ފަރުދީން.
13 ސެޕްޓެމްބަރ 2021 - 06:47
ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ފަރުދީން ޚާން އެނބުރި އަލުން އެކްޓިން އަށް އަންނަން ތައްޔާރުވަމުން އަންނަ އިރު އޭނާ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކުރީގެ މަޝްހޫރު އެކްޓަރު ފީރޯޒް ޚާންގެ ދަރިފުޅު އަލުން އެކްޓިން އަށް ނުކުންނަ ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޕްރޮޑިއުސްކުރާ "ވިސްފޮޓް" އެވެ. މި ފިލްމަކީ ހުސައިން ދަލާލު ލިޔެ، ސަމިތު ކައްކަޅް ޑައިރެކްޓްކުރާ ފިލްމެކެވެ. ސަމިތަކީ 2016 ގެ މަރާޓީ ފިލްމު "ހާފް ޓިކެޓް" ގެ ޑައިރެކްޓަރެވެ.
ހަންގާމާ އިން ބުނި ގޮތުގައި "ވިސްފޮޓް" އަކީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ކުރާ ކުރީގެ ޑްރަގް ޑީލަރަކު (ފަރުދީން)، ޕައިލެޓެއް (ރިތޭޝް ދޭޝްމުކް) ގެ ދަރިފުޅު ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެއް ފެނިގެންދާނެ އެއްޗެކެވެ.
ފަރުދީނާއި ރިތޭޝް ކުރިން 2007 ގެ "ހޭ ބޭބީ" ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ސަންޖޭ އާއި އޭނާގެ ޓީމް މިހާރު "ވިސްކޮފް" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވިދި ފަރުދީން، 47، އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "ދުލްހާ މިލްގަޔާ" އެވެ. އޭނާ އަލުން އެކްޓިން އަށް ނުކުންނަ އިރު، ފިލްމު ކުޅުން ހުއްޓައިލި ފަހުން ވަރަށް ބޮޑަށް ފަލަވެ، ސިފަ ގެއްލި ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އެކަމަކު މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ފަރުދީން އަންނަނީ ހިކެން މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy