ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އަޅަން 10 ރަށަކަށް ގްރާންޓް ދީފި އެވެ.

އެންވަޔަރަމަންމަޓް މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ނާސަރީ އެޅުމަށް ގްރާންޓް ދީފައިވާ ރަށްތަކުގެ ކައުންސިލްތަކާ އެކު ސޮއިކޮށްފަ އެވެ.

ފުރަތަމަ ނާސަރީ އަޅާ 10 ރަށަކީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ އެވެ.

މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކޮންމެ ރަށެއްގައި ނާސަރީ އެޅުމަށް 500,000ރ.ގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ 10 ރަށަށް ޖުމްލަ 5 މިލިއަން ރުފިޔާ ދޭނެ އެވެ.

 

ގްރާންޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްތަކާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވަނީ-- ފޮޓޯ: އެމްވަޔަރަމަންޓް މިނިސްޓްރީ
ގްރާންޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްތަކާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވަނީ-- ފޮޓޯ: އެމްވަޔަރަމަންޓް މިނިސްޓްރީ

އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ. އެ ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށެވެ.

އޭރުން، ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫއު އިތުރަށް ހަރުދަނާކުރުމަށް، ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ފަސް އަހަރުން ނިންމުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެ ވަޑައިގެންފައިވާ ވައުދުފުޅެކެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ ތިމާވެށީގެ ދުވަހު ފެށި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށާއި މި އަހަރުގެ އަމާޒަކީ އިތުރު އެއް މިލިއަން ގަސް އިންދުން ކަމަށް މިނިސްޓްރީން ބުންޏެވެ.