ރާނާ.
25 ނޮވެމްބަރ 2020 - 08:03
"ބާހްބަލީ" ގެ ފިލްމުތަކުގައި ހަށިގަަނޑުން ވަރުގަދަ، ބިޔަ ވިލަން ބައްލާ ދޭވްގެ ކެރެކްޓާ ކުޅުނު ރާނާ ދަގޫބަތީ މިދިޔަ އަހަރު ވަރަށް ބޮޑަށް ހިކި ސިފަ އަށް ބަދަލު އައިސްފައި ހުރުމުން ފޭނުން ސުވާލުކުރާތީ، އެއީ ދެ ކިޑްނީ ފެއިލްވެ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ދިމާވި ގޮތެއް ކަމަށް އޭނާ ބުނެފި އެވެ.
މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ސަމަންތާ އަކިނޭނީގެ ޓޯކް ޝޯ "ސޭމް ޖޭމް" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ 35 އަހަރުގެ އެކްޓަރު ވަނީ އޭނާގެ ބޮޑެތި ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބުނެފަ އެވެ. އެ އެޕިސޯޑްގެ ޕްރޮމޯއެއް އާންމުކޮށްފައިވެ އެވެ. އޮގަސްޓް މަހު ކައިވެނި ވެސް ކުރި ރާނާ ބުނީ ކިޑްނީ ފެއިލްވުމާއި ހިތުގެ މައްސަލަތަކާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
މި ބަލިތަކާ ގުޅިގެން ރާނާ ދުވަސްތަކެއް ވަންދެން އެމެރިކާގައި ފަރުވާ ވެސް ހޯދި އެވެ. އެކަމަކު އޭނާ ކުރިން ސިއްހަތާ ބެހޭ ގޮތުން އާންމުން ދެއްކި ވާހަކަތައް ދޮގުކޮށްފައިވެ އެވެ.
"ބަލީގެ ގޮތުން އަހަންނަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވެސް ހަތްދިހަ ޕަސެންޓަށް އެބައޮތް. އެއާ އެކު ފުރާނަ އަށް ނުރައްކާވުމުގެ ބިރު ތިރީސް ޕަސެންޓަށް އަރާ،" ރާނާ ބުންޏެވެ. "ބަލީގެ ސަބަބުން ހަޔާތަށް ވަރަށް ބޮޑު ހުއްޓުމެއް ވެސް އައި."
Kidney transplant eh hadhaa vaahaka Rana Daggubati dhogukoffi https://t.co/G9clwVNA7v
— Adhushan (@Adhushan1) November 24, 2020
ރާނާގެ ވާހަކަތައް އަޑު އަހާފައި ފެންކަޅިވެ ސަމަންތާ އޭނާ އަށް ހިތްވަރު ދީ ސުޕަހީރޯއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާނާ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ކަނާތުގެ ލޮލަކީ ވެސް ރަނގަޅަށް ނުފެންނަ ލޮލެކެވެ.
ރާނާ އަކީ ހިންދީ ފިލްމުތަކުން ވެސް ދޭތެރެ ދޭތެރެ އިން ފެންނަ އެކްޓަރެކެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަޖުގެ ތެރޭގައި "ހައުސްފުލް 4" އާއި "ދަމް މަރޮ ދަމް" އާއި "ޖެ ޖަވާނީ ހޭ ދީވާނީ" އާއި "ގާޒީ އެޓޭކް" ހިމެނެ އެވެ. ރާނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިންދީ ފިލްމު "ހާތީ މޭރޭ ސާތީ" ގެ އިތުރުން ތަމަޅަ އަދި ތެލެގޫ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy