ރަންވީރާއި ކިއާރާ.
22 މާޗް 2021 - 08:09
އިންޑިއާގެ ތަމަޅަ ޑައިރެކްޓަރު އެސް ޝަންކަރު، ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ފިލްމުގެ ބަތަލާއަކަށް ކިއާރާ އަދުވާނީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޒުވާން ބަތަލާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ވަރަށް ޑިމާންޑް ބޮޑު ބަތަލާއެކެވެ. ފިލްމު "ފަގްލީ" އިން 2014 ގައި ބޮލީވުޑަށް ނުކުތް ކިއާރާގެ އަތުގައި މި ވަގުތު ވެސް ފާހަގަކޮށްލެވޭ ގިނަ ޕްރޮޖެކްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ޖުގް ޖުގް ޖިއޯ" އާއި "ބޫލް ބުލައްޔާ 2" އާއި "ޝޭރުޝާހް" އަދި "މިސްޓަ ލޭލޭ" ހިމެނެ އެވެ.
ކިއާރާ، 28، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ގެނެސްދިން "އިންދޫ ކީ ޖަވާނީ" އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ލަކްޝްމީ" އާއި "ގުޑް ނިއުސް" އާއި "ކަބީރް ސިންގް" އަދި "މެޝިން" ފާހަގަކޮށްލެވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ޝަންކަރްގެ ފިލްމުގެ ބަތަލާއަކަށް ކިއާރާ ނެގީ އޭނާ މިހާރު ހޯދަމުން ކުރިއެރުންތަކަށް ބަލައި، ރަންވީރާ ވަރަށް ގުޅޭނެ ބަތަލާއަކަށްވާތީ އެވެ. އެހެންވެ މި ފިލްމުވާނީ ދެ ތަރިން އެކީގައި ކުޅޭނެ ފުރަތަމަ ފިލްމަށެވެ.
ޝަންކަރްގެ ފިލްމަކަށް ރަންވީރު އެއްބަސްވެފައި އޮތަސް މިއާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް ހިއްސާއެއްނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ އެ ފިލްމުގެ މަސައްކަތް ފަށާނީ ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ޝަންކަރް އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމަށް ފަހު ކަމަށެވެ.
ދެހާސް އަށާރައިގައި ރަޖްނީކާންތުގެ "2.0" ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ކަމަލް ހަސަންގެ "އިންޑިއަން 2" އެވެ.
ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ ދެ ފިލްމެއް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ ކްރިކެޓް ފިލްމު "83" އާއި ކޮމެޑީ ކޮމެޑީ ފިލްމު "ޖަޔޭޝްބާއީ ޖޯރުދާރު" އެވެ. އަދި މިހާރު އޭނާ އަންނަނީ ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު "ސާކަސް" ގެ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy