މެޑޯނާ މީގެ ކުރިން ވެސް ދެ ފިލްމެއް ޑައިރެކްޓްކުރި
16 ސެޕްޓެމްބަރ 2020 - 20:46
ޕޮޕް މިއުޒިކްގެ ރާނީއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާގެ ލަވަކިޔުންތެރިޔާ މެޑޯނާ އޭނާގެ އަމިއްލަ ހަޔާތާ ބެހޭ ފިލްމެއް ޑައިރެކްޓްކުރަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމުގައި، 62 އަހަރުގެ ފަންނާނުގެ ޒާތީ ދިރިއުޅުމާއި މިއުޒިކް ކެރިއަރުގެ ވާހަކަތައް ކިޔައިދޭނެ ކަމަށެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ މެޑޯނާ އާއި އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ސްކްރީން ރައިޓަރު ޑިއަބްލޯ ކޯޑީއާ ގުޅިގެންނެވެ. ކޯޑީ އަކީ "ޔަންގް އެޑަލްޓް" އާއި "ޖޫނޯ" ފަދަ ފިލްމުތަކުގެ ރައިޓަރެވެ.
ނަން އަދި އިއުލާން ނުކުރާ ފިލްމާ ބެހޭ ގޮތުން މެޑޯނާ ބުނީ އޭގައި އެންމެ ބޮޑަށް ފޯކަސްކުރާނީ މިއުޒިކު ކެރިއަރަށް ކަމަށެވެ. އޭނާ ބުނީ ހަޔާތުގެ ހުރިހާ ވެސް އުންމީދެއް ކާމިޔާބެއް ގުޅިފައި އޮތީ މިއުޒިކާ ކަމަށެވެ.
"އަހަރެން އަހަންނަށްވީ މިއުޒިކާ ހެދި. މިއީ އަހަރެންގެ ދިރިހުރުމުގެ އަސްލަކީ،" މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ މެޑޯނާ ބުންޏެވެ.
ހުނަރުވެރި ލަވަކިޔުންތެރިޔާ އަމިއްލަ ފިލްމެއް ޑައިރެކްޓްކުރާ އިރު، މެޑޯނާ އަކީ ޑައިރެކްޝަނަށް އާ މީހެއް ވެސް ނޫނެވެ. އޭނާ މީގެ ކުރިން ވަނީ ދެ ފިލްމެއް ގެނެސްދީފަ އެވެ. އެއީ 2011 ގެ "ޑަބްލިއުއީ" އާއި 2008 ގެ "ފިލްތު އެންޑް ވިޒްޑަމް" އެވެ.
އާ ފިލްމު އަދި ސްކްރިޕްޓިން މަރުހަލާގައި އޮތް އިރު، ކާސްޓުންނާއި މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫބަކުރުބެ
16 September 2020
އަދިވެސް މެޑޯނާވަރެއްނެތް.