"އާރިއާ" ގެ މަންޒަރެއްގައި ސުޝްމިތާ.
07 ޖުލައި 2020 - 08:02
އަހަރުތަކެއް ފަހުން ބަތަލާ ސުޝްމިތާ ސެން އެނބުރި އެކްޓިން އަށް އައި ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައިފި އެވެ.
ޑައިރެކްޓަރު ރާމް މަދަވާނީއާ އެކު ސުޝްމިތާ ކުރިއަށް ގެންދިޔަ އިންސްޓަގަރްމް އިންޓަވިއުއެއްގައި "އާރިއާ" ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާފައިވެ އެވެ. އެގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެ ދެ މީހުން ވަނީ ސީރީޒްގެ ދެވަނަ ސީޒަނެއް ގެނެސްދޭނެކަން ކަށަވަރުކޮށްދީ، ފޭނުން އިންތިޒާރުކުރަން އެދިފަ އެވެ.
"އާރިއާ" އަކީ 2016 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ނީރްޖާ" އަށް ފަހު މަދަވާނީ ގެނެސްދިން ފުރަތަމަ އުފެއްދުމެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މިދިޔަ މަހުގެ 19 ވަނަ ދުވަހު ސްޓްރީމްކުރި ވެބް ސީރީޒްވެގެން ދިޔައީ އާންމުންނަށް ވަރަށް ކަމުދިޔަ އެއްޗަކަށެވެ. އަދި ސުޝްމިތާ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ވެސްކޮށްފައިވެ އެވެ.
ނުވަ އެޕިސޯޑް އެކުލެވޭ "އާރިއާ" ގައި އޭނާ ކުޅުނީ ފިރިމީހާ މަރައިލުމުން އެކަމާ ދެކޮޅަށް ނުކުމެ އިންސާފު ހޯދަން މަސައްކަތްކުރާ ވަރުގަދަ ކެރެކްޓާއެކެވެ. ސުޝްމިތާ ކުޅުނު ކެރެކްޓާގެ ނަމަކީ އާރިއާ ސަރީން އެވެ.
މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ޗަންދުރަޗޫރް ސިންގް އާއި ސިކަންދަރު ކޭރާއި ނަމީތަ ދާސް އާއި މަނީޝް ޗައުދަރީ ފަދަ ތަރިން ހިމެނެ އެވެ.
"އާރިއާ" އަކީ 2012-2017 އަށް ގެނެސްދިން ނެދަލެންޑްސްގެ ސިލްސިލާ "ޕެނޯޒާ" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy