ބަތަލާ ޓިސްކާ ޗޯޕްރާ ވެސް ޑައިރެކްޝަނަށް ނުކުންނަ ބޮލީވުޑްގެ އަންހެން ފަންނާނުންގެ ލިސްޓަށް އިތުރުވެ އޭނާގެ އަލަތު ފިލްމު ބެލުންތެރިންނަށް މިއަދު ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

"ގުޑް ނިއުސް" އާއި "ތާރޭ ޒަމީން ޕަރް" އާއި "ހައިވޭ" ފަދަ އެތައް ފިލްމެއްގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ 47 ގެ ބަތަލާގެ އަލަތު ޑައިރެކްޝަނަކީ "ރޫބަރޫ" ކިޔާ ކުރު ފިލްމެކެވެ. ޓިސްކާ ޑައިރެކްޓްކުރުމުގެ އިތުރުން މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމުގެ ޕޯސްޓަރު ވެސް ވަނީ ދައްކާލައިފަ އެވެ.

"ރޫބަރޫ" ގައި އޭނާއާ އެކު މުހިއްމު ރޯލުތައް ކުޅެފައި ވަނީ އަރުޖުން މާތޫރާއި ޗިޓްރާޝީ ރަވާތެވެ.

މި ފިލްމު ޓިސްކާއާ ގުޅިގެން ޕްރޮޑިއުސްކޮށްފައި ވަނީ "ނަމަސްތޭ ލަންޑަން" އާއި "ސިންގް އިޒް ކިންގް" ފަދަ ފިލްމުތައް ގެނެސްދިން ވިޕުލް ޝާހެވެ. ދާދި ފަހުން އޭނާގެ އަންހެނުން ބަތަލާ ޝެފާލީ ޝާހް ވެސް ވަނީ ކުރު ދެ ފިލްމަކުން ޑައިރެކްޝަނަށް ނުކުމެފަ އެވެ.

"ރޫބަރު" އާންމުންނަށް މިއަދު ދޫކޮށްލަން ހަމަޖެހިފައި ވަނީ ޔޫޓިއުބް މެދުވެރިކޮށެވެ.

އަންހެން ޑައިރެކްޓަރުން ވަރަށް މަދު ބޮލީވުޑްގައި މި ފަހުން ޑައިރެކްޝަނަށް ނުކުތް އެންމެ މަޝްހޫރު ތަރި އަކީ ކަންގަނާ ރަނާވަތެވެ. އޭނާގެ އަލަތު ޑައިރެކްޝަނަކީ ލީޑް ރޯލު ވެސް މިދިޔަ އަހަރު ކުޅުނު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.

ހިންދީ ސިނަމާގައި ޑައިރެކްޝަނަށް ނުކުތް ބަތަލާއިންގެ ތެރޭގައި ޕޫޖާ ބަޓާއި ނަންދިތާ ދާސް ފަދަ ތަރިން ހިމެނެ އެވެ.

ބޮލީވުޑްގައި މިހާރު ތިބި ނުފޫޒު ގަދަ އަންހެން ޑައިރެކްޓަރުންގެ ތެރޭގައި ޒޯޔާ އަޚްތަރު (ގަލީ ބޯއި) އާއި ރީމާ ކަތުގީ (ގޯލްޑް) އާއި ފަރާ ޚާން (އޯމް ޝާންތީ އޯމް) އާއި ގޯރީ ޝިންޑޭ (އިންގްލިޝް ވިންގްލިސް) އާއި މެގްނާ ގުލްޒާރު (ރާޒީ) އާއި ޝޮނާލީ ބޯސް (ދަ ސްކައި އިޒް ޕިންކް) ފާހަގަކޮށްލެވެ އެވެ.