ސޮނީ ޓީވީން މި އަހަރުގެ ކުރީކޮޅު "ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލުމުން މާޔޫސްވެފައި ތިބި މީހުންނަށް އަނެއްކާ ވެސް އޮތީ މާޔޫސްވާ ކަހަލަ އިތުރު ޚަބަރެކެވެ. ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި އެ ޝޯގެ ޝޫޓިން މި މަހުގެ ތެރޭގައި ފެށުމަށް ފަހު، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ތެރޭގައި ޝޯ އަލުން ދައްކަން ފަށާނެ އެވެ.

ނަމަވެސް މިހާރު ޚަބަރުތައް ބުނާ ގޮތުން މި މަހާއި އަންނަ މަހުގެ ތެރޭގައި ވެސް "ކަޕިލް ޝަރުމާ ޝޯ" ގެ މަސައްކަތް ފެށޭނެކަމުގެ އުންމީދެއް ނެތެވެ. ސަބަބަކީ ޝޯގެ މައި ހޯސްޓް ކަޕިލް އާއި އޭނާއާ އެކީ ކުރިން ވެސް މަސައްކަތްކުރި ޓީމުން މި ފަހަރު ޝޯ އިން ލިބޭ ފީ ބޮޑުކުރަން ޑިމާންޑްކުރާތީ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި މައްސަލަ ދިމާވުމާ އެކު ސޮނީ އާއި ކަޕިލްގެ ޓީމު މިހާރު އަންނަނީ ފީއާ މެދު މަޝްވަރާކުރަމުންނެވެ. އަދި ޝޯގެ ޝޫޓިން ފަށާނީ އެކަމަށް ގޮތެއް ނިންމުނު އިރަކުންނެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ސެޕްޓެމްބަރުގެ ކުރިން "ދަ ކަޕިލް ޝަރުމާ ޝޯ" ގެނެސްދޭން ފެށޭތޯ ސޮނީން މަސައްކަތްކުރާނެ އެވެ. މި ޝޯ އަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކުންފުނި އެސްކޭ ޓީވީ އިން ވެސް ހިއްސާވާ ޝޯއެކެވެ.

"ކަޕިލް ޝަރުމާ ޝޯ" އަލުން ފަށާ އިރު އޭގައި ރައިޓަރުންނާއި ކާސްޓްގައި ވެސް އާ ފަންނާނުންތަކެއް ހިމަނަން ނިންމާފައި އެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ލިޔުންތެރިންނާއި ކޮމެޑީއަނުން ހޯދަން އިއުލާން ވެސް ކުރި އެވެ.

އެހެންވެ ޝޯ އަލުން ފަށާ އިރު، ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. "ކަޕިލް ޝަރުމާ ޝޯ" މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި އިރު ކަޕިލްއާ އެކު މަސައްކަތްކުރަމުން ދިޔަ ޓީމްގައި ހިމެނެނީ ކްރުޝްނާ އަބީޝެކް، ބާރްތީ ސިންގް، ކިކޫ ޝްރަދާ، ސުމޯނާ ޗަކްރަބަތީ، ޗަންދަން ޕްރަބާކަރް އަދި ހިނިގަނޑު ޖަހަން އިންނަ އަރްޗަނާ ޕުރާން ސިންގް އެވެ.

ޕިންކްވިލާ އަށް ބާރްތީ ބުނި ގޮތުގައި ކުރިން އެ މީހުން ތައްޔާރުވަމުން ދިޔައީ މި މަހުގެ ތެރޭގައި ޝޯގެ ޝޫޓިން އަލުން ފަށާށެވެ.

"އެކަމަކު މިހާރު މި ތިބީ ވާނުގައި. ނަމަވެސް އުންމީދުކުރަން އެންމެ ލަސްވެގެން ވެސް އަންނަ މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް. ޝޯ ހުއްޓާލައި ބޮޑު ބްރޭކަކަށް ދިޔައިމަ ފޭނުންނާ އެކު އަހަރެމެން ވެސް މި ތިބީ ބޮޑު ފޫހިކަމެއްގެ ތެރޭގައި." އިންޑިއާގެ އެންމެ ހުނަރުވެރި އެއް އަންހެން ކޮމީޑިއަން ބުންޏެވެ.

ކަޕިލްގެ އަތުގައި މިހާރު ނެޓްފްލިކްސްގެ ޝޯއެއް ވެސް އެބަ އޮތެވެ. މި އަހަރުގެ ކުރީކޮޅު އެ ޝޯ އިއުލާންކުރި ނަމަވެސް އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު ކޮމެޑީ ޝޯ އެވެ.