ކާތިކް.
27 ޑިސެމްބަރ 2020 - 07:52
ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން މި މަހުގެ 14 ގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް އެންމެ 10 ދުވަހުގެ ތެރޭގައި ނިންމާލައިފި އެވެ.
މީޑިއާތަކުން ކުރިން ބުނި ގޮތުގައި "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރު ރާމް މަދުވާނީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ކުރިން ޕްލޭންކުރީ މަސައްކަތް ފަށާތާ 20 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ. ނަމަވެސް ކާތިކް ފިލްމުގެ ޝޫޓިން އަށް ދޭން ނިންމީ 14 ދުވަސް ކަމަށާއި އޭގެ ހަތަރު ދުވަސް ކުރިން 10 ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާލި ކަމަށް ބުންޏެވެ.
މިއީ ބޮލީވުޑްގެ ފީޗާގެ ފިލްމަށް ޝޫޓިން އަށް ރެކޯޑް މުއްދަތެކެވެ. އާންމުކޮށް ހިންދީ ފިލްމެއްގެ ޝޫޓިން އަށް އެވްރެޖްކޮށް އެންމެ މަދުވެގެން ވެސް މަހެއްހާ ދުވަސް ނަގަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ދަމާކާ" ގެ ޝޫޓިން އެހާ އަވަހަށް ނިންމައިލެވުމުގެ ސިއްރަކީ މަދްވާނީގެ ޓީމުން ދުރާލައި ފިލްމަށްވި ތައްޔާރީ އެވެ. ފިލްމުގެ ޓީމްގައި 300 އެއްހާ މީހުން މަސައްކަތްކުރި އިރު ކޮންމެ މީހެއްގެ މަސައްކަތް ވެސް އޮތީ ވަރަށް ބޮޑަށް ޕްލޭންކޮށްފަ އެވެ. އަނެއްކޮޅުން މަސައްކަތް ކުރިއަށް ގެންދިޔައީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެސް ވަރަށް ބޮޑަށް ފިޔަވަޅުތައް އަޅައިގެންނެވެ. އެހެންވެ ބޭކާރުކުރާނެ ވަގުތެއް ނުލިބި މަސައްކަތް ފެށި ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް ނިންމައިލެވުނީ އެވެ.
ކާތިކް ނޫސްވެރިންގެ ރޯލު ކުޅުނު "ދަމާކާ" ގެ ބޮޑު ބައެއް ޝޫޓްކުރީ މުމްބާއީގެ ރެނައިސަންސް މުމްބާއީ ކޮންވެންޝަން ސެންޓަ ހޮޓެލްގަ އެވެ. މި ފިލްމަކީ 2013 ގައި ނެރުނު ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެކެވެ.
އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ދަމާކާ" ގައި ކިޔައިދޭނީ ބްރިޖެއް ގޮއްވާލާނެ ކަމަށް ބުނެ ޓެރަރިސްޓުންގެ ބަޔަކު ދޭ އިންޒާރަކާ ގުޅިގެން އެ ހާދިސާ ކަވަރުކުރަން މަސައްކަތްކުރާ ނޫސްވެރިޔަކު ކުރާ މަސައްކަތެވެ. ކާތިކް ފިލްމުގައި ފެންނާނީ އަރުޖުން ޕަތަކްގެ ރޯލުންނެވެ.
"ދަމާކާ" އަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކަމަކު "ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި މަހު "ދަމާކާ" ގެ ޝޫޓިން ފަށައި ނިންމައިލި އިރު، މާޗްގައި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ކުރިން ކާތިކް އޮތީ ދެ ފިލްމެއްގެ ޝޫޓިން ވެސް ފަށައިފަ އެވެ. އެއީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ ރޮމޭންޓިކް ކޮމެޑީ "ދޯސްނާތާ 2" އާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ ހޮރޯ ކޮމެޑީ "ބޫލްބުލައްޔާ 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy