ނުޝްރަތު.
20 މެއި 2021 - 07:19
ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހުނު ފިލްމަކީ މިހާރު ޝޫޓިން ނިމި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ބިރުވެރި ފިލްމު "ޗޯރީ" ކަމަށާއި އެއީ ބެލުންތެރިން އަންތަރީސްކޮށްލާ ވަރުގެ ފިލްމަކަށް ވާނެ ކަމަށް ބަތަލާ ނުޝްރަތު ބަރޫޗާ ބުނެފި އެވެ.
އެ ފިލްމުގެ ތަޖުރިބާގެ ވާހަކަ ފިލްމުފެއާ އަށް ކިޔައިދެމުން 31 އަހަރުގެ ބަތަލާ ބުނީ މިހާތަނަށް ކުޅެން ލިބުނު އެންމެ އުނދަގޫ ކެރެކްޓާ އަކީ "ޗޯރީ" އިން ލިބުނު ރޯލު ކަމަށެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ރަށްފުށުގެ މާބަނޑު އަންހެނެއްގެ ރޯލުންނެވެ.
"އިމޯޝަންތައް ވަރަށް ބޮޑަށް ދައްކުވައިދޭން ޖެހުނު ރޯލެއް އެއީ. އެހެންވީމަ ވަރަށް މަސައްކަތްކުރަން ޖެހުނު. ދެން މުޅި ފިލްމުގެ ސްޓޯރީލައިނަށް ބަލާކަމަށް ވަންޏާ ބެލުންތެރިން އުންމީދުނުކުރާ ކަހަލަ އެއްޗަކަށް މީތި ވާނެ. ޔަގީނުން ވެސް ބަލަން ތިބޭ އިރު އޯޑިއަންސް އަންތަރީސްވާ ކަހަލަ ފިލްމަކަށް ޗޯރީ ވާނީ،" ނުޝްރަތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލްމަށް ކުރަން ޖެހުނު މަސައްކަތްތައް ކިޔައިދޭން އެހާ ފަސޭހައެއް ވެސް ނޫނެވެ. އަދި "ޗޯރީ" އަކީ އެ ބެލުމަށް ފަހު، ބެލުންތެރިންގެ ބޮލުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހަރުލާފައި ހުންނާނެ ފިލްމެއް ކަމަށް ބުންޏެވެ.
"އަހަރެން މި ބުނާ އެއްޗެއް އަސްލު ވަޒަންކޮށްލެވޭނީ ފިލްމު ބަލާލަން ލިބުނު އިރަކުން،" ނުޝްރަތު ބުންޏެވެ. "މިއީ އަހަރެންގެ އެންމެ ބޮޑު ފިލްމަށް ވާނެ."
"ޗޯރީ" އަކީ މީގެ ޑައިރެކްޓަރު ވިޝާލް ފޫރިއާ 2017 ގައި ގެނެސްދިން މަރާޓީ ފިލްމު "ލަޕަޗައްޕީ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. "ޗޯރީ" ގެ ކާސްޓްގައި މިތާ ވަޝިޝްތު، ރާޖޭޝް ޖައިސް އަދި ސޯރަބް ގޯޔަލް ހިމެނެ އެވެ.
"ޕިޔާރު ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ނުޝްރަތުގެ އެންމެ ފަހުގެ ފިލްމަކީ ދާދި ފަހުން ނެޓްފްލިކްސް އިން ޕްރީމިއާކުރި އެންތޮލޮޖީ ފިލްމު "އަޖީބް ދާސްތާންސް" އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާ އެކު ކުޅޭ "ރާމް ސެތޫ" އާއި ސަނީ ކޯޝަލްއާ އެކު ކުޅެފައިވާ "ހުރުދަންގް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy