ސަލްމާން.
04 ޖެނުއަރީ 2021 - 08:01
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ގައި ދައްކަން ފެށި ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 އަންނަ މާޗް މަހާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.
މި ވާހަކަ މީޑިއާތަކުން ފެތުރި ނަމަވެސް ކަލާޒް އާއި ޝޯގެ ޕްރޮޑަކްޝަން ހައުސް އެންޑެމޯލް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ. "ބިގް ބޮސް 14" މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު ޝޯ ނިމެން ގާތްވާކަމުގެ ނިޝާނެއް ވެސް އަދި ނެތެވެ. އެހެންވެ މާޗް މަހާ ހަމައަށް ޝޯ ދަންމައިލުމަކީ ތެދަކަށްވުމުގެ ފުރުސަތު ބޮޑެވެ.
މީގެ 14 އަހަރު ކުރިން ފެށިގެން ގެނެސްދޭ "ބިގް ބޮސް" އަކީ ކުރިން ތިން މަހަށް ގެނެސްދޭ ޝޯއެކެވެ. އެކަމަކު މިދިޔަ އަހަރު ފެބްރުއަރީގައި ނިންމައިލި ސީޒަން 13 އެކު މި ޝޯގެ ދިގުމިނަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. "ބިގް ބޮސް 13" 2019 ގެ ސެޕްޓެމްބަރު މަހުގެ 30 ގައި ފެށުމަށް ފަހު ނިންމައިލީ މިދިޔަ އަހަރުގެ ފެބްއަރީ މަހުގެ 15 ގަ އެވެ.
"ބިގް ބޮސް 14" ގައި މިހާރު ވާދަކުރާ ބައިވެރިންނަށް ބަލާއިރު، ޝޯ ފެށުނީއްސުރެ ދެމިތިބި ބައިވެރިންނަކީ އިޖާޒް ޚާނާއި ޖޭސްމިން ބާސީނާއި ރުބީނާ ދިލައިކާއި އޭނާގެ ފިރިމީހާ އަބިނާވް ޝުކްލާ އެވެ. ރާހުލް ވައިދިއާ އަކީ ޝޯގެ ރަސްމީ ބައިވެރިންގެ ތެރެއިން އަމިއްލަ އަށް ޝޯ ދޫކޮށް ދިއުމަށް ފަހު، އަލުން ދެވަނަ ފަހަރަށް ޝޯ އަށް އައި ބައިވެރިއެކެވެ. އަދި ނިކީ ތަމްބޯލީ އަކީ ޝޯގެ ރަސްމީގެ ބައިވެރިންގެ ތެރެއިން ކަޓައިގެން ގޮސްފައި ވަނިކޮށް އަލުން ފުރުސަތު ލިބުނު ބައިވެރިއެކެވެ.
"ބިގް ބޮސް 14" ގައި ދެން ތިބީ ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ދިން ބައިވެރިންނެވެ. އޭގެ ތެރޭގައި އަލީ ގޯނީ އާއި ސޮނާލީ ޕޯގަޓް ފިޔަވައި އެހެން ބައިވެރިންނަކީ ކުރީގެ ސީޒަންތަކުގައި ވާދަކުރި ބައިވެރިންނެވެ. އެއީ ރާކީ ސާވަންތާއި އަރްޝީ ޚާނާއި ވިކާސް ގުޕްތާ އަދި މަނޫ ޕަންޖާބީ އެވެ. މަނޫ މި ވަގުތު ހުރީ ސިއްހީ ފަރުވާއަކަށް ވަގުތީ ގޮތުން ގެއިން ބޭރުގަ އެވެ.
ވިކާސް އާއި އަލީ އަކީ ވެސް ގެއިން ބޭރުކޮށްލުމަށް ފަހު ދެވަނަ ފުރުސަތެއް ލިބުނު ބައިބެރިންނެވެ.
ރިޕޯޓްތައް ބުނާގޮތުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ގެ މި ސީޒަނުން ވަރަށް އަވަހަށް އަނެއްކާ ވެސް ވައިލްޑް ކާޑްގެ ދަށުން އިތުރު ބައިވެރިއަކަށް ފުރުސަތު ދޭނެ އެވެ. އެއީ އެލިމިނޭޝަންތަކަކަށް ފަހު ގެންނާނެ ކަމަށް ބެލެވޭ ރާކީގެ ފިރިމީހާ ރިތޭޝް އެވެ. އޭނާ ވަނީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި "ބިގް ބޮސް" އަށް ދާން އުޅޭކަން ވެސް ކަށަވަރުކޮށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy