ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ފާތިމާ ސަނާ ޝެއިހް ތަމަޅަ ފިލްމެއްގެ ހިންދީ ރިމޭކަކަށް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރު "ސޫރަޖް ޕޭ މަންގަލް ބާރީ" އާއި "ލޫޑޯ" އިން ފެނިގެން ދިޔަ 29 އަހަރުގެ ބަތަލާ ސޮއިކުރި ރިމެކަކީ 2016 ގައި ރިލީޒްކުރި ފިލްމު "އަރުވީ" އެވެ. އެ ފިލްމަކީ އެއިން ޑައިރެކްޝަނަށް ނުކުތް އަރުން ޕްރަބޫ، ބަތަލާ އަދިތީ ބާލަންއާ އެކު ގެނެސްދިން ފިލްމެކެވެ.

"އަރުވީ" އަކީ ވަރަށް ޖެހިލުންކުޑަ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދިމް ފިލްމެކެވެ.

މީގެ ހިންދީ ރިމެކް ފާތިމާއާ އެކު ހަދަން ނިންމާފައިވާ އިރު ފިލްމުގެ ޑައިރެކްޓަރަކީ "ދަމް" އާއި "ޝޫލް" އަދި "ލަވް ކޭ ލިޔޭ ކުޗް ބީ ކަރޭގާ" ފަދަ ފިލްމުތައް ގެނެސްދިން އީ ނިވާސް އެވެ.

"އަރުވީ" ގެ ރައިޓްސް ހޯދީ އެޕްލޯސް އެންޓަޓައިންމަންޓާއި ފެއިތު ފިލްމްސް އިންނެވެ. ހިންދީ ރިމެކްގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.

އާމިރު ޚާންގެ "ޑަންގަލް" އިން 2016 ގައި ބޮލީވުޑަށް ނުކުތް ފާތިމާ މިހާރު އަނިލް ކަޕޫރާ އެކު "ތާރް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މީގެ ކާސްޓްގައި އަނިލްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް ވެސް ހިމެނެ އެވެ.