ސައިހޮޓާތަކެއްގައި ދިރިއުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް އެ އިދާރާގެ ޓާސްކް ފޯހުން ހިންގާ އޮޕަރޭޝަންގައި މިދިޔަ ހޯމަ ދުވަހު މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރި ކަމަށެވެ.
އޭގެ ތެރޭގައި ދެ ގެއަކާއި ދެ ސައިހޮޓާ ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ހަތް ބިދޭސީއަކު އެ ތަންތަނުން ހިފަހައްޓާފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަން ބަލައި ފާސްކުރަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފެށި އިރު، މިދިޔަ ހަފުތާގައި މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި، ހެންވޭރުގައި ހުންނަ ގާމަގު ކެފޭގެ މަތީގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅުނުކަން ވަނީ އެނގިފަ އެވެ. ތިން ފްލޯއަށް ހުރި އެ ތަނުގެ މަތީ ދެ ފްލޯ ހަދައިފައި ހުރީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ. އަލިފާނުގެ ހާދިސާގައި އެ އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
އިމިގްރޭޝަނުން ކުރިން ބުނި ގޮތުގައި، އެ ކަހަލަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައި ވެސް ފިޔަވަޅު އަޅާނެ އެވެ.