ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި، ގަނޑުކޮށް ކޮތަޅު ގަންނަ މީހުންގެ އަތުން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ކުނި މެނޭޖުކުރުމުގެ ގާނޫނަށް މަޖިލީހުން މިދިޔަ ހޯމަ ދުވަހު ގެނައި އިސްލާހު ރައީސް މުއިއްޒު ތަސްދީގުކުރައްވާފައިވާ ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނު ކުރިން އޮތް ގޮތުން ފީ ނެގުން އިސްތިސްނާވަނީ ތިން ބާވަތެއްގެ ޕްލާސްޓިކް ކޮތަޅުންނެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާތަކެވެ.
ނަމަވެސް، އެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނެގުން އިސްތިސްނާވާނެ ކަމަށް ބަޔާންކޮށްފަ އެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ނިޒާމަށް ގެނައި އަނެއް ބަދަލަކީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައި އަދި އެގޮތަށް ނަގާ ފީއާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހަދަން މިނިސްޓްރީއަށް ލާޒިމް ކުރުމެވެ. އެހެންވެ، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅަށް ފީ ނަގާކަން ކަށަވަރު ކުރުމަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް އެ އިސްލާހުގައިވެ އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތްގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ތަކުރާރުކޮށް އެތައް ފަހަރަކު ނަގަން ޖެހެ އެވެ. އެގޮތުން ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނަށް ގަނޑުކޮށް ކޮތަޅު ގަންނައިރު އެ ތަންތަނުން ވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ހޯލްސޭލަރުންނަށް ފީ ދައްކަން ޖެހެ އެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ މި އިސްލާހުގެ ދަށުން މިކަމަށް ހާއްސަ ގަވާއިދެއް މިނިސްޓްރީން ހެދުމުންނެވެ. އެ ގަވާއިދު އެކުލަވާލަން އެއް އަހަރު ދުވަހުގެ މުއްދަތެއް މިނިސްޓްރީއަށް ދީފައިވެ އެވެ.
ކޮތަޅު ސަޕްލައިކުރުމުގެ ތެރޭގައި އެތައް ފަހަރަކު ފީ ނެގުން ތަކުރާރުވާތީ އެ ގާނޫނަށް އަމަލުކުރަން ފެށީރުއްސުރެ އެކި ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން، މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ ހިލާފަށް ކުނި މެނޭޖްކުރާ ނަމަ، ޖޫރިމަނާ ކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް އޮންނާނެ ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ. އަދި އެ އިސްލާހުގައި ވަނީ ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ދިނުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތަކާއި އުސޫލުތަކުގެ އިތުރުން ގަވާއިދުތައް ހެދުމުގެ ޒިންމާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މަތިކޮށްފަ އެވެ.