ދަރޭގެ އާއިލާގެ ތިން ޖީލު ފިލްމުން ފެންނާނެ
01 ޑިސެމްބަރ 2020 - 07:37
ކުރީގެ އެކްޓަރު ދަރުމެންދުރާ އާއި ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އެކީގައި ކުޅުނު 2007 ގެ ފިލްމު "އަޕްނޭ" ގެ ސީކްއެލް ހަދާކަން ކަށަވަރުކޮށް ދީފި އެވެ.
ކުރީގެ ފިލްމު ވެސް ޑައިރެކްޓްކުރި އަނިލް ޝަރުމާ ހަދާ "އަޕްނޭ 2" ވެގެން ދާނީ ދަރޭގެ އާއިލާގެ ތިން ޖީލު އެއް ފިލްމަކުން ފެންނާނެ ފިލްމަކަށެވެ. އެގޮތުން ދަރޭ އާއި ސަނީ އާއި ބޮބީގެ އިތުރުން މި ފަހަރު ދަރޭގެ ކާފަ ދަރި ކަރަން ޑިއޯލް ވެސް ފިލްމުގެ ކާސްޓްގައި ހިމެނެ އެވެ. މި އެންމެން ވެސް ވަނީ ފިލްމުގެ ވާހަކަ އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ.
ކަރަން ބޮލީވުޑަށް ތައާރަފުވީ ބައްޕަ ސަނީ މިދިޔަ އަހަރު ޑައިރެކްޓްކޮށް ގެނެސްދިން "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ.
"އަޕްނޭ 2" ގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފެށުމަށް މިހާރު ވަނީ ތައްޔާރީތައް ވެސް ވާން ފަށައިފަ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.
މި ފިލްމު ހަދާކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ "އަޕްނޭ" ގެ ދެވަނަ ބައެއް ހަދަން އުޅޭކަން މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކުރަމުން ދަނިކޮށެވެ.
މީގެ 13 އަހަރު ކުރިން 2007 ގައި ގެނެސްދިން ސްޕޯޓްސް ޑްރާމާ "އަޕްނޭ" ގެ ކާސްޓްގައި ޝިލްޕާ ޝެޓީ އާއި ކެޓްރީނާ ކައިފާއި ކިރަން ކޭރް ވެސް ހިމެނެ އެވެ. އެ ފިލްމުގައި ކިޔައި ދިނީ އޮލިމްޕިކްގައި ބޮކްސިން އިން މެޑަލް ހޯދާފައިވާ ކުޅުންތެރިޔަކު (ދަރޭ) ފަހުން ވާދަކުރާ މުބާރާތެއްގެ ތެރޭގައި މަނާ ބޭހެއް ބޭނުންކުރިކަމުގެ ތުހުމަތުގައި މުބާރާތުން ވަކިވާން ޖެހި، ކުޅިވަރާ ދުރަށް ދާން ޖެހުމުން ކުޅިވަރުން އޭނާގެ ދެ ދަރިން ސަނީ އާއި ބޮބީ ކުރިއަރުވަން ކުރާ މަސައްކަތެވެ.
"އަޕްނޭ" ގެ ޑައިރެކްޓަރު އަނިލް އަކީ ސަނީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2001 ގެ "ގަދަރު: އޭކް ޕްރޭމް ޚަތާ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy