18 ޖުލައި 2021 - 08:00
ކަރަން ޖޯހަރް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެއް ނަމަ އަބަދު ވެސް އެ ފިލްމެއްގައި ބޭރު ގައުމެއްގެ ރީތި ތަނަވަސް ލޮކޭޝަންތަކުގައި ފިލްމު ޝޫޓްކުރާނެ އެވެ. އެހެންވެ އަމިއްލަ އަށް ވެސް އޭނަގެ ފިލްމުތައް ސިފަކޮށް އުޅެނީ ބޭރު ގައުމުތައް ޕްރޮމޯޓްކޮށްދޭ އިޝްތިހާރުތަކެއްގެ ގޮތުގަ އެވެ.
ހަތް ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރުވަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ވާނީ މުޅިން އަލަށް ކަރަންގެ ފިލްމެއް ބޭރުގެ އެއްވެސް ގައުމެއްގައި ޝޫޓްނުކުރާނެ ފިލްމަކަށެވެ. އޭނާ މިހާރު ވަނީ އިންޑިއާގައި ލޮކޭޝަން ހޯދަން ވެސް މަސައްކަތް ފަށައިފަ އެވެ.
އިންސްޓަގްރާމް ސްޓޯރީގައި އެ ވާހަކަ ހިއްސާކޮށް ބުނީ "ތައްޔާރު" ކަމަށާއި "މިހާރު މި އުޅެނީ ލޮކޭޝަން ސްކައުޓްކުރުމުގައި" ކަމަށެވެ. މީޑިއާތަކުން ބުނި ގޮތުގައި އަސަރު ގަދަ ލޯބީގެ ވާހަކައަކަށް، ތަފާތު ބޮޑު ކާސްޓަކާ އެކު ހަދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހުރިހާ މަންޒަރެއް މި ފަހަރު ނަގާނީ އިންޑިއާގެ އެކި ހިސާބުތަކުގަ އެވެ.
ކޮވިޑް-19 އާ އެކު ބޭރު ގައުމުތަކަށް މިހާރު ދަތުރުކުރުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާތީ އަބަދު ވެސް ގްރޭންޑްކޮށް، ފިލްމުތައް ގެނެސްދޭ ކަރަންގެ އާ ފިލްމަށް ކުރާ ހަރަދު މި ފަހަރު ވަރަށް ބޮޑު ތަނުން ކުޑަވާނެ އެވެ.
އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު 2016 ގެ "އޭ ދިލް ހެ މުޝްކިލް" އަކީ އިންޑިއާގެ އިތުރުން އޮސްޓްރިއާ އާއި ފްރާންސް އަދި އެމެރިކާގައި ޝޫޓްކުރި ފިލްމެކެވެ. ދެހާސް ބާރައިގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އަކީ އިންޑިއާގެ އިތުރުން ތައިލޭންޑްގައި ޝޫޓްކުރ އެއްޗެކެވެ. ދެހާސް ދިހައެއްގެ "މައި ނޭމް އިޒް ޚާން" އަކީ އިންޑިއާގެ އިތުރުން އެމެރިކާގައި ޝޫޓްކުރި ފިލްމެކެވެ.
ދެހާސް ފަހެއްގެ "ކަބީ އަލް ވިދާ ނާ ކެހެނާ" އަކީ އެމެރިކާގައި ޝޫޓްކުރި ފިލްމެކެވެ. އަދި 2001 ގެ "ކަބީ ހުޝީ ކަބީ" އަކީ އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ޝޫޓްކުރި އެއްޗެކެވެ. އަދި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އަކީ އިންޑިއާގެ އިތުރުން ސީޝެލްސް އާއި ސްކޮޓްލޭންޑްގައި ޝޫޓްކުރި އެއްޗެކެވެ.
އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓާއި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ފެނިގެންދާނެ ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy