ކޮންމެ ކޮސްމެޓިކް ޕްރޮޑަކްޓެއްގައި އެ ޕްރޮޑަކްޓެއްގެ މުއްދަތު ހަމަވާ ދުވަހާއި އެ ޕްރޮޑަކްޓެއް އުފައްދަން ބޭނުންކުރި އެއްޗެހި ސާފުކޮށް އެނގޭނެހެން ބުނެދޭން ޖެހެ އެވެ. ޕްރޮޑަކްޓްތަކުގައި އޯގެނިކް، ވެގަން، ކްރުއަލްޓީ ފްރީ، ނެޗުރަލް އަދި ގްރީން ލޭބަލްތައް އާއްމުކޮށް ޖަހާފަ ހުރެ އެވެ. އަދި އެންމެ ފަހުގެ ބިއުޓީ ކެޓަރީތަކުގެ ތެރޭގައި "ހަލާލް" ހިމެނެ އެވެ.

"ހަލާލް" ކޮސްމެޓިކްސް ބްރޭންޑްތަކަށް އޮންނަ ޑިމާންޑް މިހާރު ކުރިއަށްވުރެ ބޮޑަށް އިތުރުވެއްޖެ އެވެ.

ގޫގުލް އިން ސާޗްކޮށްގެން ކޮސްމެޓިކްސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ހޯދަން މީހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު 2013 އިން ފެށިގެން އެންމެ ގިނައިން ހޯދާފައިވަނީ "ހަލާލް މޭކަޕް" އެވެ. އަދި މޭކަޕް ޖައްސާ މުސްލިމުންގެ އަދަދު ވެސް ކޮންމެ އަހަރަކު ގިނަވަމުން އަންނަކަން ދިރާސާތަކުން ދައްކަ އެވެ.

ޝިސެއިޑޯ އިން އަދި އެސްޓޭ ލައުޑާ ފަދަ ނަން މަޝްހޫރު ކޮސްމެޓިކްސް ކުންފުނިތަކުން މިކަމާ ބެހޭގޮތުން ދިރާސާކޮށް އެގޮތަށް އަމަލުކުރަން ފަށައިފި އެވެ. ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޝިސެއިޑޯ ހަލާލް ސަޓިފިކޭޝަން ހޯދާފައި ވަނީ 2012ގަ އެވެ. އަދި މެލޭޝިއާގައި "ޒާ"ގެ ނަމުން ޝިސެއިޑޯ 28 ވައްތަރެއްގެ ހަލާލް "ސްކިން ކެއާ" ޕްރޮޑަކްޓް ވިއްކަ އެވެ.