ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް ހައްދަން އިތުރު 10 ރަށެއްގައި ނާސަރީ އަޅަން ގްރާންޓް ދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރުގައި ފަސް މިލިއަން ގަސް އިންދުމަކީ އެމަނިކުފާނުފެ ވައުދުފުޅެކެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެހީ ލިބުނު ރަށްރަށުގެ ކައުންސިލްތަކާ އެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގަތެވެ.
ނާސަރީ އަޅަން ފުރަތަމަ މާލީ އެހީ ދީފައިވާ 10 ރަށަކީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ އެވެ.
މިފަހަރު އެހީ ދިން ރަށްތައް
ހދ. ނޮޅިވަރަން، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަނރަބޫދޫ، ދ. މީދޫ، ލ. ފޮނަދޫ، ލ. ހިތަދޫ، ގދ. ވާދޫ، ޏ. ފުވައްމުލަށް އަދި އައްޑޫ މީދޫ
މިނިސްޓްރީން ބުނީ ނާސަރީތައް ހެދުމުން އެކި ބާވަތްތަކުގެ ގަސްގަހާގެހި ހެދުމަށާއި ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ މުޅި ރާއްޖޭގައި 20 ނާސަރީ ހަދާށެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކޮންމެ ރަށެއްގައި ނާސަރީ އެޅުމަށް 500,000ރ.ގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ 10 ރަށަށް ޖުމްލަ 5 މިލިއަން ރުފިޔާ ދޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ. އެ ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށެވެ.
އޭރުން، ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫއު އިތުރަށް ހަރުދަނާކުރުމަށް، ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.