ސޮނާކްޝީގެ ވެބް ސީރީޒް ވަރަށް އަވަހަށް އެމެޒޯން ޕްރައިމް ވީޑިއޯ އަށް އަންނާނެ
09 މާޗް 2021 - 07:48
ބޮލީވުޑްގެ ބަތަލާއިންނަށް މި ފަހުން ވަރުގަދަ ކެރެކްޓާ ރޯލުތައް ކުޅެން ފުރުސަތު ލިބެމުން އަންނަ އިރު ބަތަލާ ސޮނާކްޝީ ސިންހާ ވެސް ވަރުގަދަ ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ނަން އަދި އިއުލާން ނުކުރާ އޭނާގެ އަލަތު ވެބް ސީރީޒުން ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އަށް މި ސީރީޒް ގެނެސްދޭ ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓުން މިހާރު ވަނީ ސޮނާކްޝީ ފެންނާނެ ގޮތުގެ ފަސްޓްލުކް ވެސް ދައްކާލައިފަ އެވެ. އޭގައި ފެންނަނީ އޭނާ ފުލުހެއްގެ ޔުނިފޯމްގަ އެވެ.
"ތަލާޝް" އާއި "ގޯލްޑް" ފަދަ ފިލްމުތައް ގެނެސްދިން ރީމާ ކަތުގީ އާއި ރޫޗިކާ އޮބެރޯއީ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒްގެ މަސައްކަތްކުރަމުން އަންނަނީ 2019 އިން ފެށިގެންނެވެ. މީގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ސޯހަމް ޝާހް އަދި ގުލްޝަން ދެވިއާ ވެސް ހިމެނެ އެވެ. ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސީރީޒްގެ ނަމަކީ "ފޯލެން" އެވެ. ނަމަވެސް ފަސްޓްލުކް އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓްގައިވާ ގޮތުން އެއަށް އަދި ވަކި ނަމެއް ހަމަޖައްސައިފައެއް ނުވެ އެވެ.
ސޮނާކްޝީގެ ކެރެކްޓާއާ ބެހޭ ގޮތުން ރީމާ ބުނީ އޭނާ ފެންނާނީ ވަރަށް ޓަފް ފުލުހެއްގެ ރޯލުން ކަމަށެވެ.
"ސޮނާކްޝީ އަކީ އަސްލު ވަރަށް ހުނަރުވެރި ބަތަލާއެއް. މި ސީރީޒުން އެކަން އިތުރަށް އެނގިގެން ދާނެ. ކެރެކްޓާ އަށް އޭނާ ވަރަށް ބޮޑަށް ތައްޔާރުވެފައިވޭ،" ރީމާ ބުންޏެވެ.
ސޮނާކްޝީ، 33، މިހާތަނަށް ކުޅުނު ފިލްމުތަކަށް ބަލާ އިރު، ގިނަ ފިލްމުތަކުގައި މާ ވަރުގަދަ ރޯލުތަކެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު 2016 ގެ "އަކީރާ" އަކީ އޭނާގެ ތަންކޮޅެއް ތަފާތު ރޯލެއް ފެނުނު ފިލްމެކެވެ.
އެކްޓަރު ޝަތުރުގަން ސިންހާގެ ދަރިފުޅުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. މިއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
އެމެޒޯންގެ ސީރީޒްގެ އިތުރުން ސޮނާކްޝީގެ އަތުގައި މިހާރު ނެޓްފްލިކްސްގެ ސީރީޒެއް ވެސް އެބައޮތެވެ. އެއީ "ބުލްބުލް ތަރަންގް" އެވެ.
އެކްސެލް އިން ގެނެސްދީފައިވާ ސީރީޒްތަކުގެ ތެރޭގައި "މިރުޒާޕޫރް" އާއި "މޭޑް އިން ހެވެން" އަދި "އިންސައިޑް އެޖް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy