ބޭނުންވާތަކެތި
ފުދޭނީ : 5 މީހުންނަށް
ތައްޔާރުކުރަން ނަގާ ވަގުތު : 1 ގަޑިއިރު
1 ކުކުޅު (1400 ގުރާމުގެ، ހަންގަނޑު ނޮޅައިފައި ބޮޑެތިކޮށް ބައިކޮށްފައި)
3 މޭޒުމަތީސަމުސާ ހަނާކުރި ހަވާދު ("ރުމާ" ލަފާދޭނީ އެމް. ޔޫ މިލް ހަވާދު)
½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރި)
½ ސައިސަމުސާ އަސޭމިރުސް (މުގުރި)
5 ލޮނުމެދު (ގާނައިފައި)
½ ސައިސަމުސާ އިނގުރު (ގާނައިފައި)
1 ފިޔާ (ބޮޑު، މެދުން ފަޅައިފައި އަރިމަތިން ތުނިކޮށް ކޮށައިފައި)
½ ސައިސަމުސާ ރީނދޫ
1 މޭޒުމަތީސަމުސާ ގިތެޔޮ (އަސީލް ގީ)
½1 ޖޯޑު ކާށިކިރު (ދިޔާކިރު)
1 މޭޒުމަތީސަމުސާ ތެޔޮ
ހިކަނދިފަތް، ރާނބާފަތް، ގިތެޔޮމިރުސް، ލޮނު
ހަދާނެ ގޮތް
ކުކުޅުގައި އަސޭމިރުހާއި، ރީނދުލާއި، ކުޑަ ލޮނުކޮޅަކާއި، ހަވާދުކޮޅު ހާކައިލައިފައި 10 މިނެއްޓު ވާންދެން ބެހެއްޓުން.
ގިތެލާއި ތެޔޮ އަޅައިގެން ފިޔާ (ތިންބައިކުޅަ ދެބައި) މީރުކުރުން. ފިޔާކޮޅު މޯޅިވީމައި އިނގުރާއި ލޮނުމެދު އެއްކޮށްފައި، ކުކުޅުކޮޅު އަޅާލުން. ބައި ޖޯޑު ކާށިކިރު އަޅައިފައި، މަތިޖަހައިގެން، މަޑު ގިނީގައި ކެއްކުން. ކައްކާއިރު، ކޮންމެ 3 މިނެއްޓަކުން ކުކުޅުކޮޅު ފުށުންޖަހައިލަން ވާނެ. 15 މިނެއްޓު ވާންދެން ކެއްކުން.
ބާކީ ހުރި ކާށިކިރުޖޯޑުގެ ތެރެއަށް ފޮނިތޮށިކާފޫރުތޮޅި، ގިތެޔޮމިރުސް (ބޭނުންވާ ވަރަކަށް)، ބާކީ ހުރި ފިޔާކޮޅު، ހިކަނދިފަތް، ރާނބާފަތް އަޅައިލުން. އަދި އެ ކާށިކިރުޖޯޑު ކުކުޅުކޮޅުގެ ތެރެއަށް އަޅައިލުން. އެއްކޮށްލައިފައި ލޮނު ހެޔޮވަރުކުރުން. އިތުރު 5 މިނެއްޓު ކައްކައިލުން.
މި ރިހަ ކައްކަން ފަސޭހަވާނީ ތަންކޮޅެއް ތިލަ ތެއްޔެއްގައި. މި ރިހައަކީ، ޢީދު ފަދަ ޚާއްޞަ ކެއުންތަކަށް، ކުރީ ޒަމާނުގައި ކައްކާ ރިހައެއް. މި ރިހަޔާ އެއްކޮށް ދިރިފިޔާ ބަތާއި ބޮޑުފިޔާ ސަޓަނި ނުވަތަ ރޫސިހާ ބަތާއި ބޮޑުފިޔާ ސަޓަނި ވަރަށް މީރުވާނެ.