23 އެޕްރީލް 2021 - 08:23
ސްޓާ ޕްލަސްގެ ކާމިޔާބު ސިލްސިލާ "އަނޫޕަމާ" ގެ ކާސްޓާ އެކްޓަރު އަޕޫރްވާ އަގްނިހޯތުރީ ގުޅި، ޝޫޓިންގައި ބައިވެރިވާން ފަށައިފި އެވެ.
މިކަން ސިލްސިލާގެ ލީޑް އެކްޓަރު ސުދާންޝޫ ޕާންޑޭ އިންސްޓަރްގާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ޝޫޓިންގެ ތެރެއިން އަޕޫރްވާއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ބުނީ ކޮވިޑް-19 ގެ މި ހާލަތުގައި ޝޫޓްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމަކު އަޕޫރްވާ ކަހަލަ ގާތް އެކުވެރިޔަކާ އެކު މަސައްކަތްކޮށްލަން ލިބުމުން މި ދަނޑިވަޅުގައި ވަރަށް އުފާވާ ކަމަށް އަނޫޕަމާގެ ފިރިމީހާ ވަންރާޖް ޝާހްގެ ރޯލު ކުޅޭ ސުދާންޝޫ ބުންޏެވެ.
އަޕޫރްވާ، 48، އަކީ ޓީވީ ސިލްސިލާތަކާއި ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ޕަރުދޭސް" އާއި "ޕިޔާރު ކޮއީ ކޭލް ނެހީ" އަދި "ޕިޔާރު ދީވާނާ ހޯތާ ހޭ" ހިމެނެ އެވެ.
އަޕޫރްވާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ސޮނީ ޓީވީން ގެނެސްދިން "ޖެސީ ޖެއިސީ ކޮއީ ނެހީ" އެވެ. މި ފަހުން އޭނާ ފެނިގެން ދިޔައީ ކަލާޒްގެ 2018 ގެ "ބޭޕަނާ" އިންނެވެ.
"އަނޫޕަމާ" ގެ ކާސްޓާ އަޕޫރްވާ ގުޅުނު ނަމަވެސް އޭނާ ފެނިގެން ދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ. އަނެއްކޮޅުން އޭގެ ކާސްޓަށް އާ އެކްޓަރަކު އިތުރުވެފައި މި ވަނީ އަނޫޕަމާގެ ހަޔާތަށް އާ ބައިވެރިޔަކު އަންނަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ. އެގޮތުން މަޝްހޫރު އެކްޓަރު ރާމް ކަޕޫރް ސިލްސިލާ އިން ފެންނާނެ ކަމަށް ދާދި ފަހުން މީޑިއާތަކުން ބުންޏެވެ.
ކޮންމެއަކަސް ސިލްސިލާ އިން ވަރަށް އަވަހަށް އަޕޫރްވާ ފެންނަން ފަށާނެ އެވެ.
"އަނޫޕަމާ" ގެ ވާހަކަ މިހާރު އޮތީ ވަންރާޖާއި އަނޫޕަމާގެ ކައިވެނި ރޫޅައިލުމުގެ ފަހު މަރުހަލާއާ އެކު ދިމާވެފައިވާ ކަންތައްތަކުގެ ތެރޭގަ އެވެ. އަނޫޕަމާގެ ރޯލު ކުޅެނީ ރުޕާލީ ގަންގޫލީ އެވެ.
މިދިޔަ އަހަރު ދައްކަން ފެށި "އަނޫޕަމާ" ގެ މައިގަނޑު ކާސްޓްގައި ދެން އެންމެ ފާހަގަކޮށްލެވޭ އެކަކީ ކާވިއާގެ ރޯލު ކުޅޭ މަދަލްސާ ޝަރުމާ އެވެ.
މި ސިލްސިލާ އަކީ ބޭވަފާތެރި ފިރިއެއްގެ ސަބަބުން އާއިލާއަކަށް ދިމާވާ ކަންތައްގަނޑެއް ދައްކުވައިދޭ އެއްޗެކެވެ.
"އަނޫޕަމާ" އަކީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 9:30 ގައި ގެނެސްދޭ ސިލްސިލާއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy