މޫސުަމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން ދިފާއުވުމުގެ ބާރު، ރެޒީލިއަންސް [ވިލުންވެރިކަން] އެއީ މިހާރު ހަމަ އެކަނި ކަނޑުތޮށީގެ އުސްމިނަކުން ނުަވަތަ އުމްރާނީ ވަސީލަތްތަކަކުން ވަޒަނެއް ކުރެވޭ ކަންކަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ޖަމިއްޔާ (ސިޑްސް)ގެ މެމްބަރު ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން އއ. އުކުޅަހުގައި ބޭއްވި ގެންދާ މަހާސިންތާ ނިންމުމަށާއި އައިޑީއައި ގްލޯބަލް ސަމިޓް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވީ، ހަގީގީ ވިލުންވެރިކަމަކީ ވަރުގަދަ މުއައްސަަސާތަކުގެ މައްޗަށް ބިނާވާ ކަމެއް ކަމަށާއި އެކަން ފެންނާނީ ޒިންމާދާރު ގޮތެއްގައި މާލީ ކަންތައްތައް މެނޭޖް ކުރުމުގެ ތެރެއިން ކަމަށެވެ. އެކަން ވަރުގަދަވާނީ ދެފުށް ފެންނަ ސިޔާސަތުގެ ތެރެއިން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މޫސުަމަށް އަންނަ ބަދަލަކީ އަޅުގަނޑުމެން [ސިޑްސްގެ ގައުމުތައް] ހިއްސާކުރާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާ ނަމަ ހަރުދަނާ ހެޔޮވެރިކަން [ގުޑް ގަވަނެންސް] ވާން ޖެހޭނީ އަޅުގަނޑުމެން ހިއްސާކުރާ އެންމެ ވަރުަގަދަ ބާރަށް. މިއަދު ވިލުން ވެރިކަމަކީ ހަމަ އެކަނި ކަނޑުތޮށީގެ އުސްމިނުން ނުވަތަ އުމްރާނީ ވަސީލަތްތަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ މިނެއް ނެތި ފައިސާ އިންވެސްޓްކުރަމުންނެވެ. އެއީ އެކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލައިޒް ކުރުމަށާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ އިންވެސްޓްމަންޓްތައް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުން ހަވާލުކުރާ ކޮންމެ ޑޮލަރެއް އަދި ތަރަައްގީގެ ބައިވެރިން ފޯރުކޮށްދޭ ކޮންމެ ޑޮލަރެއް ހަރަދުކުރަން ޖެހޭނީ އެ ފައިސާ ފޯރުކޮށްދިން އަސްލު މަގުސަދާ އެއްގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެކައުންޓަބިލިޓީ އަކީ އެހެންވީމާ އިދާރީ ޒިންމާއެއް އެކަންޏެއް ނޫން. އެއީ ގައުމީ ސްޓްރެެޓީޖިކް ރައުސްމާލެއް،" ރައީސް ވިދާޅުވި އެވެ.
ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ޒިންމާދާރު ކުރުވުމަކީ އިތުބާރު އުފައްދާނެ ކަމެއް ކަމަށާއި އިންވެސްޓްމެންޓްތައް ލިބޭނީ އިތުބާރުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިންވެސްޓްމެޓް ލިބުމަކީ ތަރައްގީ އަވަސްވާނެ ކަމެއް. ތަރައްގީއަކީ ވިލުންވެރިކަން ވަރުގަދަކޮށްދޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މަހާސިންތާގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުން އަންނަ މިންވަރު ބެލުމަށް ކުދި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން އޮޑިޓްތައް ކުރުމަށް ގާބިލުކަން އިތުރުކުރުމެވެ.
މަހާސިންތާގައި އެކި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގައި މަސައްކަތް ކުރައްވާ 80 މަންދޫބަކު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ މަހާސިންތާގައި މިއަދު އޮތީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުން އަދާކުރާ ދައުރުގެ މައްޗަށް ކުރިއަށް ގެންދާ މަޝްވަރާތަކެވެ. އަދި ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމާއި ގުޅޭ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.