07 ޖުލައި 2021 - 06:45
ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ބަތަލާގެ ރޯލުން ފެންނާނެ ކަމަށް ބުނާ ސާރާ އަލީ ޚާން، ވިކީގެ ކޮއްކޮ އަދި އަރަމުން އަންނަ އެކްޓަރު ސަނީ ކޯޝަލާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ ސާރާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމު "އަތުރަންގީ ރޭ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭނަގެ ފިލްމު ކަލަ ޔެލޯ ޕްރޮޑަކްޝަނުން ހަދާ މި ސޯޝަލް ކޮމެޑީ އަށް ދީފައިވާ ނަމަކީ "ނަކްރޭވާލީ" އެވެ.
ހަންގާމާ އިން ބުނި ގޮތުގައި މީގައި ސަނީ ކުޅޭނީ އަންހެން ހެދިގެން، އުޅޭ ކެރެކްޓާއެކެވެ. އަދި އޭނާ އަންހެނުން ހެދުން ލައިގެން މޭކަޕްކޮށްގެން، އަންހެނުން އުޅޭ ގޮތަށް އުޅޭތީ މުޖުތަމައު ތެރެއިން ކުރިމަތިވާ މަލާމާތާއި ފުރައްސާރަ އާއި އެ ނޫން ވެސް ހުރަސްތައް "ނަކްރޭވާލީ" އިން ވަރަށް ޝައުގުވެރި އަދި މާ ސީރިއަސް ނޫން ގޮތަކަށް ކިޔައިދޭނެ އެވެ.
އާނަންދު އަދި ސަނީ.
މި ފިލްމުގެ ޑައިރެކްޓްކުރާނީ އާނަންދާ އެކު ކުރިން އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އެކަމަކު އަދި އޭނާގެ ނަމެއް އިއުލާނެއް ނުކުރެ އެވެ.
ސަނީގެ ބޭބެ ވިކީއާ އެކު ސާރާ ކުޅެން ހަމަޖެހިފައިވާ "ދި އިމޯޓަލް އަޝްވަތައްމާ" އަކީ 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން އަދިތިޔާ ދާރް ޑައިރެކްޓްކުރާ ފިލްމެކެވެ.
ސަނީ އާއި ވިކީ.
ސަނީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބަނގްރާ ޕާލޭ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ކުނާލް ދޭޝްމުކްގެ "ޝިއްދަތު" އެވެ. އޭގެ ކާސްޓްގައި ރާދިކާ މަދަން، މޯހިތު ރައިނާ އަދި ޑަޔާނާ ޕެންޓީ ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy