15 މެއި 2021 - 09:57
ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް އެމެރިކާގެ ސިޓްކޮމް "ފްރެންޑްސް" ގެ ކުރީގެ ތަރިންނާ އެކު ގެނެސްދޭ ރީޔުނިއަން މި މަހުގެ 27 ގައި ސްޓްރީމްކިރާ ގޮތަށް ނިންމައި އޭގެ ޓީޒާ ދައްކާލައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން އެތައް ބަޔަކު އަންނަނީ މިއަށް އިންތިޒާރު ކުރަމުންނެވެ. އެކަމަކު ކުރިން ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވި ރީޔުނިއަންގެ މަސައްކަތް މި އަހަރަށް ފަސްކުރަން ޖެހުނީ ކޮވިޑް-19އާ ހެދި އެވެ.
"ފްރެންޑްސް: ދަ ރީޔުނިއަން" ގެ ގޮތުގައި ގެނެސްދޭ އެޕިސޯޑުން ކުރީގެ މައިގަނޑު ކާސްޓް އެއްކޮށް ފެންނާނެ އެވެ. އެއީ ޖެނިފާ އެނިސްޓަން، ލީޒާ ކުޑްރޯ، ކޯޓްނީ ކޮކްސް، މެޓް ލިބްލޭންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ.
*screaming* #friendsreunion pic.twitter.com/j9GbWv4Ley
— hbomaxPOP | originals (@HBOMaxPop) May 13, 2021
އެޗްބީއޯ މެކްސް އިން މި ގެނެސްދޭ އިރު މި ފަހަރު އެ ތަރިންނާ އެކު ގެސްޓް ސްޓާރުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ޑޭޭވިޑް ބެކަމް، ކިޓް ހެރިންޓަން އަދި މަލާލާ ޔޫސުފްޒާއީ ފަދަ މަޝްހޫރު މީސްމީހުން ހިމެނެ އެވެ.
ސިޓްކޮމެއްގެ ގޮތުގައި މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި "ފްރެންޑްސް" އަކީ 1994-2004 ހަމައަށް ގެނެސްދިން އެއްޗެކެވެ. އަދި އެ މުއްދަތުގެ ތެރޭގައި 10 ސީޒަނަކަށް، 236 އެޕިސޯޑް ގެނެސްދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy