މަނޫކްރިތީ ކުރިން ދެ ފިލްމެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅުނު
މަނޫކްރިތީ (ކ) އާއި ސީމާ.
01 ނޮވެމްބަރ 2021 - 06:53
ބޮލީވުޑްގެ ބަތަލާ ސީމާ ޕަހްވާގެ އަންހެން ދަރިފުޅު މަނޫކްރިތީ ޕަހްވާ ލީޑް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނެރޭ ފިލްމު "ޔޭ މަރުދު ބޭޗާރާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ފެނިގެންދާނެ މި ފެމިލީ ކޮމެޑީ އަކީ އަނޫޕް ތާޕާ ޑައިރެކްޓްކޮށް މި މަހުގެ 19 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ. "ޔޭ މަރުދު ބޭޗާރާ" ގެ ކާސްޓްގައި ވީރަޖް ރާއޯ އާއި މަނިކް ޗައުދަރީގެ އިތުރުން ސީމާ އާއި ބިޖެންދުރަ ކަރްލާގެ އިިތުރުން އަތުލް ޝްރިވަސްތާވް ވެސް ހިމެނެ އެވެ.
މަނޫކްރިތީ ލީޑް ބަތަލާއެއްގެ ގޮތުގައި ނެރޭ އިރު، އޭނާ ކުރިން އެހެން ދެ ފިލްމެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވެ އެވެ. އެއީ އަނުޝްކާ ޝަރުމާ އާއި ވަރުން ދަވަންގެ 2018 ގެ ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އާއި މަންމަ ސީމާގެ އަލަތު ޑައިރެކްޝަންގެ ގޮތުގައި މި އަހަރު ރިލީޒްކުރި "ރާމްޕްރަސާދު ކީ ތެހެރްވީ" ގަ އެވެ.
މަނޫކްރުތީގެ މަންމަ ސީމާގެ އިތުރުން ބައްޕަ މަނޯޖް ޕަހްވާ އަކީ ވެސް އެކްޓަރެކެވެ. މިހާތަނަށް އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައިވާ ދެމަފިރިންގެ މަނޫކްރިތީގެ އިތުރުން މަޔަންކް ޕަހްވާ ކިޔާ ފިރިހެން ކުއްޖަކު ވެސް ހުރެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ރޯލެއް ވެސް ކުޅެފައިވާ ސީމާ ޑައިރެކްޝަނަށް ނުކުތް ނަމަވެސް އޭނާ ދެން ހަދާނެ ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަންހެން ދަރިފުޅު ލީޑް ރޯލު ކުޅުނު ފިލްމާ އެކު، މަނޫކްރިތީ އަށް ބޮލީވުޑުން ކިހާ ވަރެއްގެ ކުރިއެރުމެއް ލިބިދާނެތޯ ބަލާލަން އަދި ޖެހޭނީ މަޑުކޮށްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy