ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސްޓޭލްކޯއިން ވެސް މަދުވެގެން 500،000 ގަސް އިންދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އެ މަނިކުފާނު ފައްޓަވައިދެއްވީ މިއަދު ހެނދުނެވެ.
ސްޓެލްކޯއިން މިއަދު ސޮއި ކުރި ޕްރޮޖެކްޓުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ފަރާތުން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށާފައި ވަނީ ކ. ތުލުސްދޫގަ އެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
އެންވަޔަރަމެންޓް މިިނިސްޓްރީން ބުނީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ބާވަތުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާފައިވާ ކަމަށެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވަޒަންކުރާނެ ކަމަށް ވެސް ބުންޏެވެ.