29 އޯގަސްޓް 2021 - 07:01
މިދިޔަ އަންގާރަ ދުވަހު އާންމުކުރި މާވެލް ސްޓޫޑިއޯސްގެ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ ޔޫޓިއުބްގައި ރެކޯޑް ހަދައިފި އެވެ.
އެ ބެލި މީހުންގެ އަދަދު އެންމެ 24 ގަޑިއިރު ތެރޭގައި 355.5 މިލިއަނަށް އެރި އެވެ. ކުރިން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޔޫޓިބްގައި ބެލި ޓީޒާ ޓްރެއިލާގެ ރެކޯޑް އޮތީ 2019 ގެ "އެވެންޖާޒް: އެންޑްގޭމް" އަށެވެ. ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ މަގާމުގައި އޮތް އެ ފިލްމުގެ ޓީޒާ ޓްރެއިލާ އަށް 24 ގަޑިއިރުތެ ތެރޭގައި 289 މިލިއަން ވިއުސް ލިބިފައިވެ އެވެ. އަދި ފިލްމުގެ ރަސްމީ ފަހު ޓްރެއިލާ އަށް 24 ގަޑިއިރު ތެރޭގައި 268 މިލިއަން ވިއުސް ލިބިފައިވެ އެވެ.
ތިން ވަނައިގައި ވެސް ޔޫޓިއުބް ޓްރެއިލާގެ ރެކޯޑް އޮތީ "އެވެންޖާޒް" ގެ ފިލްމަކަށެވެ. އެއީ 24 ގަޑިއިރު ތެރޭގައި 230 މިލިއަން ވިއުސް ލިބުނު 2018 ގެ "އެވެންޖާޒް: އިންފިނިޓީ ވޯ" އެވެ.
މި ލިސްޓްގެ ގަދަ 10 އަށް ބަލާއިރު ލިސްޓް ތަރުތީބަކީ މިއީ އެވެ؛ ދެހާސް އަށާރައިގެ "ލަޔަން ކިންގް" ގެ ޓީޒާ ޓްރެއިލާ އަށް 24 ގަޑިއިރު ތެރޭގައި 224.6 މިލިއަން ވިއުސް، 2017 ގެ ފިލްމު "އިޓް" ގެ ޓީޒާ ޓްރެއިލާ އަށް 179.0 މިލިއަން ވިއުސް، "އެވެންޖާޒް: އިންފިނިޓީ ވޯ" ގެ ފައިނަލް ޓްރެއިލާ އަށް 179.0 މިލިއަން ވިއުސް، މިދިޔަ އަހަރުގެ "މުލާން" ގެ ޓީޒާ ޓްރެއިލާ އަށް 175.1 މިލިއަން ވިއުސް، "ލަޔަން ކިންގް" ގެ ފައިނަލް ޓްރެއިލާ އަށް 174.0 މިލިއަން ވިއުސް އަދި މި އަހަރުގެ "އެފް 9" ގެ ޓީޒާ ޓްރެއިލާ އަށް 151.0 މިލިއަން ވިއުސް އެވެ.
ޓޮމް ހޮލަންޑް ސްޕައިޑަމޭންގެ ރޯލުން ފެންނާނެ ތިން ވަނަ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ ރެކޯޑަކަށްވެގެން ދިޔަ އިރު، އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 17 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy