އިންޑިއާގެ ބަތަލާ ސަނާ ޚާން ފިލްމު ކުޅުން ހުއްޓާލައި، ބުރުގާ އަޅައިފި އެވެ.
"ވަޖާ ތުމް ހޯ" އާއި "ޖެއި ހޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ 33 އަހަރުގެ ބަތަލާ ވަނީ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ފިލްމީ ދުނިޔެއާ ދުރަށް ދިޔަ ސަބަބު ވެސް ވަރަށް ތަފުސީލުކޮށް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ފިލްމީ ދާއިރާއާ ދުރަށް ދަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށާއި ދިރިއުޅުމަށް މި ގެންނަ ބަދަލުގެ ސަބަބުން އޭނާގެ ހަޔާތް އެއްކޮށް ބަދަލުވެގެން ދާނެ ކަމަށެވެ. ސަނާ ވަނީ ބުރުގާ އަޅައިގެން ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
މުސްލިމު އާއިލާއަކަށް އުފަން ބަތަލާ ބުނިގޮތުގައި އިންސާނުން ދުނިޔެ އަށް އައުމުގެ މަގުސަދަކީ ފައިސާ އާއި މަޝްހޫރުކަމެއް ނޫނެވެ. އެހެންވެ އެކަމަށް އޭނާގެ އެއްވެސް ޝައުގުވެރި ކަމެއް މިހާރު ނެތް ކަމަށާއި ބޭނުން ވަނީ ހަމަހިމޭން އަބުރުވެރި ދިރިއުޅުމެއް ހޯދަން ކަމަށް ބުންޏެވެ.
އެކްޓިން އަށް ނުކުތް ނަމަވެސް މިހާތަނަށް ލީޑް ބަތަލާއެއްގެ ގޮތުގައި މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ސަނާ ފިލްމީ ދާއިރާ ދޫކޮށްލި އިރު، މި ފަހުން އޭނާގެ ވާހަކަ އެންމެ ބޮޑަށް މީޑިއާތަކުގައި ދެކެވުނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކޮރިއޮގްރާފަރު މެލްވިން ލުއީ ބޭވަފާތެރިވި މައްސަލާގައި ދެ މީހުންގެ މެދުގައި އުފެދުނު އަރާރުންގަނޑާ އެކީގަ އެވެ.
ސަނާ ބޮލީވުޑަށް ނުކުތީ 2005 ގެ "ޔެހީ ހޭ ހައި ސޮސައިޓީ" އިންނެވެ. އޭގެ ފަހުން އޭނާ މިހާތަނަށް 50 ވަރަކަށް ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ހިންދީ ފިލްމުގެ އިތުރުން ތެލެގޫ، ތަމަޅަ، ކަންނާޑާ އަދި މަލަޔާޅަމް ފިލްމުތައް ވެސް ހިމެނެ އެވެ. ސަނާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ކެމިއޯއަކުން ފެނުނު 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އިންނެވެ.
އޭނާ އެކްޓިން އަށް ދުރަށް ދިޔަ އިރު ކުޅެން ފަށާފައި އޮތް ފިލްމެއް ވެސް އެބައޮތެވެ. އެއީ "ޓޮމް، ޑިކް އެންޑް ހެރީ 2" އެވެ.
ސަނާ ވަނީ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" އަދި "ޖަލަކް ދިކްލާޖާ" ހިމެނެ އެވެ.
މި ފަހުން ފިލްމު ކުޅުން ހުއްޓާލި ބަތަލާއިންގެ ތެރޭގައި "ޑަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ" ކުޅުނު ޒައިރާ ވަސީމް ހިމެނެ އެވެ. އޭނާ ފިލްމީ ދާއީރާއާ ދުރަށް ދިޔަކަން އިއުލާންކުރީ މިދިޔަ އަހަރު ގެނެސްދިން ޒައިރާގެ އެންމެ ފަހު ފިލްމު "ދަ ސްކައި އިޒް ޕިންކް" ރިލީޒްކުރަން ތައްޔާރުވަމުން ދަނިކޮށެވެ.