ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ އާ ފިލްމު "އާމީ އޮފް ދަ ޑެޑް" ގެ މި މަހުގެ 21 ގައި ޕްރިމިއާކުރަން ނިންމައި، ފިލްމުގެ ކާސްޓުންގެ ވަކިވަކި ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

ފިލްމު ލިމިޓެޑް ސިނަމާތަކާ އެކު، ނެޓްފްލިކްސް އިން ވެސް ޕްރިމިއާކުރާނެ އެވެ.

ޒޮމްބީ ހެއިސްޓް އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ "އާމީ އޮފް ދަ ޑެޑް" ކާސްޓްގައި ޑޭވް ބަޓިސްޓާ، އެލާ ޕާނެލް، އޮމާރީ ހާޑްވިކް، ސަމަންތާ ވިން، ތިއޯ ރޮޒީ، އަނާ ޑި ލަ ރެގޫރާ، މެތިއަޒް ޝްވެއިފޯ، މައިކަލް ކެސިޑީ އަދި ބޮލީވުޑްގެ ބަތަލާ ހުމާ ގްރޭޝީ ހިމެނެ އެވެ.

ސްނައިޑާ އަކީ މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީ އާ ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ. އޭނާ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "300"، "ވޮޗްމެން"، "މޭން އޮފް ސްޓީލް" އަދި "ޖަސްޓިސް ލީގް" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ "ޒެކް ސްނައިޑާޒް ޖަސްޓިސް ލީގް" އެވެ.