ސުހާނާ.
19 އޯގަސްޓް 2021 - 06:20
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ނެރޭނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގަލީ ބޯއި" އާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" އަދި "ދިލް ދަޅަކް ނޭ ދޯ" ފަދަ ފިލްމުތައް ގެނެސްދިން ޒޯޔާ، ސުހާނާ ލޯންޗްކުރަން ހަދާ ފިލްމު ބިނާކުރަނީ ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ "އާޗީ" އަށެވެ. އެގޮތުން އޭގެ ވާހަކަތަކާއި ކެރެކްޓާތައް މަސްހުނިކޮށްގެން ހަދާ ރޮމޭންޓިކް ކޮމެޑީގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ކާސްޓް ވެސް ވަރަށް އަވަހަށް އެއްކޮށް ފައިނަލްކުރާނެ އެވެ.
މީޑިއާތަކުން ބުނީ މި ފިލްމާ ބެހޭ ގޮތުން ސުހާނާއާ ޒޯޔާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އޭނާ ފިލްމަށް ފަހުގެ ރުހުން ދޭނީ ބައްޕަ ޝާހްރުކްގެ ލަފާ ވެސް ހޯދައިގެން ކަމަށެވެ. ސުހާނާ، 20، އަކީ މިހާރު އެމެރިކާގައި ކިޔަވަމުން އަންނަ ޒުވާނެކެވެ.
ޒޯޔާ އަދި ސުހާނާ.
އޭނާ ބޮލީވުޑަށް ނުކުންނާނެ ވާހަކަ އަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. މީގެ ކުރިން ކޮލެޖްގައި ކިޔަވަމުން ވެސް ސުހާނާ އެކްޓިން ހުނަރު ދައްކާފައިވެ އެވެ. އެގޮތުން "ދަ ގްރޭ ޕާޓް އޮފް ބްލޫ" ކިޔާ ކުރު ފިލްމެއްގައި ސުހާނާ މަސައްކަތްކޮށްފައިވެ އެވެ.
އެކަމަކު ކުރިން ބެލެވިފައި އޮތީ ސުހާނާ ބޮލީވުޑަށް ނެރޭނީ ބައްޕަ ޝާހްރުކްގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރް ކަމަށެވެ. އޭނާގެ ވަރަށް ގިނަ އިންޓަވިއުތަކުގައި ވެސް ސުހާނާ އާއި ޝާހްރުކްގެ ފިރިހެން ދަރިފުޅު އަރިޔަން ޚާންގެ އަލަތު ފިލްމު ޑައިރެކްޓްކުރާނީ އަމިއްލަ އަށް ކަމަށް ބުނެފައިވެ އެވެ. ކަރަން އަކީ ޝާހްރުކްގެ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭޒް އިން ޚާން" ގެ ޑައިރެކްޓަރެވެ.
ނަމަވެސް ބޮލީވުޑަށް ނުކުތުމުގެ ވިސްނުމެއް އަރިޔަން، 23، ގެ ނެތެވެ. އަންހެން ދަރިފުޅު ފިލްމު ކުޅޭނެކަން ޝާހްރުކް ވެސް ކަށަވަރުކޮށް ދީފައިވާ އިރު، އޭނާ ލޯންޗްކުރަން ޒޯޔާ ހަދާ ފިލްމު ގެނެސްދޭނީ ކިހާ ތާކު ކަމެއް އަދި ނޭނގެ އެވެ.
ބައެއް މީޑިއާތަކުން ބުނީ ޒޯޔާގެ މި ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ އެއްޗެއް ކަމަށެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް ވާހަކައެއް ޒޯޔާ އަދި ދައްކައިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy