ކަނިކާ.
13 ޖޫން 2021 - 06:53
ކަލާޒް ޗެނެލުން ގެނެސްދޭ ސިލްސިލާ "ބަރިސްތާ ބާބޫ" ގެ ވާހަކަ އަށް ބޮޑު ލީޕެއް ގެންނައިރު އޭގެ ލީޑް ބަތަލާގެ ރޯލު ކުޅޭ ކުޑަކުއްޖާގެ ކެރެކްޓާ ބޮޑު މީހެއްގެ ގޮތުގައި ކުޅެން ކަނިކާ މަން އަށް ދިން ފުރުސަތު ގަބޫލުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
ޒީޓީވީގެ ސިލްސިލާ "ގުއްޑަން ތުމްސޭ ނަ ހޯ ޕާއޭގާ" އިން މަޝްހޫރުކަން ހޯދި ޒުވާން ބަތަލާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ބަރިސްތާ ބާބޫ އިން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ.
އޭގައި ކަނިކާ އަށް ލިބުނު ކެރެކްޓާ އަކީ ކުޑަ އަންހެން ކުއްޖާ އައުރާ ބަޓްނާގަރް ބަޑޯނީ ކުޅެމުން އަންނަ ބޮންޑިތާ ދާސްގެ ކެރެކްޓާ އެވެ. ބަރިސްތާ ބާބޫގައި ދައްކަނީ ޅައުމުރުގައި ކައިވެނިކުރަން ޖެހި، ކިޔެވުމުން މަހުރޫމްވާ ކުއްޖަކަށް ޒުވާން ފިރިމީހާ ތައުލީމު ހޯދައިދޭން ކުރާ މަސައްކަތެވެ.
ޒުވާން ބޮންޑިތާގެ ރޯލު ކުޅެން ލިބި، ދޫކޮށްލުމާ ބެހޭ ގޮތުން ކަނިކާ ބުނީ ފުރުސަތު ދޫކޮށްލަން މަޖުބޫރުވީ ވަރުގަދަ ޑިޖިޓަލް ކޮންޓެންޓެއްގައި މަސައްކަތްކުރަން ލިބުމުން ކަމަށެވެ.
"ބަރިސްތާ ބާބޫ އަށް ގެންނަން އުޅޭ ބަދަލަށް އަދި ދުވަސްކޮޅެއް ނަގާނެ ވެސް މެ. އެއިން ފުރުސަތު ލިބިފައި އޮއްވައި އޯޓީޓީ ޕްރޮޖެކްޓެއްގައި މި ވަގުތު މަސައްކަތްކުރަން ލިބުނީމަ އެ ދޫކޮށްލަން ޖެހުނީ،" އޭނާ ބުންޏެވެ.
ނަމަވެސް ލިބުނު ޑިޖިޓަލް ކޮންޓެންޓަކީ ކޮން ޕްލެޓްފޯމެއްގެ، ކޮން ކަހަލަ އުފެއްދުމެއް ކަމެއް ކަނިކާ ނުބުނެ އެވެ.
"ބަރިސްތާ ބާބޫގެ ޕްރޮޑިއުސަރު ޝަޝީ މިއްޓަލްއާ ވެސް ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ބަރިސްތާ ބާބޫ އިން ލިބުނު ފުރުސަތު ދޫކޮށްލީ. އެކަމަކު އުންމީދުކުރަން ޝަޝީއާ އެކު ކުރިއަށް އޮތް ތަނުގައި އެހެން ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.
މީޑިއާތަކުން ބުނީ ކަނިކާ އަށް ލިބުނު ފުރުސަތު ދޫކޮށްލުމުން ބޮންޑިތާގެ ރޯލަށް ގެންނާނެ އެހެން ބަތަލާ އަކު ހޯދަން މިހާރު އޮޑިޝަން ވެސް ހަދަން ފަށާފައިވާ ކަމަށެވެ. އަދި އެ ރޯލުން ފެނިދާނެ ކަމަށް ބުނާ ބަތަލާއިންގެ ތެރޭގައި "ނާގިން" ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އަދާ ޚާނާއި "އުޅާން" އިން ފެނިފައިވާ ބަތަލާ މީރާ ޑިއޯސްތާލޭ ހިމެނެ އެވެ.
"ބަރިސްތާ ބާބޫ އަކީ ކަލާޒް އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައްކަން ފެށި ސިލްސިލާއެކެވެ. އޭގެ 290 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy