ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ކުރު ފިލްމު "މަޒްލޫމް" ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ނިންމައި، އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.

ގާތްގަނޑަކަށް 45 މިނިޓްގެ "މަޒްލޫމް" ގެ މައިގަނޑު ރޯލްތަކުން ފެންނާނީ 2019 ގެނެސްދިން އޭނާގެ ފުރަތަމަ ފީޗާ ފިލްމި "ބަވަތި" ގެ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އެ ފިލްމުގެ ބަތަލު އިފްނާޒް މުހައްމަދުގެ އިތުރުން އިއްލެގެ ކުރިއަށް އޮތް ފީޗާ ފިލްމު "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި އަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދު (ޝިިޔާ) ގެ އިތުރުން ބައިސްކޯފްގެ ސީރީޒް "އެހެނަސް" ގެ ރޯލެއް ކުޅުނު އަހުމަދު ޝާރިފް އެވެ.

"މަޒްލޫމް" އަކީ ރޭޕްގެ ހާދިސާތަކެއްގެ ސަބަބުން ދިމާވާ ހައިޖާނުގަނޑެއް ފެނިގެންދާނެ އެއްޗެކެވެ. ބައިސްކޯފުން މި ފިލްމު ގެނެސްދޭން ނިންމި ނަމަވެސް ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"މަޒްލޫމް" އަކީ އިއްލެގެ އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ އެއްޗެކެވެ. މި ފިލްމަކީ އެ ދެ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭން ނިންމާފައިވާ ކުރު ފިލްމު ސިލްސިލާގެ ތެރެއިން އެއްޗެކެވެ.

އައި ފިލްމްސް އިން އަންނަނީ މިފަދަ އިތުރު ޕްޖެކްޓްތަކެއްގެ ވެސް މަސައްކަތްކުރަމުންނެވެ.