ލޯބި ހޯދަން ލޯތްބާ ދުރަށް

އާދިއްތަ ދުވަހާ ގުޅޭ


"ދެން ކިހިނެއް ވަރިކުރާނީ؟" ގާޒީ ފުރަތަމަ ވެސް ނެގީ އެ މައްސަލައެވެ.

މިހާދު ހައިރާންކަމާ އެކުގައި ބަލައިލީ ރިފާއަށެވެ. އެކަމަކު ރިފާ ކުޑަކޮށް ވެސް ހައިރާނެއް ނުވެއެވެ. ރިފާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ދުވަހުން ދުވަހަށް މިހާދު ވަރިފޯމު ލުމަކީ ރިފާ ޝައްކު އުފެއްދި ކަމެކެވެ. އޭގެ ފަހަތުގައި މިހާދުގެ ކޮންމެވެސް ކެހިވެރި ރޭވުމެއް އޮންނާނެކަން ރިފާއަށް އެނގެއެވެ. ރިފާގެ ނަޒަރުގައި ގާޒީއާއި މިހާދު ކުޅުނީ ކުރިން ސުރެ ރާވައި ނިމިފައިވާ ތަމުސީލެކެވެ. އިންޑިޔާގައި ހިނގި ހުރިހައި ކަމެއް އަކުރުން އަކުރަށް ގޮވައިލަން ރިފާ އަނގަ ހުޅުވައިލިއެވެ. އޭގެ ކުރިން މިހާދު ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެން ކައިވެނި ކުރީ އިންޑިޔާގަ،" މިހާދު ވަރަށް އަދަބުވެރިކަމާ އެކުގައި ބުންޏެވެ. "ލިޔެކިޔުންތައް ހުންނާނެ."

"އެހެންވީމަ ކައިވެނި ރަޖިސްޓަރީ ކުރަމާ ހިނގާ،" ގާޒީ ބުންޏެވެ. "ލިޔެކިޔުންތައް ކޮބާ؟"

ރިފާ ހިތަށްއެރިއެވެ. މިހާދު ދާންވީ ފިލްމު ކުޅޭށެވެ. މިހާދުގެ މޫނުމަތިން ކެހިވެރިކަމުގެ އެއްވެސް އަސަރެއް ނުފެންނާތީއެވެ. ލިޔުންތައް ގެންނަން ގާޒީ ތިރީސް މިނެޓު ދިނެވެ. ކޮންމެ އެއްޗެއް ގެނަޔަސް ރިފާއަށް ވަރި ނުވެވޭނެކަން ރިފާއަށް ކަށަވަރެވެ. އެ ކުޅިގަނޑުގެ އެތައް ކުޅިއެއް މިހާދު ވާނީ ކުރިޔަށް ކުޅެފައެވެ. އެކަމަކު ގާޒީ ފުރުސަތު ދިނުމާއެކު މިހާދު ތެޅިފޮޅިގަތެވެ. ފޯނުކޮށްގެން ވަރަށް އަވަހަށް ހުރިހާ ލިޔެކިޔުމެއް ގެނައެވެ. ގާޒީ ލިޔުންތައް ބެލިއެވެ. ރިފާ އިނީ ނޭވާ ހިފާއްޓައިލައިގެންނެވެ. ރިފާ ބޭނުންވަނީ ރިފާއަށް ހީވިހީވުން ކުށްހީއަކަށް ވާށެވެ.

"އެ ލިޔުމެއް ނެތެއްނު!" ގާޒީ ބުންޏެވެ. "އެއީ އެންމެ މުހިންމު ލިޔުން."

"ކޮން ލިޔުމެއްތޯ ނެތީ؟" މިހާދު ސުވާލުކުރިއެވެ. "ކައިވެނި ސާބިތުކުރަން ބޭނުންވާނީ ކައިވެނީގެ ސެޓުފިކެޓު ނޫންތޯ!"

ހަގީގަތުގައި އެ ޑުރާމާ އަޑުއަހަން އެ ތާ ހުންނާކަށް ރިފާ ބޭނުމެއް ނޫނެވެ. އެކަމަކު ތެދުވެގެން ދާން ނުކެރޭތީ އިނީއެވެ.

"ސެޓުފިކެޓުގެ އިތުރަށް ބޭނުންވާނެ ކައިވެނި ކޮށްދިން ބަޔެއްގެ ލިޔުމެއް،" ގާޒީގެ ފަހު ބަސް އިއްވިއެވެ. "އެއީ ކަމުގެ ހުއްދަ އޮތް ބައެއްކަން ސާބިތުވާން ޖެހޭނެ. އިންޑިޔާއަށް ގޮސްލާފަ ކައިވެނީގެ ސެޓުފިކެޓެއް ގެނެޔަކަސް އެ ނުވާނެ ކައިވެނި ކުރެވުނު ކަމަކަށް. ކައިވެނިކުރިކަން ކަށަވަރު ކުރަން ޖެހިއްޖެ ހާލަތެއްގަ އަޅުގަނޑުމެން ކޮން ބަޔަކަށްތޯ ގުޅާނީ؟"

މިހާދު އަނެއްކާ ވެސް ބަލައިލީ ރިފާއަށެވެ. އެ ފަހަރު ރިފާ އެ ތަނުން ތެދުވެގެން ދިޔައެވެ. ރިފާއަށް ގަބޫލުކުރެވުނު ގޮތުގައި މިހާދު ދައްކަނީ ބޭކާރު ވާހަކައެވެ. އިރުކޮޅަކުން މިހާދު އައެވެ.

"ރިފާއަށް ހީވެދާނެ އަހަރެން ގަސްތުގަ.." މިހާދަށް ބުނެވުނީ އެ ހިސާބަށެވެ.

"ގެއަށް ގޮސް ވާހަކަދައްކަމާ!" މިހާދަށް ނުވެސް ބަލާ، މަޑުމަޑުން ރިފާ ބުނެލިއެވެ.

ގެއަށް އައިސް އެ މައްސަލައިގައި ކުޑަ ދެބަސްވުމެއް އުފެދުނެވެ. ރިފާއަށް ހީވީ މިހާދު ގަސްތުގައި އެ ލިޔުން ނުގެނައީ ކަމަށެވެ. ވަރިކުރަން ބޭނުން ނުވާތީއެވެ. މިހާދު ވަރީގެ ކަންތައް އަވަސްކުރަން އުޅުމާއި، އެހާ އަވަހަށް ކޯޓަށް ކިޔުން ވެސް އެއީ މަކަރެކެވެ.

"ތީ ހަދަހާ ނުލަފާ މީހެކޭ!" މަޑުމަޑުން ރިފާ ބުނެލިއެވެ.

"ރިފާ ތިހެން ހީކުރީތީ އަހަރެން ވަރަށް ދެރަވެއްޖެ!" މިހާދު ބުންޏެވެ. "އަހަރެން ހީކުރީ ރިފާއަށް މިހާރު އަހަރެން އެނގޭނެ ކަމަށް."

"އެނގޭތީއޭ މި ބުނީ." ރިފާ ޖެހިލުމެއް ނެތި ބުންޏެވެ.

މިހާދު އެތައް ވާހަކައެއް ދައްކައިގެން ވެސް ރިފާ ގަބޫލެއް ނުކުރިއެވެ. ކޮޓަރީގައި އިނދެގެން، ރިފާ ކުރިމަތީގައި ބަހައްޓައިގެން މިހާދު އިންޑިޔާގެ އެޖެންޓަށް ގުޅިއެވެ. އެ މީހުން އަތަކު ވެސް އެ ބުނާ ލިޔުމެއް ނެތެވެ. އެކަމަކު ލިޔުން ހޯދައިދޭން އެއްބަސްވިއެވެ. ރިފާގެ ނަޒަރުގައި އެއީ ވެސް އެ ކަން ރޭވިފައިވާ ގޮތެވެ. ބުހުތާނު ދޮގެވެ. އެ ވަގުތު ޒާހިރު ގުޅިއެވެ. ޒާހިރު ހީކުރީ ވަރީގެ ކަންތައް ނިމިދާނެ ކަމަށެވެ. ރިފާގެ ފޯނަށް ޒާހިރުގެ ނަން އަރައިފައި އޮތް ތަން މިހާދަށް ފެނުނެވެ.

"ފޯނު ކަނޑާލާ!" މިހާދު އެދުނެވެ.

ރިފާ ވަގުތުން ފޯނު ނެގިއެވެ. މިހާދު ކުރިމަތީގައި ބައިންދައިގެން ޒާހިރާ ވާހަކަދެއްކިއެވެ.

"ވަރިއެއް ނުކުރި!" ރިފާ އެންމެ ފުރަތަމަ ވެސް ބުނީ އެހެންނެވެ. "މަ ފަހުން ގުޅާނަން."

ރިފާ ފޯނު ބޭއްވިއެވެ. މިހާދު ވަރަށް ހިތްހަމަނުޖެހުނެވެ.

"ތި ކުރީ ވަރަށް ފީކަޅާ ކަމެއް." ހިތްހަމަނުޖެހިފައި މިހާދު ބުންޏެވެ.

"އާނ މަ ކަމެއް ކޮށްފިއްޔާ ފީކަޅާ ވާނެ،" އިސްޖަހައިލައިގެން އިނދެ މަޑުމަޑުން ރިފާ ބުންޏެވެ. "މިހާދު ވަރިހަމަ ކޮންމެ ކަމެއް ކުރިޔަސް. އަހަންނާ އިން އިރު ވެސް މިހާދަށް އެނގޭނެ ވަރިކުރަން ޖެހޭނެކަން. އެ ގޮތަށް އެއްބަސް ވެގެން އިނީ ވެސް. ދެން މައްސަލައެއް ނެތް. މިހާދު ކުރަން ބޭނުން ކަންތައް ވެސް ކުރެވިއްޖެއްނު! ދެން.."

"ކޮބާ ތީގެ މާނައަކީ؟" ކުރިޔަށް ވުރެ ހިތްހަމަ ނުޖެހިފައި މިހާދު ބުންޏެވެ. "ކީކޭ ރިފާ ތި ބުނީ؟"

ރިފާ ޖަވާބެއް ނުދިނެވެ. މިހާދު ނުކުމެގެން ދިޔައީއެވެ. ރިފާ ހިތަށްއެރިއެވެ. އެ ނިމުނީ ހެއްޔެވެ؟ ދެން މިހާދުގެ އަންބަކަށް ވެގެން ރިފާ ހުންނަންވީ ހެއްޔެވެ؟ ހުރިހާ ކަމެއް އެފުށް މިފުށަށް ޖަހައިފައި މިހާދަށް ކުޅިފަސް ލިބުނީ ހެއްޔެވެ؟ ރިފާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ހެއްޔެވެ؟ އަނެއްކާ ޒާހިރު ގުޅިއެވެ. ރިފާ ވަރަށް ތަފުސީލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އޭނަ ހަމަ ރާވައިގެން ކުރި ކަމެއް އެއީ." ރިފާ ބުންޏެވެ.

"ވެދާނެ! އޭނައަކީ ފާޑެއްގެ މީހެކޭ ކުރިން ވެސް މަ ބުނީމެއްނު!" ޖަވާބުގައި ޒާހިރު ބުންޏެވެ. "އެކަމަކު، ވެދާނެއްނު ޒުލްފާގެ ކަމަކަށް ވެސް. އެއީ ވަރަށް ފައި ދިގު ބޯވައެއް."

ޒާހިރުގެ ފޯނުކޯލު ނިމުނު އިރު ރިފާގެ ވިސްނުން ދެކަފި ވެއްޖެއެވެ. ހަގީގަތުގައި ވެސް މިހާދުގެ ކުށެއް ނެތް ހެއްޔެވެ؟ ހުރިހާ ނުބައެއް ހެދީ ޒުލްފާ ހެއްޔެވެ؟ ނުވަތަ ޒުލްފާއާއި މިހާދަކީ އެކައްޗެއް ހެއްޔެވެ؟ ރުޅިއައިސްގެން މިހާދާ ވާހަކަ ނުދައްކާ ވެސް ރިފާއަށް ހުރެވިދާނެއެވެ. އެހެނަސް އެއީ ހައްލެއް ނޫނެވެ. ލޯބި ހޯދަން ފެށި ދަތުރު ނިމެން ޖެހޭނީ ލޯބީގެ މަންޒިލަށެވެ. ނުވަތަ މަންޒިލަކަށެވެ. ނިމުން އުފާވެރި ވާން ޖެހޭނެއެވެ.

ހަޔާތާ މެދު ރިފާ ވިސްނަމުން ގެންދިޔަ އިރު މިހާދު ވިސްނީ ރިފާއާ ދޭތެރޭގައެވެ. ކަންތައް ވީ ގޮތުން ރިފާ ގެޔަކު މަޑެއް ނުވާނެކަން މިހާދަށް އެނގެއެވެ. ކޮންމެ ވަގުތަކު ވެސް ރިފާގެ ގެއަށް ރިފާ ހިނގައިދާނެއެވެ. މިހާދު ހުރީ އެ ކަމަށް ތައްޔާރުވެގެންނެވެ. ލޯބީގެ މައިދާނުގައި މިހާދަށް ލިބިފައިވާ ތަޖުރިބާ ވަރަށް ގިނައެވެ. މިހާދު ގަބޫލުކުރާ ގޮތުގައި ލޯތްބަކީ އަތްގޮށްޓެއްގެ ފެނެވެ. އެ ފެންފޮދު ގެންގުޅެން ޖެހޭނީ ވަރަށް ބަލައިގެންނެވެ. ކިރިޔާ އިނގިލިތައް ދޫކޮށްލިޔަސް ނުވަތަ ބާރުކޮށްލިޔަސް ފެންފޮދު ހަރެއްނުލާނެއެވެ. ރިފާއަށް ހުރިހާ ކަމެއް މަނާކުރާކަށް މިހާދު ބޭނުމެއް ނުވެއެވެ. ހުރިހާ މިނިވަންކަމެއް ދޭކަށް ވެސް ބޭނުމެއް ނުވެއެވެ.

ރިފާއާއި މިހާދު ނިދަން ތިބެނީ ދެ މީހުން ދެ ފަރާތަށް އެނބުރިގެންނެވެ. ރޭގަނޑު އެތައް ދަމެއް ވާއިރު ވެސް އެކަކަށް ވެސް ނުނިދެއެވެ. ކޮންމެ މީހަކު ވެސް ދެކެނީ އަނެކަކު ކަންތައް ކުރަނީ އިންސާފަކުން ނޫން ކަމަށެވެ. ކޮންމެ މީހަކު ވެސް ކުށްވެރި ކުރަނީ އަނެކަކެވެ.

"އަހަރުމެން އެބަ ޖެހޭ ވާހަކަދައްކަން،" ބިއްދޮށަށް އެނބުރިގެން އޮތް މިހާދު ބުންޏެވެ. "އެއްވެސް މައްސަލައެއް އަމިއްލައަކަށް ހައްލެއް ނުވާނެ."

"ވާހަކަދައްކައިގެނެއް ވެސް ހައްލެއް ނުވާނެ،" އެ ފަދަ ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން އޮތް ރިފާ ބުންޏެވެ. "ކަންތައް ވާނީ ކުރަން އުޅުނީމަ. ކުރަން ބޭނުންވީމަ. އަހަރެން ކައިރީގަ ބުނަނީ ވަރިކުރަން ބޭނުމޭ. އެކަމަކު ރާވަނީ އެހެން ގޮތަކަށް."

"ތީތާ މައްސަލައަކީ،" މަޑުމަޑުން މިހާދު ބުންޏެވެ. "ތެދެއް! އަހަރެން ބޭނުމެއް ނޫން ރިފާ ވަރިކުރާކަށް. ރިފާ ދެކެ އަހަރެން ލޯބިވޭ! އަނބިމީހާ ދެކެ ލޯބިވާ ވާހަކަ ބުނާކަށް އަހަރެން ބިރެއް ނުގަނޭ. ލަދެއް ވެސް ނުގަނޭ. އަންބަކަށް ނުވެ ހުރި އިރު ރިފާ ގާތަކު މިހެނެއް ނުބުނަމެއްނު. އެކަމަކު ގަދަކަމުން ރިފާޔާ އިނދެގެން އުޅޭކަށް ދުވަހަކު ވެސް ނުވިސްނަން."

ރިފާ އެނބުރުނެވެ. މިހާދާ ކުރިމަތިލިއެވެ. ބުނަން ބޭނުން ވާހަކަތައް ސިއްރުކޮށްކޮށް ރިފާ ފޫހިވެއްޖެއެވެ.

"އެހެންވިއްޔާ މަކަރުނަހަދާ އަހަރެން ވަރިކޮށްދީބަލަ!" ރިފާ އެދުނެވެ.

"ރިފާ! އަހަރެން ކޮން އިރަކު ރިފާއަށް މަކަރުހެދީ؟" ރިފާއާ ހަތަރުކަޅި ހަމަކުރަމުން މިހާދު ބުންޏެވެ. "ކައިވެނި ކޮށްދިން ތަނުން ބުނީ އެ ލިޔުމަކީ އެ ތަނުން ދުވަހަކު ވެސް ހެދި ލިޔުމެއް ނޫނޭ. ދޭ ލިޔުމެއް ވެސް ނޫނޭ. މަ ބުނެފިން އަގެއް ކިޔާފަ ނަމަވެސް ލިޔުމެއް ދޭށޭ. އެ މީހުން ބުނަނީ އެއީ ތަނުގެ އުސޫލާ ހިލާފު ކަމެކޭ. ދެން ކިހިނެއް ހަދާނީ؟"

ރިފާ އަނެއްކާ ވެސް މިހާދަށް ފުރަގަސްދިނެވެ. ރިފާގެ ނުރުހުމުގައި ރިފާޔާ އިނދެގެނެއް މިހާދަކަށް ނޫޅެވޭނެއެވެ. ރަނގަޅު ކަމެއް ކުރުމުން ބަދަލު ދޭނެ ގޮތާއި، ނުބައި ކަމެއް ކުރުމުން ބަދަލު ހިފާނެ ގޮތް ރިފާއަށް އެނގެއެވެ.

"މިހާދަކަށްނު އެނގޭނީ،" ހިތްހަމަނުޖެހިފައި ރިފާ ބުންޏެވެ. "މިހާދެއްނު އެ ކަމާ ހަވާލުވީ. އަހަންނަކީ ޒުވާބުކޮށް ގަޔަށް ބޮލަށް އަރާ މީހެއް ނޫން. އެކަމަކު އަހަރެން ވަރިކުރަން މިހާދަށް މަޖުބޫރު ކުރާނަން. މިހާދު ބޭނުމެއް ނުވާނެ އަހަންނާ އިނދެގެން އުޅޭކަށް. އަހަންނާ އެއް އެނދުގަ ނިދާކަށް ވެސް."

މިހާދުގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ރިފާ ކުރަން އުޅެނީ ކީއް ހެއްޔެވެ؟ އެއީ މިހާދު ބިރުގަންނަވަން ރިފާ ދިން އިންޒާރެއް ހެއްޔެވެ؟ ނުވަތަ މުޑުދާރު ރޭވުމެއް ރިފާ ރޭވީ ހެއްޔެވެ؟ އަނބިމީހާ ބޭނުން ނަމަ ފިރިމީހާގެ ދިރިއުޅުން ނަރަކައަކަށް ބަދަލުކޮށްލެވިދާނެއެެވެ. އެ ކަން ވެސް މިހާދަށް އެނގެއެވެ. ތަޖުރިބާ ކުރެވިއްޖެއެވެ.

"އަހަރެންގެ ގައިގަ އަތްލަން މިހާދު ފަކުރުގަންނަ ވަރު ކޮށްލަންވީތަ؟" ރިފާ ބުނި އަޑު މިހާދަށް އިވުނެވެ.

ނުނިމޭ