ސޮނާކްޝީ.
01 މެއި 2021 - 11:42
އިންޑިއާގެ ހިންދޫން ކައިވެނިކުރާ އިރު އަންހެން މީހާގެ ފަރާތުން ޑައުރީގެ ގޮތުގައި ފިރިހެން މީހާގެ އާއިލާ އަށް ގިނަ އަދަދެއްގެ މުދާ ދިނުމަކީ ވަރަށް ކުރިއްސުރެ ގެންގުޅެމުން އަންނަ ސަގާފަތެކެވެ. މިކަން މިހާރު މަޑުމަޑުން އުވެމުން ދިޔަ ނަމަވެސް ކައިވެނީގެ ޑައުރީގެ މައްސަލަ ހިންދޫންގެ ތެރޭގައި ބޮޑެވެ. ޑައުރީގެ މައްސަލަތަކުގައި އަންހެނުންނަށް އެކި ބާވަތުގެ އަނިޔާތަކާ ވެސް ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.
ބަތަލާ ސޮނާކްޝީ ސިންހާގެ ސޮއިކޮށްފައި އޮތް ނެޓްފްލިކްސްގެ ވެބް ސީރީޒް "ބުލްބުލް ތަރަންގް" އަކީ މިފަދަ ހާދިސާތަކެއް ދައްކުވައިދޭނެ ސޯޝަލް ޑްރާމާއެކެވެ. ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ކުރިން ވެސް ވަރަށް ކާމިޔާބު ސޯޝަލް ޑްރާމާއެއް ކަމަށްވާ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ގެނެސްދިން ޝްރީ ނާޔަރަން ސިންގް އެވެ.
އަކްޝޭ ކުމާރާއި ބޫމީ ޕިޑްނޭކަރް ލީޑް ރޯޅު ކުޅުނު އެ ފިލްމަކީ ފިރިމީހާގެ ގޭގައި ފާހާނާއެއް ނެތުމުން އަންހެނުން ގެއިން ނުކުމެގެން ދިއުމުން އޭނާ އަނބުރާ ގެންނަން ކުރާ މަސައްކަތް ދައްކުވައިދިން ފިލްމެކެވެ. "ބުލް ތަރަންގް" ގެ ޑައިރެކްޝަނާ ޝްރީ ހަވާލުވި އިރު، އޭނާ އެންމެ ފަހުން ގެނެސްދިނީ 2018 ގެ "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.
ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރް ކުޅުނު އެ ފިލްމަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ގެނެސްދިން ފިލްމެކެވެ.
ސޮނާކްޝީއާ އެކު ޝްރީ ގެނެސްދޭ "ބުލްބުލް ތަރަންގް" ވާނީ ވަރަށް ޝައުގުވެރި އެއްޗަކަށެވެ. މީގެ ތައްޔާރީތައް ވަމުން އަންނަ އިރު މި އަހަރުގެ ތެރޭގައި ސީރީޒް ގެނެސްދޭނެ އެވެ.
ސޮނާކްޝީގެ އަލަތު ވެބް ސީރީޒަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ފޯލެން" އެވެ. އޭގައި އޭނާ ކުޅެފައި ވަނީ ފުލުހެއްގެ ރޯލެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، ވިބޫ ޕޫރީ ޑައިރެކްޓްކުރާ ވެބް ސީރީޒް "ހީރާ މަންޑީ" އަކީ ވެސް ކާސްޓްގައި ސޮނާކްޝީ ހިމެނޭ އެއްޗެކެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy