01 ނޮވެމްބަރ 2020 - 08:08
ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓަކީ އޭނާ ކުޅުނު ބައެއް ފިލްމުތަކަށް ކުރިން ވެސް ލަވަ ކިޔާފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ދާދި ފަހުން ރިލީޒްކުރި "ސަޅަކް 2" އާއި "ހައިވޭ" ގެ އިތުރުން "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ހިމެނެ އެވެ.
ރިޕޯޓްތައް މިހާރު ބުނާގޮތުން އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމު "އާރްއާރްއާރް" ގެ ކްރޫއާ އާލިއާ އަންނަ މަހު ގުޅޭ އިރު، އޭނާ ކިޔާފައިވާ ލަވައެއް އެ ފިލްމުގައި ހިމެނޭނެ އެވެ. މި ފިލްމަކީ ތެލެގޫ ބަހުން ހަދާ ފިލްމެއް ނަމަވެސް، އިންޑިއާގައި ވާހަކަ ދައްކައި އުޅޭ ހުރިހާ ބަހުރުވައަކުން ފިލްމު ގެނެސްދޭން ނިންމާފައިވާތީ އާލިއާ ލަވައެއް ރެކޯޑްކުރާނީ ހިންދީ ބަހުންނެވެ. އޭނާގެ މާދަރީ ބަހަކީ ވެސް ހިންދީ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި "އާރްއާރްއާރް" ގައި އާލިއާގެ މާ ބޮޑު ރޯލެއް އިންނާނެ ކަމަށް ނުބެލެވުނަސް އޭނާ ފެނިގެންދާ ވަރަށް ހާއްސަ ލަވައެއް ފިލްމުގައި އިންނާނެ އެވެ. އެހެންވެ ފިލްމުގެ ހިންދީ ވާޝަނުގައި އާލިއާ ފެންނަ ލަވަ ކިޔާނީ ވެސް އޭނާ އެވެ.
"އާރްއާރްއާރް" އަކީ 1920 ގައި ހިނގާފައިވާ ކަމަށް ދައްކާ ހިޔާލީ ހަނގުރާމައަކަށް ބިނާކޮށް ގެނެސްދޭ ޕީރިއަޑް އެކްޝަން ޑްރާމާ ފިލްމެކެވެ. މީގެ މިއުޒިކް ހަދާފައި ވަނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ "އާރްއާރްއާރް" ގެ ލީޑް ބަތަލުންނަކީ މަޝްހޫރު ތެލެގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ.
"އާރްއާރްއާރް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އާލިއާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ގެ އިތުރުން ކަރަން ޖޯހަރްގެ "ތަޚުތު" ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ހުނަރުވެރި ބަތަލާ ވަނީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހަދާ "ޑާލިންސް" ކިޔާ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy