01 ފެބުރުއަރީ 2021 - 07:23
ކަރަން ޖޯހަރު އިއުލާންކޮށްފައި އޮތް ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ މަސައްކަތް ފެށުން ލަސްވެފައިވާތީ އޭނާ އޭގެ ކުރިން އާލިއާ ބަޓާއި ރަންވީރު ސިންގްއާ އެކު ހަދަން ނިންމާފައިވާ ކަމަށް ބުނާ ފިލްމުގެ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކަރަންގެ އަލަތު ފިލްމު 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ސްޓައިލަށް ހަދަން ނިންމާފައިވާ ލޯބީގެ ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު އޮތީ އެއްކޮށް ނިންމައިފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމު އިއުލާންކުރާނެ އެވެ. އާލިއާ އާއި ރަންވީރާ އެކު ކަރަން ލައިޓް-ހާޓެޑް ލޯބީގެ ފިލްމެއް ހަދަން އުޅޭ ވާހަކަ އެންމެ ފުރަތަމަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ކަރަން މިހާތަނަށް ނުދައްކަ އެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގައި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާގެ އިތުރުން އައިޝަވާރިއާ ރާއީ މުހިއްމު ރޯލުތައް ކުޅުނު "އޭ ދިލް ހެ މުޝްކިލް" އެވެ.
އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ދުވަސްވަރު ރަސްކަމާ ހެދި އުފެދިފައި އޮތް އާއިލީ ކޯޅުންތަކެއްގެ ވާހަކަ ކިޔައިދޭ "ތަޚުތު" އަކީ ކަރަން 2018 ގައި އިއުލާންކުރި ފިލްމެކެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި މީގެ މަސައްކަތް މިހާތަނަށް އޮތީ ނުފެށި އެވެ. ބެލެވޭ ގޮތުން އެ ފިލްމުގެ މަސައްކަތް ދެން ފަށާނީ އޭގެ ކާސްޓްގައި ހިމެނޭ އެއް ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅު ވިހައި ގަދަވެ، އަނެއްކާ ވެސް ކުރީގެ ބައްޓަމަށް އައުމުންނެވެ. އޭނާ ވިހާނީ މި މަހުގެ ތެރޭގަ އެވެ.
ރަންވީރާއި އާލިއާ އަކީ ވެސް "ތަޚުތު" ގެ ކާސްޓްގައި ހިމެނޭ ދެ ތަރިންނެވެ. އެ ފިލްމުގައި ހިމެނޭ އިތުރު ތަރިންގެ ތެރޭގައި ވިކީ ކޯޝަލާއި އަނިލް ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ބޫމީ ޕިޑްނޭކަރް ހިމެނެ އެވެ.
ކަރަން ޑައިރެކްޓްކުރާ ލޯބީގެ ފިލްމަކުން އާލިއާ އާއި ރަންވީރު ފެންނާނެ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.
އާލިއާ އަކީ ކަރަންގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގައި ބޮލީވުޑަށް ނެރުނު ބަތަލާއެކެވެ. ކަރަން ޑައިރެކްޓްކުރި ފިލްމަކުން އަދި މިހާތަނަށް ރަންވީރް ފެނިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy