ކާތިކް.
17 މެއި 2021 - 08:05
ދާދި ފަހުން ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" އިން ވަކިކުރި އެކްޓަރު ކާތިކް އާރިޔަން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަރަމުން އަންނަ ޒުވާން އެކްޓަރު ސޮއިކުރީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އިން ހަދާ ވަރަށް ތަފާތު އަސަރުގަދަ ލޯބީގެ ފިލްމަކަށެވެ.
ނަމަވެސް ފިލްމުގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމު ޑައިރެކްޓްކުރާނީ މިދިޔަ އަހަރު ރިލީޒްކޮށް، އަހަރުގެ ނެޝަނަލް އެވޯޑްސްގައި އެންމެ މޮޅު ސޯޝަލް ފިލްމުގެ އެވޯޑް ކަށަވަރުކުރި މަރާޓީ ބައޮގްރަފިކަލް ޑްރާމާ "އާނަންދީ ގޯޕީ" ގެ ޑައިރެކްޓަރު ސަމީރް ވިދުވަންސް އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ކާތިކް ލީޑަށް ލައިގެން ސަމީރް ހަދާ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވާން ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު ރާވާފައި އޮތީ މި އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށާށެވެ. އަދި ވަރަށް އަވަހަށް ފިލްމަށް ބަތަލާ އަކު ވެސް ހަމަޖައްސާނެ އެވެ.
ސަމީރް،
މިދިޔަ އަހަރު ރިލީޒްކުރި "ލަވް އާޖް ކަލް" އުން ފެނިގެން ދިޔަ ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް "ދަމާކާ" އާއި ޝޫޓިން ނުނިމި އޮތް "ބޫލް ބުލައްޔާ 2" އާއި ޝޫޓިން ފަށަން އޮތް ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ފްރެޑީ" ގެ އިތުރުން ޑައިރެކްޓަރު ހެންސަލ މެހެތާގެ ފިލްމެއް ހިމެނެ އެވެ.
ކާތިކް، 30، އަކީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ވިދައިލި އެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy