުތަކުގެ އިތުރުން އޭނާ އަންނަނީ ވެބް ސީރީޒްތައް ވެސް ކުޅެމުންނެވެ. ބޮލީވުޑްގެ ހުނަރުވެރި ގިނަ ޑައިރެކްޓަރުންނާ އެކު މަނޯޖް މިހާތަނަށް މަސައްކަތްކޮށްފި އެވެ. އޭނާ އަކީ މިހާރު ހަމައެކަނި އިންޑިއާގެ ތަރިއެއް ނޫނެވެ. މިދިޔަ އެޕްރީލް މަހު ނެޓްފްލިިކްސް އިން ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" އަކީ ވެސް މަނޯޖް ފެނިގެން ދިޔަ ފިލްމެކެވެ.
މަނޯޖަކީ ދެ ފަހަރު ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ އެކްޓަރެކެވެ. ރާމް ގޯޕާލް ވަރުމާ 1998 ގައި ގެނެސްދިން "ސަތިއާ" ގައި ކުޅުނު ރޯލުން ނެޝަނަލް އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި 2003 ގެ "ޕިންޖަރު" ގައި ކުޅުނު ރޯލުން މަނޯޖަށް ނެޝަނަލް އެވޯޑްސް ސްޕެޝަލް ޖޫރީ އެވޯޑް ލިބިފައިވެ އެވެ.
މަނޯޖަކީ އިންޑިއާ ސަރުކާރުން ދޭ ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދުމާ ޝްރީ ވެސް މިދިޔަ އަހަރު ލިބިފައިވާ ފަންނާނެކެވެ.
ކުރީގެ ބަތަލާ ނޭހާއާ ކައިވެނިކޮށްގެން ދަރިއަކު ވެސް ހުރި މަނޯޖްގެ އިންސްޓަގްރާމް ޕޯސްޓް ނިންމައިލަމުން ބުނެފައި ވަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ ހުވަފެން ހަގީގަތަކަށް ހަދަން ހިތްވަރާ އެކު ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި އަމާޒެއް އޮވެގެން އުންމީދާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
ސުޝާންތާ އެކު މިދިޔަ އަހަރުގެ ފިލްމު "ސޯންޗިރައްޔާ" ގެ ރޯލެއް ކުޅުނު މަނޯޖް ޒުވާން އެކްޓަރާ ބެހޭ ގޮތުން ދާދި ފަހުން އިންޓަވިއުއެއްގައި ބުނީ ސުޝާންތަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށެވެ. އަދި އުމުރުން 34 އަހަރުގައި ސުޝާންތަށް ދެވުނު ހިސާބަށް އެ އުމުރުގައި އޭނާ އަށް ދެވިފައި ނުވާ ކަމަށް މަނޯޖް ބުންޏެވެ. އެހެންވެ އެހާ ކާމިޔާބު ތަރިއަކު އެހާ ޒުވާން އުމުރުގައި އަމިއްލަ ފުރާނަ ދުއްވައިލުމަކީ ވަރަށް ވެސް ހިތްދަތި ކަމެއް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy