ގަލް ގެޑޯ.
16 ޖުލައި 2020 - 08:17
ސުޕަހީރޯ ފްރެންޗައިޒް "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ ސްޕައި އެކްޝަން ތުރިލާއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިޒްރޭލަށް އުފަން ބަތަލާ ސޮއިކުރި އެ ފިލްމަކީ ސްކައިޑާންސުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ނަން އިއުލާންނުކުރާ ފިލްމުގައި ގަލް ކުޅޭނީ ވަރަށް ވަރުގަދަ އަންހެން ޖާސޫސީ އެޖެންޓެއްގެ ރޯލް ކަމަށާއި އެ ކެރެކްޓާ އެންމެ ވައްތަރުވާނީ ޖޭމްސް ބޮންޑާއި "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ފިލްމުތަކުގައި ޓޮމް ކްރޫޒް ކުޅޭ އީތަން ހަންޓް ކަހަލަ ކެރެކްޓާއަކާ ކަމަށް ކަމަށް މީޑިއާތަކުން ބުންޏެވެ.
މި ފިލްމުގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ މި މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރި ބަތަލާ ޝާލީޒްގެ ތެރަންގެ ސުޕަހީރޯ ފިލްމު "ދި އޯލްޑް ގާޑް" ގެ ސްކްރީންޕްލޭ ލިޔުނު ގްރެގް ރަކާ އެވެ. އޭނާ އަކީ ގަލްގެ "ވޮންޑަ ވުމަން" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ.
ޑިސްކަސިން ފިލްމުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަލްގެ ސްޕައި ތުރިލާވެގެން ދާނީ ޖާސޫސުންތަކެއްގެ މެދުގައި ހިނގާ ކޯޅުންގަނޑެއް ދައްކުވައިދޭނެ ފިލްމަކަށެވެ.
ދެހާސް ނުވައެއްގެ "ފާސްޓް އެނޑް ފިއުރިއަސް" އިން ހޮލީވުޑް ދަތުރު ފަށައިގަތް ގަލް، 35، އަކީ މިހާރު އެ އިންޑަސްޓްރީގެ ވަރަށް ނުފޫޒު ގަދަ ބަތަލާއެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވޮންޑަ ވުމަންގެ ދެވަނަ ބައި "ވޮންޑަ ވުމަން 1984" އެވެ.
ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ރެޑް ނޯޓިސް" އަދި "އައިރީނާ ސެންޑްލާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy